އިސްރާއީލްގެ ނިރުބަވެރި ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޣައްޒާގައި ހުރި ހުރިހާ ބޭކަރީއެއް ބަންދުކޮށްފައިވާ ކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން ބުނި ގޮތުގައި އެ ތަންތަން ބަންދު ކުރަން ޖެހުނީ ތެލާއި ފެނާއި ފުށް ލިބުން ދަތިވުމުގެ ސަބަބުންނާއި އެ ތަންތަނަށް ލިބިފައި ހުރި ގެއްލުންތަކުގެ ސަބަބުންނެވެ. އިސްރާއީލުން ވަނީ ޣައްޒާގައި ހުރި ވަރަށް ގިނަ ބޭކަރީތަކަށް ވައިގެ މަގުން ބޮން އަޅައި އެ ތަންތަން ފުނޑުފުނޑުކޮށްލައިފައެވެ.

އދ. އިން ބުނީ ޣައްޒާގެ އުތުރުގެ މާރުކޭޓުގައި އެއްވެސް ވަރަކަށް ފުށް ނެތް ކަމަށާއި އެ ސަރަހައްދަށް ކާބޯތަކެތި ފޯރުކޮށް ނުދެވޭތާ ހަފްތާއެއްވެފައިވާ ކަމަށެވެ. ޣައްޒާގެ ދެކުނުގައި އަދިވެސް ނުވަ ބޭކަރީއެއް ހުޅުވާފައި ހުރި ކަމަށް އދ. އިން ބުނެފައިވެއެވެ. އެކަމަކު، އެއީ ވެސް ފުށާއި ތެޔޮ ލިބިއްޖެ ހާލަތެއްގައި ހިދުމަތް ދިނުމަށްޓަކައި ކަމަށް ވެސް އދ. އިން ބުނެފައިވެއެވެ.

އިސްރާއީލުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޣައްޒާގައި ހުރި ފަސް ބޭކަރީއަކަށް އަމާޒުކޮށް ހަމަލާދީ ގެއްލުން ދީފައެވެ. އަދި އަށް ބޭކަރީ ކައިރިއަކަށް އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން އެ ތަންތަނަށް ވެސް ގެއްލުން ލިބި ހިދުމަތްތައް ނުދެވޭ ހާލަތަށް ވަނީ ގޮސްފައެވެ. އިސްރާއީލުން ބައެއް ތަންތަނަށް ހަމަލާދީފައި ވަނީ ޕާން ގަތުމަށްޓަކައި ނުވަތަ ހޯދުމަށްޓަކައި ވަރަށް ގިނަ ބަޔަކު ކިއު ހަދައިގެން ތިބި ތަންތަނަށެވެ.

ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން މައިގަނޑު ކެއުމެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އަންނަނީ ޕާނެވެ. ބޭކަރީތައް ބަންދު ކުރުމާ އެކު، ފަލަސްތީނުގެ ރައްޔިތުން އެހެން ގޮތްތަކެއް ވަނީ ހޯދަން ޖެހިފައެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ނުރައްކާތެރި ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 10،000 އަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 25،000 އަށް ވުރެ މައްޗަށް ގޮސްފައެވެ.