ރޭގެ ވަގުތެއްގައި ނޭޕާލަށް އައި ބިންހެލުމުގައި މަރުވި މީހުންގެ 128 އަށް އަރާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ރޭގެ ވަގުތެއްގައި ރެކްޓަރ މިންގަނޑުން 6.4 މެގްނިޓިއުޑްގެ ބާރުމިނުގައި ކަނޑުގެ 10 މީޓަރު އަޑިން ބިން ހެލުން އައިސްފައިވަނީ ޖަޖާކޮޓް އާއި ހުޅަނގު ރުކުމްއަށެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން މިހާތަނަށް 128 މީހަކު މަރުވެފައިވާއިރު، އިތުރު 155 އަށްވުރެ ގިނަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ނޭޕާލްގެ އާމްޑް ޕޮލިސް ފޯސް ސެންޓަރަލް އޮފީހުގެ ޑިޕިއުޓީ ސުޕްރިޑެންޓް އޮފް ޕޮލިސް، ޝައިލެންދްރަ ތަފާ ބުނެފައިވަނީ ޖަޖާކޮޓްއިން މިހާތަނަށް 92 މީހަކު މަރުވެ، 70 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަަމަށެވެ. އަދި ރުކުމްއިން 36 މީހަކު މަރުވެ، 85 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާކަން މިހާތަނަށް އެނގިފައިވާ ކަމަށެވެ.

ތޫފާނުގެ ހާލުގައި ޖެހުނު މީހުންނާއި ގެއްލުނު މީހުން ހޯދުމުގެ މަސައްކަަތް ކަމާގުޅެ އިދާރާތަކާއި ގުޅިގެން ކުރަމުންދާއިރު، އެމަސައްކަތަށް 102 މީހަކު ނެރެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން ނޭޕާލްގެ ސިފައިންގެ ބަޔަކު ވެސް އެހާދިސާގައި ހާލުގައި ޖެހުނު މީހުންނާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރޭގެ ވަގުތެއްގައި އައި މި ބިންހެލުމުގެ ސަބަބުން އެސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އެގޮތުން ގިނަ އިމާރާތްތަކެއް ވަނީ ބިމާހަމަވެފައެވެ.