ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ބޮން އަޅަމުންދިޔަތާ 48 ދުވަސް ވެއްޖެއެވެ. އޮކްޓޯބަރު މަހު ހަތް ވަނަ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ބޮން އަޅަމުން ގޮސް، 14،800 އަށްވުރެ ޣައްޒާ ރައްޔިތުން ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމަށް ކުޑަވެެސް ހަމަޖެހުމެއް އައީ އިއްޔެއެވެ. އެއްބަސްވުމުގެ ދަށުން 4 ދުވަހަށް ހަނގުރާމަ ވަނީ މެދުކަނޑައިލާފައެވެ.

މި މުއްދަތުގައި ދެ ފަރާތުން ވެސް ހައްޔަރު ކޮށްފައިވާ މީހުން ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ޖަލުތަކުން ދޫކޮށްލުމާއި ޣައްޒާގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ 39 މީހަކާއި އިސްރާއިލުގެ 13 މީހަކު ވަނީ ގެއަށް ދޫކޮށްލައިފައެވެ. މީގެ އިތުރުން ތައިލެންޑުގެ 10 މީހަކާއި ފިލިޕީންސްގެ އެކަކު ވެސް ޣައްޒާއިން މިނިވަންކޮށް އިސްރާއީލަށް ފޮނުވާލާފައި ވެއެވެ.

ހަނގުރާމަ މެދުކަނޑައިލުމުން ޣައްޒާގެ ރައްޔިތުންނަށް ރޭ ވެގެން ދިޔައީ ހަމަޖެހިލައިގެން ނިދާލެވުނު ރެއަކަށެވެ. އެއްވެސް ބިރުވެރިކަމެއް ނެތި އުޅެވުނު ރެއަކަށެވެ.

ޣައްޒާގެ ދެކުނުގައި ހުންނަ ޚާން ޔުނިސްއިން ރިޕޯޓް ކުރާ އަލްޖަޒީރާގެ ހާނީ މަހްމޫދު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ވިރާނާވެފައިވާ އެންކްލޭވްގައި ތިބި ފަލަސްތީނު މީހުން ހަތް ހަފުތާގެ ތެރޭގައި އަރާމުކުރާ ފުރަތަމަ ރެއަކީ ރޭ ކަމަށެވެ. އަދި އެ ރައްޔިތުންނަށް ނިދީގައި މަރުވެދާނެ ކަމުގެ ބިރެއް ނެތް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

މަހްމޫދު ބުނެފައި ވަނީ މިއީ 48 ދުވަހުގެ ތެރޭގައި އަންދާޒާ ނުކުރެވޭ ވަރުގެ ވައިގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުގައި މަރުވެދާނެ ކަމުގެ ބިރެއް ނެތި ރަނގަޅަށް ނިދާ ފުރަތަމަ ރެއަށް ވާނެ ކަމަށެވެ.

"އެކަމަކު މީހުން ދެކޭ ގޮތުގައި އެއީ ފުރިހަމަ ކަމެއް ނޫން، އެއީ ބޭއިންސާފެއް. އަޅުގަނޑުމެން މި ދައްކަނީ އުތުރުގައި އޮންނަ ޣައްޒާ ސިޓީން ޣައްޒާގެ މެދުތެރެއަށް ބަދަލުވި 1.7 މިލިއަން މީހުންގެ ވާހަކަ، އަދި ޚާން ޔޫނުސް އާއި ރަފާހްގެ ދެކުނުގެ [ސިޓީތަކަށް] އެނބުރި ގެއަށް ނުދެވި ތިބި މީހުންގެ ވާހަކަ،". އޭނާ ބުނެފައި ވެއެވެ.

އެނާ ބުނެފައިވާގޮތުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އަމިއްލަ ވަޒަނަށް ދިއުން ނުހިމެނުނީ ކީއްވެތޯ އަބަދުވެސް ސުވާލު ކުރެވެމުންދެއެވެ.

"އެހެންވީމަ ކުޑަ މާޔޫސްކަމެއް އެބައޮތް،" އޭނާ ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ތެރެއިން ވެސް އިއްޔެ އުތުރަށް ދާން މަސައްކަތް ކުރި ފަލަސްތީނުގެ ތިން މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި ޣައްޒާގެ އުތުރާއި ދެކުނު ވަކިކުރާ އިސްރާއީލުގެ އަސްކަރީ ލައިން ހުރަސްކޮށް އެނބުރި ވަޒަނަށް ދާން އުޅުމުގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ އެތައް ބަޔަކު ޒަހަމްކޮށްލައިފައެވެ.

ޣައްޒާގެ ހާލަތު މިހާރު ހަމަހިމޭންކަމާއި، އަނދިރިކަމުގެ ތެރެއިން ވަގުތީ ގޮތުން ނެއްޓިފައިވާއިރު، މި ހާލަތު ދެމި އޮންނާނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެއެވެ.