ފާއިތުވި 25 އަހަރުގެ ތެރޭގައި، ޖަޕާނަށް އެރި އެންމެ ނުރައްކާތެރި ތޫފާން، އެޤައުމަށް އަރައިފިއެވެ. ޖަޕާނުގެ ބައެއް ސަރަޙައްދުތަކަށް އަރާފައިވާ މި ތޫފާނަށް ދީފައިވަނީ "ތޫފާން ޖެބީ" ގެ ނަމެވެ.

ބައިނަލްއަޤުވާމީ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި، މި ތޫފާނުގެ ސަބަބުން މިހާތަނަށް ހަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެޗެ. ހަމައެހެންމެ، އިތުރު 160 މީހުން ގެއްލިގެން ރިޕޯޓުކޮށްފައިވާކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މީގެއިތުރުންވެސް، މައުލޫމާތު ލިބިފައިވާ ގޮތުން، ތޫފާނުގެ ސަބަބުން ޖަޕާނުގެ ބައެއް ސަރަޙައްދުތަކަށް ދަނީ ގަދަ ވަޔާއިއެކު ބޯކޮށް ވިއްސާރަ ވެހެމުންނެވެ. އެގޮތުން، ބައެއް ސަރަޙައްދުތަކަށް ގަޑިއަކު 107 މޭލު ބާރު މިނުގައި ވައި ޖެހެމުންދާކަމަށް ރިކޯޑު ކުރެވިފައިވެއެވެ. ހަމައެހެންމެ، އެސަރަޙައްދުގެ ކަނޑުތަކުގެ ރާޅު ބޮޑުވެ، ކިސަނޑުގެ ޙާދިސާތައް ހިނގުމުގެ ނުރައްކާވެސް ވަނީ ބޮޑުވެފައެވެ.

ތޫފާން ޖެބީގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޖަޕާނުގެ ހުޅަނގުގެ ސަރަޙައްދަށް ކަމަށްވާއިރު، އެސަރަޙައްދުގެ އެކި އަވަށްތަކުގައި ދިރިއުޅެމުންދާ މިލިއަނެއްހާ މީހުން، އެމީހުންގެ ގެދޮރުތަކުން ނެރެ، ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހަމައެހެންމެ، އެސަރަޙައްދުތަކުގައި ހުރި ބައެއް އިމާރާތްތަކަށްވެސް ގެއްލުންވެފައިވެއެވެ. އެގޮތުން، ގަދަ ވައިގެ ސަބަބުން ޓޭންކަރެއ،ް ބުރިޖެއްގެ މައްޗަށް ވެއްޓިފައިވެއެވެ. މި ޙާދިސާގެ އިތުރުން، އެސަރަޙައްދުގައި އޮންނަ ކްޔޯޓޯގެ ރޭލު ސްޓޭޝަނެއްގައި ފުރާޅުވެސް އެއްލާލާފައިވެއެވެ.

މީގެއިތުރުން، އެސަރަޙައްދުން އޮޕަރޭޓު ކުރަމުން އަންނަ ގިނަ އަދަދެއްގެ ފްލައިޓުތަކާއި، ރޭލުތަކާއި ފެރީގެ ދަތުރުތައްވެސް ވަނީ ކެންސަލުކޮށްފައެވެ. ހަމައެހެންމެ، ފެންބޮޑުވުމުގެ ސަބަބުން، ޖަޕާނުގެ އެންމެ ބޮޑު ސަރަޙައްދުކަމުގައިވާ އޮސާކާގައި ހުންނަ ކަންސައި އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭވެސް ވަނީ ބަންދުކޮށްފައެވެ.

ޖަޕާނަށް މިހާރު ކުރިމަތިވެފައިވާ ކާރިސީ ޙާލަތަށް އިޖާބަ ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް، އެޤައުމުގެ ބޮޑުވަޒީރު، ޝިންޒޯ އަބޭ ވަނީ ޚާއްޞަ އިމަޖެންސީ ބައްދަލުވުމެއް ބާއްވަވާފައެވެ. އަދި، އިޖާބީ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތްތައް ކަނޑައަޅާފައިވެއެވެ.

ޖެބީ ތޫފާން މިހާރު ދަތުރުކުރަމުންދަނީ ޖަޕާނުގެ އުތުރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވިއްސާރަ ވެހޭތަ! ވަގުތުގެ ރިޕޯޓަރުން އިހަށް ދިވެހިބަސް ކިޔަވަންވީނު! ނޫނީ އިނގެރޭސިން މި ނޫސް ނެރެބަލަ!! އޭރުން އަހަރެމެން ފާޑެއް ނުކިޔާނަން!!