ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރަށް ގެނައި ބަޣާވާތާ ގުޅިގެން އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް)ގެ މިލިޓަރީ ފޯސްއިން އެ ގައުމަށް އަރައިގަންނާނެ ދުވަސް ކަނޑައަޅައިފި އެވެ.

ނައިޖަރުގެ މައްސަަލަ ގޯސްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަޣާވާތެއް ގެނެސް ނައިޖަރުގެ ރައީސް މުހައްމަދު ބަޒޫމް ވެރިކަމުން ދުުރުކުރުމުންނެވެ. މިހާރު ވެރިކަމާއި ހަވާލުވެ ހުރީ މިލިޓަރީ ލީޑަރު އަބްދުއް ރަހުމާން ޝިއާނީއެވެ.

އެހެންވެ އިކޮނޮމިކް ކޮމިއުނިޓީ އޮފް ވެސްޓް އެފްރިކަން ސްޓޭޓްސް (އިކޯވާސް) އިން ވަނީ ބަޒޫމްގެ ވެރިކަން އަލުން އިއާދަ ކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އެކަމުގައި އަދި ކާމިޔާބެއް ނުލިބެއެވެ.

އިކޯވާސްގެ ކޮމިޝަނާ ފޯ ޕޮލިޓިކަލް އެފެއާޒް ޕީސް އެންޑް ސެކިއުރިޓީ، އަބްދުލް ފަތައު މޫސާ ބުނީ ނައިޖަރަށް ހަމަލާ ދޭން ސިފައިން ފޮނުވާނެ ދުވަސް އެ ޖަމިއްޔާގެ މިލިޓަރީ ޗީފް އިން މިހާރު ނިންމާފައިވާ ކަމަށެވެ.

މުސާ އިއްޔެ ނޫސްވެރިންނަށް މައުލާމާތު ދެމުން ވިދާޅުވީ އޯޑަރު ލިބުމާއެކު ސިފައިން ނައިޖަރަށް ފޮނުވާނެ ކަމަށެވެ. "ހުރިހާ ގޮތަކުންވެސް މައްސަލައަށް ހައްލެއް ނުލިބިެއްޖެނަމަ އަޅުގަނޑުމެން މިލިޓަރީ ފޯސް ނައިޖަރަށް ނޮފޮނުވާނެ ކަމަށް ހީ ނުކުރާތި" މޫސާ ވިދާޅުވި އެވެ

އެހެން ނަމަވެސް ނައިޖަރަށް ސިފައިން ފޮނުވާނެ ދުވަސް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ނައިޖަރުގެ ބަޣާވާތުގެ ލީޑަރުން ދެކޭ ގޮތުން އިކޯވާސްއަކީ ފްރާންސްގެ ގޮނޑި ކޮއްކޮ ޖަމިއްޔާ އެކެވެ.

ނައިޖަރަށް ގެނައި ބަޣާވާތަށް ފަހު އެ ގައުމުން ފްރާންސްއާ އެކު ހަދާފައިވާ އެއްބަސްވުން ވެސް ވަނީ އުވާލައިފައެވެ. އަދި ފްރާންސްގެ ސިފައިން ފޭބުމަށް ވަނީ އަންގައިފަ އެވެ. އެކަމަކު ފްރާންސުން ދަނީ ސިފައިން ބާލަން ދެކޮޅު ހަދަމުން ނެވެ.

ނައިޖަރު، މާލީ އަދި ބުރްކީނޯ ފާސޯއިން ބުނާ ގޮތުގައި ފްރާންސުން ދަނީ އެ ގައުމުތަކުގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާ ހަނގުރާމަ ކުރަން ކަމަށް ބުނެ އެކަން ނިވާފަތް ގަނޑަކަށް ހަދައިގެން އެ ގައުމުތަކުގައި ގާއިމުވެ ތިބުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަގީގަތުގައި ފްރާންސުން ދަނީ ދީނީ ނިރުބަވެރި ހަނގުރާމަވެރިންނަށް އެހީ ވަމުން ކަމަށް އެގައުމުތަކުން ތުހުމަތު ކުރެއެވެ.

ނައިޖަރަކީ ޔުރޭނިއަމުން ވަރަށް ބޮޑަށް މުއްސަނދިވެފައިވާ ގައުމެކެވެ. އެެހެންވެ ފްރާންސަށް ނައިޖަރު ވަރަށް މުހިންމެވެ. އެފްރިކާގެ ވަރަށް ގިނަ ގައުމުތައް ފްރާންސުން މީގެ ކުރިން އަޅުވެތި ކުރިއެވެ. އަދި މިހާރު ވެސް އެފްރިކާގެ އެކި ގައުމުތަކުން ތަފާތު މަންފާތައް ފްރާންސުން އަންނަނީ ހޯދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމަލު

    އެއީ ކޮން ދުވަހެއްތޯ. އެކަން ސާފެއް ނުވި

  2. ހުސޭނުބޭ

    ޔީރަޕްގެ ޤައުމުތަކުގެ ހައްޤުހޯދާދޭން އެފްރިކާގެ ޤައުމުތައް އެއްބައަކު އަނެއްބައަކު ނައްތާލުމަށް ތެދުވެއްޖެ. ކީކޭ ދެން ބުނާނީ. އެކުރާ ހަނގުރާމައިން ނިއިން ޤައުމަކަށް ބާނެ އެއްވެސް ފައިދާއެއް ނުވާނެ!

  3. ރުވާޝް

    މިހާރުވެސް އަޅުވެތިވެފައި އޮތް ޤައުމެއްވީމަތާ ނައިޖަރަށް އެހެން ޤައުމަކުން އަރާ ވަކި މީހަކަށް ވެރިކަން ޙަވާލުކޮށްދޭން ތިއުޅެނީ. އެޤައުމެއްގެ އެތެެރޭގެ މަސްއަލަ ތަކުގެ ތެރެއަށް މިގޮތަށް އެހެންޤައުމަކުން އަރައިގަންނާކަށް ނުޖެހޭ ނޫންތޯ!
    ޕާކިސްތާނު ފަދަ ޤައުމުތަކުންވެސް ޢަސްކަރީ ޖެނެރަލުން މަދަނީ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަންނަތަންފެނޭ. އެކަމަކު އެހެން ޤައުމުތަކުން ޕާކިސްތާނަށް އަރަން ނޫޅޭ.