މިދިޔަ މަހުގެ 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފާފައިވާ ސަރަހައްދުތަކަށް އަރައި އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިސްރާއީލް ރައްޔިތުން ގެނެސްދިނުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް އެގައުމުގެ ރައްޔިތުން ރޭ މުޒާހަރާކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި ޣައްޒާ އަށް ގެންދިޔަ މީހުން ގެނައުމުގައި އިސްރާއީލް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރެއެވެ.

ބައެއް މީހުން ވަނީ ނަތަންޔާހޫ ދިރިއުޅޭ ގެ ކައިރި އަށް ވެސް ގޮސް އަޑު އުފުލައިފައެވެ. އިސްރާއީލްގެ ނޫ އަދި ހުދު ކުލައިގެ ދިދަ ވިހުރުވަމުން އެމީހުން ވަނީ ނަތަންޔާހޫ ޖަލަށްލުމަށް ގޮވާލައިފައެވެ. މި މުޒާހަރާއާ ގުޅިގެން އިސްރާއީލްގެ ފުލުހުން ވަނީ މަގުތަކަށް ނުކުމެ އެއްވުން ރޫޅާލަން މަސައްކަތްކޮށްފައެވެ. އެއްވުން ރޫޅާލަން މަސައްކަތް ކުރި ވަގުތުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވެފައިވެއެވެ.

އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން އެއްވެސް ކަހަލަ މުޒާހަރާއެއް މަގުމަތީ ކުރުން އިސްރާއީލް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

ރޭގެ މުޒާހަރާގައި ބައިވެރިވި މީހުންގެ ތެރޭގައި ޣައްޒާ އަށް ގެންދިޔަ އިސްރާއީލް މީހުންގެ އާއިލާތަކާއި ރައްޓެހިން ވެސް ހިމެނެއެވެ. އަދި އެމީހުން ވަނީ "މިހާރުން މިހާރަށް އެމީހުން ގެއަށް ގެނައުމަށް" ވެސް ގޮވާލައިފައެވެ.

ހަމާސްގެ މުޖާހިދުން އިސްރާއީލުން ހިފައިގެން އުޅޭ ބިންތަކަށް އަރައި 1،400 އަށް ވުރެ ގިނަ މީހުން މަރާލައި 240 މީހުން ޣައްޒާ އަށް ގެންދިއުމަކީ ނަތަންޔާހޫ އާއި އިސްރާއީލް ސަރުކާރުގެ ފެއިލްވުމެއް ކަމަށް ނަތަންޔާހޫ އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެއެވެ. ހަމާސް އިން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އައިއިރު ފަލަސްތީނުގެ 9،400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރެއިން 3،900 މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. ބޮން އެޅުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުގައި ވެސް ދެހާހަށް ވުރެ ގިނަ މީހުން އެބަތިބިއެވެ.

އިސްރާއީލްގެ ޗެނަލް 13 އިން ނެގި ވޯޓުގެ ނަތީޖާއެއް ދައްކާ ގޮތުގައި 76 އިންސައްތަ މީހުން ވަނީ ނަތަންޔާހޫ އިސްތިއުފާ ދޭން ޖެހޭ ކަމަށް ބުނެފައެވެ. އަދި 64 އިންސައްތަ މީހުން ބުނެފައި ވަނީ ހަނގުރާމަ ނިމުމާ އެކުގައި އިންތިހާބެއް ބާއްވައި ވެރިއަކު ހޮވަން ޖެހޭ ކަމަށް ބުނެފައެވެ.

ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ކާކުތޯ ސުވާލު ކުރުމުން 44 މީހުން ބުނެފައި ވަނީ އެކަން އެގޮތަށްވީ ނަތަންޔާހޫ އާ ހެދި ކަމަށެވެ. އަދި 33 އިންސައްތަ މީހުން ބުނެފައި ވަނީ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޗީފް އޮފް ސްޓާފާއި އިސްރާއީލްގެ އަސްކަރިއްޔާ އިން ކަމަށެވެ. އަދި ފަސް އިންސައްތަ މީހުން ބުނެފައި ވަނީ މި ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ ޑިފެންސް މިނިސްޓަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުރީީ ގާޒާ

    ހަބަރުގައިި ނަތަންޔާހޫޫ އަށްް ނިސްބަތްކޮށްް މާތްް ބަހުރުވައިންް ލިޔެފައިނެތީމާާ ވަރަށްް އުފާކުރަންް!

    24
  2. މުޙައްމަދު ޢަރީފް

    ތިޔަ ވާންފެށީ އަހަރުމެން އެންމެ އެދޭގޮތް ދަގަމީހުން ބަލިކުރައްވާނީ މަތްﷲ )އަލްޙަމްދު ލިއްލާހި(

    25
  3. މުސްލިމުންނަކީ އެއްބައެއް

    އިސްލާމް ޤައުމުތަކުން އެނުލަފާ އަނިޔާވެރިޔާއާ ދެކޮޅަށް ފިޔަވަޅު އަޅާބަލާށެވެ!

    17