ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގައި ބަޣާވާތް ގެނައި ލީޑަރުން އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އާއެކު މަޝްވަރާ ކުރަން އެއްބަސްވެއްޖެ އެެވެ.

ނައިޖަރުގެ މައްސަަލަ ގޯސްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުުރުކުރުމުންނެވެ.

މިހާރު ވެރިކަމާއި ހަވާލުވެ ހުރީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ. އޭނާ ވަނީ ފްރާންސްއާ އެކު ހަދާފައި އޮތް މިލިޓަރީ އެއްބަސްވުން ވަނީ އުވާލައިފައެވެ. އެއާއެކު މުޅި ސަރަހައްދުގެ މަސްރަހު ގޯސްވެ ދެންމެ ދެންމެ ހަނގުރާމައެއްެ ފެށިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

އެހެންވެ ނައިޖަރުގެ އިސްލާމީ އިލްމުވެރިންތަކެއް ވަނީ ބަޣާވާތުގެ ލީޑަރުންނަާ ބައްދަލު ކުރައްވައިފަ އެވެ.

އިލްމުވެރިންގެ ވަފުދުގައި އިސްކޮށް ހުންނެވި ޝައިހް އަބްދުﷲ ބަލަ ލައު ވިދާޅުވީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީ އިކޯވާސް އާއެކު މަޝްވަރާ ކުރަން އެއްބަސްވެފައިވާ ކަމަށެވެ،

އިކޯވާސްއާއެކު ޑިޕްލޮމެޓިކް ހައްލެއް ނުލިބިގެން އުޅޭއިރު މިިދޔަ ހަފްތާގައި ވަނީ ނައިޖަރަށް ހަމަލާ ދޭން ޖެހިއްޖެނަމަ ހަމަލާ ދޭން އަސްކަރީ ފައުޖެއް ވެސް އެކުލަވާލައިފަ އެވެ.

އަދި ނައިޖަރުގެ ކުރީގެ ވެރިކަން އަލުން އިއާދަ ކުރަން ވަނީ މުހުލަތެއް ވެސް ދީފައެވެ. އިކޯވާސް މިހާރު ލީޑުކުރަމުން ދަނީ ނައިޖީރިއާއިންނެވެ.

އެެކަމަކު ނައިޖަރަށް ސަޕޯޓް ކުރާ ބުރްކީނާ ފާސޯ އާއި މާލީން ބުނީ ނައިޖަރަށް ހަމަލާ ދީފިނަަމަ އެ ގައުމުތަކުނެ ވެސް ނައިޖީރިއާއާ ދެކޮޅަށް ނުކުންނާނެ ކަމަށެވެ.

ނައިޖަރު، މާލީ އަދި ބުރްކީނޯ ފާސޯއިން ބުނާ ގޮތުގައި ފްރާންސުން ދަނީ އެ ގައުމުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަ ކުރަން ކަމަށް ބުނެ އެކަން ނިވާފަތް ގަނޑަކަށް ހަދައިގެން އެ ގައުމުތަކުގައި ގާއިމުވެ ތިބުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ފްރާންސުން ދަނީ ދީނީ ނިރުބަވެރި ހަނގުރާމަވެރިންނަށް އެހީ ވަމުން ކަމަށް އެގައުމުތަކުން ތުހުމަތު ކުރެއެވެ.

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.