ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 14،000 އަށް އަރާފައިވާ ކަމަށް ޣައްޒާ ސަރުކާރުން ހާމަކޮށްފިއެވެ.

ޣައްޒާ ސަރުކާރުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މިދިޔަ މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ނިރުބަވެރިން ވަނީ ޣައްޒާގެ 14،128 މީހަކު ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި 5،600 އަށްވުރެ ގިނަ ކުޑަކުދިންނާއި 3،550 އަށްވުރެ ގިނަ އަންހެނުން ހިމެނޭ ކަމަށް ޣައްޒާ ސަރުކާރުން ވަނީ ބުނެފައެވެ.

  • ޣައްޒާ ސަރުކާރުން ހާމަކޮށްފައިވާ އިތުރު ތަފްސީލްތަކަށް ބަލާއިރު:
  • 33،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވަނީ ލިބިފަ.
  • 6،800 އަށްވުރެ ގިނަ މީހުން ގެއްލި، ނުވަތަ ކާކުކަން ނޭނގޭ ވަރަށް ވަނީ އަނިޔާ ލިބިފަ.
  • 44،000 އަށްވުރެ އާންމުން ދިރިއުޅޭ ގެތައް ވަނީ ސުންނާފަތި ކޮށްލާފަ.
  • 230،000 އަށްވުރެ ގިނަ ގެތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ.
  • 26 ހޮސްޕިޓަލަކާއި 55 މެޑިކަލް ސެންޓަރުތަކުގެ ހިދުމަތް ވަނީ ހުއްޓިފަ.

މިދިޔަ މަހުގެ 7 ވަނަ ދުވަހު މި ހަނގުރާމަ ފެށިފައިވަނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުން އިސްރާއީލާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމުންނެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން ނިރުބަވެރިން އަންނަނީ ޣައްޒާގެ އާންމުން ހިމެނޭހެން ގިނަ ބަޔަކު ޝަހީދު ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.