ވިއެޓްނާމްގެ ވެރިރަށް ހަނޯއީގެ އެޕާޓްމަންޓް ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި 56 މީހުން މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް އެ ސިޓީގެ ފުލުހުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ގާތްގަނޑަކަށް 150 އެއްހާ މީހުން ދިރިއުޅޭ ނުވަ ބުރީގެ އިމާރާތެއްގައި އަލިފާން ރޯވެފައި ވަނީ ދަންވަރުގެ ވަގުތެއްގައެވެ،

ވިއެޓްނާމްގެ ރަސްމީ ނިއުސް އެޖެންސީ (ވީއެންއޭ) އިން ބުނި ގޮތުގައި އަލިފާންގަނޑު ކޮންޓްރޯލް ކުރީ ރޭ ދަންވަރު 2:00 ހާއިރުއެވެ.

ވިއެޓްނާމްގައި ފާއިތުވި 20 އަހަރުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާގެ ގޮތުގައި މި ހާދިސާ ސިފަ ކޮށްފައި ވެއެވެ.

ހަނޯއީ ޕޮލިސް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މިހާތަނަށް 56 މީހުން މަރުވެ 37 މީހުން ޒަހަމްވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެތޯ ބަލަމުން އަންނަ ކަމަށެވެ.

ހަނޯއީ މެޑިކަލް ޔުނިވާސިޓީ ހޮސްޕިޓަލްގެ ވޫ ހޯންގް ފުއޮންގް އާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުނީ އަލިފާނުގެ ހާދިސާއިން ސަލާމަތްވުމަށް އިމާރާތުގެ ކުޑަދޮރުތަކުން ފުންމާލުމުން އެތައް ޒަހަމްތަކަކާއެކު ގިނަ ބަޔަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ބޮޑުވަޒީރު ފާމް މިން ޗިން މިއަދު ވަނީ ޒިޔާރަތް ކުރައްވާފައެވެ.