ހޮންކޮންގުން އެ ގައުމުން ހޯދަން ބޭނުންވާ ބައެއް ސިޔާސީ ފަރާތްތަކާ ގުޅޭ އެއްވެސް މައުލޫމާތެއްދޭ ފަރާތަކަށް ބޮޑެތި އިނާމުތަކެއް ހުށަހެޅުމުން އެމެރިކާއިން ނުރުހުން ފާޅުކޮށްފިއެވެ.

ހޮންކޮންގުން ވަނީ އެ ގައުމުން ބޭރުގައި ދިރިއުޅޭ ފަސް ފަރާތެއްގެ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެއް މިލިއަން ހޮންކޮންގް ޑޮލަރު ދޭނެކަމަށް ބުނެފައެވެ. މި ފަސް މީހުންގެ ތެރޭގައި އެމެރިކާގެ ހިޔާވަހިކަން ހޯދައި މިހާރު އެމެރިކާގެ ރަށްވެހިކަން ހޯދާފައިވާ ފަރާތެއް ވެސް ހިމެނެއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްސް އެންޓޮނީ ބްލިންކަން ވަނީ މިއީ ހޮންކޮންގް ސަރުކާރުން ކުރި ވަރަށް ވިޔާނުދާ އަމަލެއް ކަމަށާއި، މިހާ ތަރައްގީ ވެފައިވާ ޒަމާނެއްގައި ޑިމޮކްރަސީ އާއި ހިލާފު އަމަލުތައް ބަލައި ނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ބްލިންކެން ވަނީ ޑިމޮކްރަސީގެ ފޮނި މީރުކަން މުޅި ދުނިޔެ ހޯދަމުންދާ އިރެއްގައި ހޮންކޮންގް އިން ފަހަތަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މި އަމަލު ސިފަ ކުރައްވާފައެވެ. ބައިނަލްއަގްވާމީ މުޖުތަމައިން މިކަމާ ދެކޮޅަށް ނުކުތުމަށް ވެސް ބްލިންކެން ވަނީ ގޮވާލައްވާފައެވެ.

"އަހަރުމެންގެ ގައުމަކީ އެންމެންނަށް ވެސް އަމާން ތަނެއް. މި ގައުމުގެ އެއްވެސް ރައްޔިތަކަށް ނުވަތަ މި ގައުމުން ހިމާޔަތް ހޯދާ އެއްވެސް ފަރާތަކަށް ބިރު ދެއްކުމަކީ އެމެރިކާ ބަލައިގަންނާނެ ކަމެއް ނޫން. އިންސާނީ ހައްގުތަކަށް ގޮވާލުމަކީ ކުށެއް ނޫން، އެހެންވީމާ އަހަރުމެންގެ ގައުމުން ހިމާޔަތް ހޯދި މީހުން ކުށެއް ނުކުރޭ." އެމެރިކާގެ ސެކްރެޓަރީ އޮފް ސުޓޭޓް ބުލިންކަން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ހޮންކޮންގް ފުލުހުންގެ ޗީފު ބުނެފައިވަނީ މި ފަސް މީހުންނަކީ ބޭރުގެ ފަރާތްތަކާއި ގުޅިގެން ހޮންގްކޮންގް ގައި އަމަންއަމާން ކަން ނަގާލުމުގެ ހަރަކާތްތަކެއް ރާވަން އުޅުނު ފަސް މީހުން ކަމަށެވެ. އަދި މި މީހުން ވަނީ އެމީހުންގެ އަމިއްލަ ވަތަނަށް ޣައްދާރުވެފައި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މި ފަސް މީހުންގެ ތެރެއިން ތިން މީހުން އުޅެނީ އިނގިރޭސިވިލާތުގައެވެ. އަދި އަނެއް ދެ މީހުންނަކީ އެމެރިކާގައި ދިރިއުޅޭ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނާ

    އެމެރިކާކުރީމަ ކޮންމެކަމެއްވެސް ރަނގަޅު!!؟ ތިޔައެމެރިކާ އެބަޖެހޭ މިދުނިޔެންފޮހެލަން!

  2. ހަވާސާ ހާދިސާ

    ޑިމޮކުރަސީގެ ފޮނިމީރުކަން ފަލަސްތީނުގެ މީހުންމަރައިހުސްކުރުންތޯ؟ އެމެރިކާ ފުންޑިގެން ނޫނީ މިދުނިޔެ ރަންގަޅެއްނުވާނެ!