ހަނގުރާމައިގައި ބައިވެރިވާން އަސްކަރިއްޔާއާ އެތައް ހާސް ބަޔަކު ގުޅުމަށް ނައިޖަރުގެ ބަޣާވާތުގެ ބޭފުޅުން ގޮވާލައްވައިފިއެވެ.

ނައިޖަރުގެ މައްސަަލަ ގޯސްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުުރުކުރުމުންނެވެ.

މިހާރު ވެރިކަމާއި ހަވާލުވެ ހުރީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ.

އެހެންވެ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އިން ވަނީ ބަޒޫމްގެ ވެރިކަން އަލުން އިއާދަ ކުރުމަށް ގޮވާލައިފައެވެ. އެހެން ނޫންނަމަ ނައިޖަރަށް ސިފައިން ފޮނުވައިގެން ވެސް ވެރިކަން އަލުން އިއާދަކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އެއާއެކު ނައިޖަރުގައި ވެރިރަށް ނިއާމޭގައި މިހާރު ދަނީ އަސްކަރިއްޔާއާ ގުޅުމަށް ވަރުގަދަ ރެލީތައް ބާއްވަމުން ނެވެ. އެގޮތުން އެތައް ހާސް ބަޔަކު އަސްކަރިމިއްޔާއާ ގުޅުމަށް ވަނީ ގޮވާލައިފައެވެ.

ބަޣާވާތަށް ވެރިރަށް ނިއާމޭގައި ވަރަށް ބޮޑަށް ތާއިދު އޮތް ކަން ވަނީ ހާމަވެފައެވެ. އަދި ވެރިރަށުގައި އުޅޭ މީހުން ދަނީ ރަޝިއާގެ ދިދަ ވެސް ހޫރުވަމުން ނެވެ.

ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިން ވަނީ ނައިޖަރު ހަނގުރާމައާ ވަރަށް ބޮޑަށް ދެކޮޅުކަން ހާމަކުރައްވައިފައެވެ.

އިކޯވާސް މިހާރު ލީޑު ކުރަމުން ދަނީ ނައިޖީރިއާއިންނެވެ. އަދި ނައިޖަރަށް ހަމަލާ ދެވޭނީ ވެސް ނައިޖީރިއާގެ ތެރެއިންނެވެ.

ނައިޖަރަށް އަރައިގަތުމަށް ނައިޖީރިއާގެ ރައީސް އެ ގައުމުގެ ސެނެޓަށް ވެސް ހުށަހެޅުއްވިއެވެ. ނަމަވެސް ސެނެޓުން ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ.

ނައިޖަރަށް ސަޕޯޓް ކުރާ ބުރްކީނާ ފާސޯ އާއި މާލީން ބުނީ ނައިޖަރަށް ހަމަލާ ދީފިނަަމަ އެ ގައުމުތަކުނެ ވެސް ނައިޖީރިއާއާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

ނައިޖަރަށް ގެނައި ބަޣާވާތަށް ފަހު އެ ގައުމުން ފްރާންސްއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ އުވާލައިފައެވެ.

ނައިޖަރު، މާލީ އަދި ބުރްކީނޯ ފާސޯއިން ބުނާ ގޮތުގައި ފްރާންސުން ދަނީ އެ ގައުމުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަ ކުރަން ކަމަށް ބުނެ އެކަން ނިވާފަތް ގަނޑަކަށް ހަދައިގެން އެ ގައުމުތަކުގައި ގާއިމުވެ ތިބުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ފްރާންސުން ދަނީ ދީނީ ނިރުބަވެރި ހަނގުރާމަވެރިންނަށް އެހީ ވަމުން ކަމަށް އެގައުމުތަކުން ތުހުމަތު ކުރެއެވެ.

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.