ޔަހޫދީގެ ހައްދުފަހަނައަޅާފައިވާ ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ވައިގެ ހަމަލާތަކުގައި ޣައްޒާ އޮފިޝަލެއްގެ އާއިލާގެ 16 މީހަކު ޝަހީދުވެއްޖެއެވެ.

އަލްޖަޒީރާއިން ބުނީ ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާގެ އޮފިޝަލަކު ޝަހީދުކޮށްލާފައިވާއިރު އޭނާގެ އާއިލާގެ ޖުމްލަ 16 މީހަކު ޝަހީދުވެެފައިވާ ކަމަށް ފަލަސްތީނުގެ ސަރަހައްދުގެ މީޑިއާ އޮފީހުން ބުނެފައިވާ ކަމަށެވެ.

އެ އޮފީހުން ނެރުނު ބަޔާނުގައި ބޮމުގެ ހަމަލާ ދީފައިވަނީ ޣައްޒާގެ ކޮން ސަރަހައްދަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް އަލްޖަޒީރާ އަރަބިކްއިން މީގެ ކުރިން ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ ޚާން ޔޫނުސްގެ އާއިލާ މީހުންގެ އިމާރާތަކަށް ހަމަލާއެއް ދީފައިވާކަމަށެވެ.

ގުދުސް ނެޓްވޯކްއިން ބުނީ ޣައްޒާއަށް ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި އާއިލާއަކީ ނޭޝަނަލް އޮތޯރިޓީ ފޯ ޑޮކިއުމެންޓޭޝަން އޮފް އިސްރާއީލް އޮކިއުޕޭޝަން ކްރައިމްސްގެ ބޯޑުގެ މެމްބަރު މުހައްމަދު އަލް ނައްޖާރުގެ އާއިލާ ކަމަށެވެ.

އެ ހަމަލާގައި އޭނާގެ އަންހެނުންނާއި ދަރިންނާއި މައިންބަފައިންނާއި ކޮއްކޮގެ އާއިލާ ހިމެނޭ ގޮތަށް އޭނާގެ އާއިލާގެ 16 މީހަކު ޝަހީދުވެފައިވާ ކަމަށް ގުދުސް ނެޓްވޯކްއިން ބުނެފައި ވެއެވެ.

މީގެ ކުރިން ޣައްޒާ އަށް ދިން ހަމަލާތަކުގައި 50 އާއިލާއެއްގެ އެންމެން ވަނީ ޝަހީދު ވެފައެވެ.