ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުއަށް ހަމަލާ ދޭން އެ ގައުމުގެ ކައިރީގައި އޮންނަ ގައުމުތަކުން މަސައްކަތް ކުރަމުންދާއިރު ނައިޖަރުގެ ދިފާއުގައި ސިފައިން އެ ގައުމަށް ފޮނުވަން ބުރުކީނާ ފާސޯއިން ބިލެއް ފާސްކޮށްފިއެވެ.

ބުރިކީނާ ފާސޯއިން ބުނީ ނައިޖަރުގައި ހަރަކާތްތެރިވާ ނިރުބަވެރިންނާއި ދެކޮޅަށް ހަނގުރާމަކުރުމަށް މިއީ ވަރަށް މުހިންމު ބިލެއް ކަމަށެވެ.

ނައިޖަރުގެ މައްސަަލަ ގޯސްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުރުކުރުމުންނެވެ. މިހާރު ވެރިކަމާއި ހަވާލުވެ ހުރީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ.

އެހެންވެ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އިން ވަނީ ބަޒޫމްގެ ވެރިކަން އަލުން އިއާދަ ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އެކަމުގައި އަދި ކާމިޔާބެއް ނުލިބެއެވެ. އެހެންވެ ނައިޖަރަށް ސިފައިން ފޮނުވަން ތައްޔާރުވަމުންދާ ކަމަށް އިކޯވާސްއިން ވަނީ ބުނެފަ އެވެ.

އެ މައްސަލައިގައި ނައިޖަރަށް ތާއިދުކުރާކަން ބުރުކީނާ ފާސޯއިން ހާމަކޮށްފައިވާ އިރު މާލީން ވެސް ވަނީ ނައިޖަރަށް ތާއިދު ކުރާކަން ހާމަކޮށްފައެވެ.

ނައިޖަރަށް ގެނައި ބަޣާވާތަށް ފަހު އެ ގައުމުން ފްރާންސްއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ އުވާލައިފައެވެ. އަދި ފްރާންސްގެ ސިފައިން ފޭބުމަށް ވަނީ އަންގައިފައެވެ. އެކަމަކު ފްރާންސުން ދަނީ ސިފައިން ބާލަން ދެކޮޅު ހަދަމުންނެވެ.

ނައިޖަރު، މާލީ އަދި ބުރްކީނޯ ފާސޯއިން ބުނާ ގޮތުގައި ފްރާންސުން ދަނީ އެ ގައުމުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާއި ހަނގުރާމަ ކުރަން ކަމަށް ބުނެ އެކަން ނިވާފަތް ގަނޑަކަށް ހަދައިގެން އެ ގައުމުތަކުގައި ގާއިމުވެ ތިބުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ފްރާންސުން ދަނީ ދީނީ ނިރުބަވެރި ހަނގުރާމަވެރިންނަށް އެހީ ވަމުން ކަމަށް އެގައުމުތަކުން ތުހުމަތު ކުރެއެވެ. އަދި އިކޯވާސް ލައްވައި ނައިޖަރާ ދެކޮޅަށް ހަނގުރާމަކުރަން އުޅެނީވެސް ފްރާންސް އަޑީގައި އޮވެގެން ކަމަށް ވެސް އެ ގައުމުތަކުން ތުހުމަތު ކުރެއެވެ.

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.