ދުނިޔޭގެ އެންމެ ބޮޑު އަދި ހަލުވި ނިއުކްލިއަރ އަސްކަރީ މަނަވަރު ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ރަޝިއާގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

ޕޮއޯޓްރޭ ވެލިކީ ގެ ނަމުން ނަން ދީފައިވާ އެ މަނަވަރަކީ ފިނި ހަނގުރާމައިގެ ދުވަސްވަރު ސޯވިއެޓް ޔޫނިއަން އިން އުފައްދާފައިވާ ބޮޑު އަދި އެހާމެ ހަލުވި މަނަވަރެކެވެ. މި މަނަވަރު ދުއްވުމަށާއި އެހެނިހެން ހަރަކާތްތަކަށް ނިއުކްލިއަރ ހަކަތަ ބޭނުން ކުރާތީ، އެއީ އެތައް އަހަރެއް ވަންދެން ބަނދަރު ނުކޮށް ކަނޑުގައި ހަރަކާތްތެރިވުމުގެ ގާބިލު ކަން ލިބިފައިވާ މަނަވަރެކެވެ.

ރަޝިއާގެ އަސްކަރިއްޔާ އިން ކުރިން ނިންމާފައި ވަނީ އެ މަނަވަރު ވެސް ޒަމާނީކޮށް އޭގެ މަރާމާތު ކޮށް އާބާތުރަ ފިލުވުމަށެވެ. އެކަން ކުރަން ރާވާފައި ވަނީ ރަޝިއާގެ ނިއުކްލިއަރ އެހެން މަނަވަރެއް ކަމަށްވާ އެޑްމިރަލް ނަކިމޯވް ގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ނިމުމުންނެވެ.

ނަމަވެސް އެކަމުގައި ދާނެ ހަރަދުތައް ދިރާސާ ކުރުމަށް ފަހު ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ މި ދަނޑިވަޅުގައި އެއީ އެންމެ އެކަށީގެންވާ ހަރަދެއް ނޫންކަމަށް ބުނެފައެވެ.

އެހެންކަމުން ދެން އެ ވަރުގަދަ އުޅަނދު ބޭނުން ނުކުރާނެ ކަމަށާއި، އެ އުޅަނދު ނައްތާލުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް ރަޝިއާގެ އަސްކަރިއްޔާ އިން ވަނީ މީޑިއާ ތަކަށް މައުލޫމާތު ދީފައެވެ.

ރަޝިއާގެ ގިނަ އަސްކަރީ އުޅަނދު ތަކަކީ ސޯވިއެޓް ޒަމާނުގެ އުޅަނދުތައް ކަމުން އެ އުޅަނދުތައް މިހާރުގެ ރަޝިއާގެ އަސްކަރީ މިޝަންތަކަށް އެކަށީގެން ނުވާކަމަށް އަސްކަރީ ބައެއް ތަޖުރިބާކާރުން ވަނީ ކުރިން ބުނެފައެވެ.