ދެކުނު އެފްރިކާގެ ޖޮހަނެސްބާގްގެ މެދުތެރޭގައި ހުންނަ ފަސް ބުރީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 20 މީހުން މަރުވެ 40 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ވަރަށް ހެނދުނުގެ ވަގުތެއްގައި ޑައުންޓައުންގައި ހުންނަ މަލްޓިސްޓޯރީ އިމާރާތެއްގައެވެ.

ޖޮހަނެސްބާގް އިމަޖެންސީ މެނޭޖްމަންޓް ސާވިސަސްގެ ތަރުޖަމާނު ރޮބަޓް މުލައުޑްޒީ ވިދާޅުވީ، މި އަލިފާނުގެ ހާދިސާގައި އެ ސިޓީގެ ސެންޓްރަލް ބިޒްނަސް ޑިސްޓްރިކްޓްގައި ހުންނަ އިމާރާތް އަނދާހުލިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު 20 ވަރަކަށް މީހުން މަރުވެެ، 43 މީހުން ޒަޒަމްވެފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ކުރިއަށް ދާއިރު މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ހާދިސާގައި ޒަހަމްވި މީހުންނަށް "އެކި ސިއްހީ ހިދުމަތްދޭ ތަންތަނުގައި" ފަރުވާ ދެމުން އަންނަ ކަމަށް މުލައުދުޒީ ވަނީ ވިދާޅުވެފައެވެ.

ސައުތު އެފްރިކާގެ ނިއުސް24 އޮންލައިން ނިއުސް ސައިޓުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

އެ އިމާރާތުގައި ރޯވި އަލިފާން ގަނޑު ވަރަށް ބޮޑަށް ނިއްވާލާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް، ޖޮހަނެސްބާގްގެ ޑައުންޓައުންގައި ކަޅުވެފައިވާ އެ އިމާރާތުން އަދިވެސް ދުން އަރަމުންދާ ކަަމަށް ވެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު ތަފްސީލެއް އަދި ނުލިބޭ ކަަމަށް ވެއެވެ.