އަފްޣާނިސްތާނަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގައި ހުންނަ ނޭޝަނަލަ ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ މި ބިންހެލުން އައިސްފައި ވަނީ 6.2 މެގެނެޓިއުޑް ބާރު މިނުގައި ކަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ އަފްޣާނިސްތާނުގެ ހުޅަނގަށެވެ.

ޔޫއެސްޖީއެސްއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެންމެ ފަހުގެ ބިންހެލުމުގެ މައި މަރުކަޒަކީ އީރާނުގެ ބޯޑަރު ކައިރީގައި އޮންނަ އަފްޣާނިސްތާނުގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ހެރާތުގެ ހުޅަނގު އުތުރުން 30 ކިލޯމީޓަރު ކަމަށެވެ.

މީގެ ކުރިން މި މަހުގެ 11 ވަނަ ދުވަހުވެސް އަފްޣާނިސްތާނަށް ބާރުގަދަ ދެ ބިންހެލުމެއް އައިސް އެތައް ބަޔަކު މަރުވެފައި ވެއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ހެރަތު ސިޓީ ކައިރީގައި ކަމަށެވެ. އެ ބިންހެލުން އައިސްފައި ވަނީ 6.3 ކިލޯމީޓަރު (ހަތަރު މޭލު) އަޑިންނެވެ.

މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

އދ.ގެ ކުޑަކުދިންގެ އިދާރާ ޔުނިސެފުން ބުނީ މީގެ ކުރިން އައި ބިންހެލުމުގައި މަރުވި މީހުންގެ 90 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު