ޗައިނާގެ ފަރާތުން ހަމަލާއެއް އަމާޒުވެދާނެތީ އާއި ޗައިނާއިން ޓައިވާނު ހިފަން މަސައްކަތް ކޮށްފާނެތީ ޗައިނާ އަށް ބިރުދެއްކުމުގެ ގޮތުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި ގުޅުމުގެ ވިސްނުން ގެންގުޅޭ ކަމަށް ޓައިވާނުގެ ސަރުކާރުން ބުނެފިއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރު ގައުމަކަށް ޓައިވާނު ވެއްޖެ ނަމަ ޗައިނާ އިން އެ ގައުމަށް އަމާޒުކުރާ ހަމަލާތަކާއި އަދި ޓައިވާން ހިފުމަށް ޗައިނާ އިން ދޭ ހަނގުރާމައިގެ ހަމަލާތައް ތަހްގީގު ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ދާނެއެވެ.

ޓައިވާން ހިފުމަކީ ޗައިނާއަށް ނުވާނެ ކަމެއް ނޫން ނަމަވެސް މިއީ ޗައިނާ އަށް ވަކި ފަސޭހަ ހަނގުރާމައަކަށް ނުވާނެއެވެ. އެއީ ގުދުރަތީ ގޮތުން ޓައިވާން އުފެދިފައިވާ ގޮތުން ޗައިނާގެ ސިފައިންނަށް ގޮރިއްލާ ހަނގުރާމަ އެއް ކުރަން ޖެހޭނެތީއެވެ.

ގޮރިއްލާ ހަނގުރާމަ އަކުން އަރައިގަތުމަށް ޗައިނާ އިން އެމީހުންގެ އަސްކަރިއްޔާގެ ފުރިހަމަ ބާރު ބޭނުން ކުރަން ޖެހޭނެއެވެ. އެ ހާލަތުގައި ހަނގުރާމައިގައި ލާއިންސާނީ އަމަލުތައް ހިންގި ކަމުގެ ކުށުގެ ދައުވާ ޗައިނާގެ ރައީސް އަށް ޓައިވާނުން އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުގައި ކުރާނެއެވެ.

ޓައިވާނުގެ ސަރުކާރުގެ ސަޕޯޓަރުން ސިފަކުރާ ގޮތުގައި މި ކޯޓުގައި ޓައިވާނުން ބައިވެރިވެއްޖެ ނަމަ، ބައިނަލްއަގުވާމީ މުޖުތަމައިން އެ ގައުމު ބަލައިގަތުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެން ގޮސް، ބައިނަލްއަގުވާމީ ސްޓޭޖުގައި ޓައިވާނަށް ފައި ހަރުކޮށްލެވި، އެ ގައުމުގެ އަޑު އިއްވޭނެއެވެ.

ޗައިނާ އިން ދަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ޓައިވާން އެކަހެރިކޮށް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ޗައިނާ އިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެއް ކަމުން އެއްވެސް ގައުމަކުން ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެގެން ނުވާނެއެވެ.

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ދުނިޔޭގެ ގައުމުތަކުގައި ހިންގާ ލާ އިންސާނީ އަމަލުތަކާއި ހަނގުރާމައިގެ ކުށްތައް ތަހުގީގު ކުރުމަށްޓަކައި 2002 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާ އެކެވެ. އެ ކޯޓުން ވަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ އެތައް ލީޑަރުންނަކަށް ހުކުމް އިއްވާފައެވެ.

އެގޮތުން ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ހައްޔަރު ކުރުމަށް ވެސް އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރު ހުކުމް އިއްވާފައެވެ. އޭގެ ސަބަބުން ދެކުނު އެފްރިކާގައި އޮތް ބްރިކްސް ގައުމުތަކުގެ އަހަރީ ބައްދަލުވުމަށްވެސް ޕުޓިން ވަޑައިގެންފައެއް ނުވެއެވެ. އެއީ ދެކުނު އެފްރިކާ އަކީ އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުގެ މެމްބަރު ގައުމަކަށްވާތީއެވެ.

ނަމަވެސް ދެކުނު އެފްރިކާގެ ރައީސް ވަނީ ޕޫޓިން ވަޑައިގެން ނަމަވެސް އެމަނިކުފާނު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓާއި ހަވާލު ނުކުރާނެ ކަމަށް ވިދާޅުވެ އެ ކޯޓުގެ އަމުރަށް ގޮން ޖައްސަވާފައެވެ.