އިންޑިއާއިން އަޅުވެތިކޮށްފައިވާ ކަޝްމީރުގައި ނުވަ އަހަރުގެ އަންހެން ކުއްޖެއް ރޭޕްކޮށް ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ.

ފުލުހުންނާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެ އަންހެން ކުއްޖާ ރޭޕްކުރީ އެ ކުއްޖާގެ ދޮންމަންމަ ބުނެގެންނެވެ. އެ ކުއްޖާ ރޭޕްކުރަން އެންގީ، އެ ކުއްޖާ ދެކެ ދޮންމަންމަ ރުޅިއަންނާތީ އާއި އަދި އެ އަންހެން ކުޖާ ދެކެ އެ ކުއްޖާގެ ބައްޕަ މާބޮޑަށް ލޯބި ވާތީ އެކަމާއި ރުއައިސްގެނެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި އަނިޔާވެރި އަމަލުގައި ބައިވެރިވީ އެ އަންހެންކުއްޖާގެ 14 އަހަރުގެ އެއްބަނޑު ބޭބެއާއި އިތުރު ތިން މީހެކެވެ. އިންޑިއާގެ ފުލުހުން ވަނީ މި މައްސަލާގައި މިހާރު ހަ މީހަކު ހައްޔަރުކޮށްފައެވެ.

ރޭޕް ކުރުމަށް ފަހު އަނިޔާވެރިކޮށް މަރާލައިފައި އޮއްވާ ފެނުނު އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ގެއްލިގެން ހޯދައިތާ ދިހަ ދުވަސްފަހުންނެވެ. މީހުން ދިރި ނޫޅޭ ސަރަހައްދެއްގެ ވަލުތެރެއިން ނެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވަނީ އެ ކުއްޖާ ފެނުނުއިރު ހަށިގަނޑުގައި ބޮޑެތި ޒަހަމްތައް ހުރި ކަމަށެވެ. އަދި ރޭޕް ކުރުމަށް ފަހު ކޯރާޑިން ހަމަލާ ދިނުމަށް ފަހު އެސިޑްގެ ހަމަލާވެސް އެ ކުއްޖާއަށް ދީފައިވާކަމަށް އިންޑިއާގެ ފުލުހުން ބުނިއެވެ.

މި ހާދިސާ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އިންޑިއާގައި ރޭޕް ކުރުން އާންމުވެ ބައެއް އަވަށްތަކުގައި، ކުޑަކުދިން ރޭޕްކުރާ މީހުން މެރުމަށް ދަނީ ބޮޑެތި ގާނޫނުތައް ފާސް ކުރަމުންނެވެ.

އިންޑިއާގެ ރޭޕް ކުރުން އާންމުވެފައިވާއިރު، ކޮންމެ 15 މިނެއްޓަކު ކުޑަ ކުއްޖެއް ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކަމަށް ޖަމާއަތްތަކުން ލަފާކުރެ އެވެ. އިންޑިއާ ފާހަގަވެފައި އޮންނަނީ އަންހެނުންނާއި ކުޑަކުދިންނަށް މުޅި ދުނިޔެއިންވެސް އެންމެ ނުރައްކާ ގައުމުުގެ ގޮތުގައެވެ. އަދި އެއީ ދުނިޔެއިން ރޭޕްގެ މައްސަލަތަށް ތިންވަނައަށް އެންމެ ގިނައިން ފެންމަތިވާ ގައުމެވެ.