ޗައިނާގެ ޓީވީ އަކުން ދެއްކި ޑްރާމާ ސީރީޒް އަކުން އެފްރިކާ އިން އެތައް މިލިއަން ހިމާރު ވަގަށް ނެގުމާއި އެ ޖަނަވާރުތައް މެރުމަށް މަގު ފަހި ކުރުވީ ކިހިނެތް ހެއްޔެވެ؟

އެ ހުރިހާ ކަމެއް ފެށުނީ 2011 ވަނަ އަހަރު ދެއްކި ޗައިނާގެ ޑްރާމާ “އެމްޕްރެސް އޮފް ދަ ޕެލަސް” ގެ ފޭނުންނަށް އެ ޑްރާމާގައި އުޅޭ މަތީ ފަންތީގެ މީހުން، ހިމާރުގެ ހަން ބޭނުން ކޮށްގެން ހަދާ ޗައިނާގެ ސަގާފީ ބޭހެއް ކަމަށްވާ “އެޖިއާއޯ” ބޭނުން ކުރާ މަންޒަރު ފެނިގެން ކަމަށް އިނގިރޭސިވިލާތުގައި ހުންނަ ހިމާރު ހިމާޔަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ޑޮންކީ ސެންކްޗުއަރީ ގައި މަސައްކަތް ކުރާ ސައިމަން ޕޯޕް ބުނެފައި ވެއެވެ.

ވަރަށް ކުރީ ޒަމާނުގެ ޗައިނާ ދައްކައިދޭ އެ ޑްރާމާގައ، ދުވަހުގެ ވަކި ވަގުތެއްގައި ގަނޑުވަރުގެ އަންހެނުންތައް “އެޖިއާއޯ ބޭނުން ކޮށްލަން ހިނގާށޭ” ބުނާ ކަމަށް ސައިމަން ބުނެފައި ވެއެވެ. ހިމާރު ތެރަސް އޭ ވެސް ކިޔާ އުޅޭ އެޖިއާއޯ އަކީ ޗައިނާގައި ސިއްހަތާއި ރީތިކަމަށް ބޭހުގެ ގޮތުގައި ނުވަތަ ޓޮނިކެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.

އެ ޕްރޮގްރާމްގެ ސަބަބުން އެޖިއާއޯ އަށް އޮތް ޑިމާންޑް އިންތިހާ އަށް މައްޗަށް ދިޔައީ ކަމަށް ސައިމަން ވަނީ ބުނެފައެވެ. އަދި މައްސަލައަކަށް ވީ އެ ޑިމާންޑާއި އެއްވަރަށް ޗައިނާގައި ހިމާރު ނެތުމުން ކަމަށްވެސް އޭނާ ބުންޏެވެ.

އެހެންކަމުން ޗައިނާ މީހުން ދެން ފެށީ ހިމާރު ހޯދަން އެހެން ގައުމުތައް ބަލާށެވެ. ހާއްސަކޮށް އެފްރިކާއެވެ. އެފްރިކާގައި މާލީން ޒިމްބާބުވޭ އިން ގޮސް ޓެންޒޭނިއާ ގެ ފަގީރު ސަރަހައްދުތަކުގައި ހިމާރު ބޭނުން ކުރަމުން ދިޔައީ އެއްޗެހި އުފުލުމާއި ސަވާރީއެއް ގޮތަށެވެ. އަ ސަރަހައްދުގެ މީހުން ހިމާރުތައް ވިއްކަން ދެކޮޅު ހެދުމުން ހިމާރު ވަގަށް ނަގަން ފެށިއެވެ. އަދި ބައެއް ދަނޑުވެރިންނަށް އެމީހުންގެ މުހިންމު ހިމާރުތައް ފެންނަމުންދިޔައީ ހަން ނޮޅާފައި ހަށިގަނޑު ކުނިވާން ދޫކޮށްލާފައި ވަނިކޮށެވެ.

އެޖިއާއޯ ގެ ޑިމާންޑާއި އެއްވަރަށް އުފެއްދުމަށް ޗައިނާ އަށް އަހަރަކު 5 މިލިއަން ހިމާރު ބޭނުންވެއެވެ. އޭގެ ތެރެއިން 2 މިލިއަން އަންނަނީ ޗައިނާގެ ޖަނަވާރު ތަކުގެ ތެރެއިންނެވެ. ބާކީ 3 މިލިއަން ގައުމުން ބޭރުން ގެންނަ އިރު އޭގެ ތެރެއިން 25-35 އިންސައްތަ އާއި ދެމެދުގެ އަދަދެއްގެ ހިމާރު ވަގަށް ނެގޭ ކަމަށް ޑޮންކީ ސެންކްޗުއަރީ އިން ބުނެއެވެ.

މިހާރު މިގޮތަށް އެތައް އަހަރެއް ވެފައި ވާއިރު، ހިމާރުގެ އާބާދީ ވަނީ ވަރަށް މަދުވެސް ވެފައެވެ. އެއާއި އެކު އެފްރިކާގެ ބައެއް ގައުމުތަކުން މިހާރު ވަނީ އެކަމާއި ދެކޮޅަށް ތެދުވެފައެވެ. އެގޮތުން ޓެންޒޭނިއާއިން ވަނީ ހަމުގެ ވިޔަފާރިއަށް ހިމާރު ކަތިލުން މިދިޔަ އަަހަރު މަނާކޮށްފައެވެ. އަދި ނައިޖީރިއާ ހިމެނޭހެން އެފްރިކާގެ އެހެން ގައުމުތަކުންވެސް ވަނީ ހިމާރު ކަތިލުމާއި ހިމާރު އެކްސްޕޯޓު ކުރުން މަނާ ކޮށްފައެވެ.

”އަހަރެން ގަބޫލު ކުރަނީ އެފްރިކާއިން ޗައިނާ އަށް ދޭ މެސެޖަކީ، ހަން ނޮޅުމަށްފަހު ބޭސް ހަދަން ޗައިނާ އަށް ފޮނުވުމަށް ވުރެ އަހަރެމެންގެ ހިމާރުތައް އަހަރެމެންނަށް މާ ބޭނުންތެރި އޭ“ ސައިމަން ބުންޏެވެ. ނަމަވެސް އެފްރިކާ ބައްރުގައި އޮތް ޗައިނާގެ އިގުތިސޯދީ ނުފޫޒުގެ ސަބަބުން ބައެއް ގައުމުތަކުން މި ވިޔަފާރިއާއި ދެކޮޅު ހަދަން ފަސްޖެހޭ ކަން އޭނާ ފާހަގަ ކުރިއެވެ.

ދެކުނު އެފްރިކާގައި ހިމާރު ކަތިލަން ހުއްދަ ނަމަވެސް އެއީ ހުއްދަ ދެވިފައިވާ އެންމެ ދެ ތަނުގައި އަހަރެއްގެ މައްޗަށް ގިނަވެގެން 12،000 ހިމާރެވެ. ގާނޫނާއި ހިލާފަށް ކުރާ ހިމާރުގެ ވިޔަފާރި ހުއްޓުވަން އެ ގައުމުން މަސައްކަތް ކުރަމުން ދާއިރު، އެކަން ކުރާ މީހުން މިހާރު ދަނީ އެގައުމުން ހިމާރު ލެސޯތޯ އަށް ވަގަށް ގެންދަމުންނެވެ.

ދެކުނު އެފްރިކާގައި ޖަނަވާރުންނަށްް ގޯނާ ކުރުމާއި ދެކޮޅަށް އުފައްދާފައިވާ ގައުމީ ކައުންސިލްގެ އޮފިޝަލެއް ކަމަށްވާ ގްރޭސް ޑި ލޭންޖު ބުނެފައިވާ ގޮތުގައި ލެސޯތޯ އަށް ހިމާރުތައް ގެންދާ ގޮތެއް ނޭނގެއެވެ. ނަމަވެސް އެ ހިމާރުތައްވެސް ގެންދަނީ ޗައިނާގެ ބާޒާރަށް ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނެފައިވަނީ ހިމާރުތައް ގިނަފަހަރަށް ކަތިލެވެނީ ވަރަށް އަނިޔާވެރި ކޮށް ކަމަށެވެ. މަރުތޭލުން ޖަހާ އެތަކެތި މަރާލެވޭ ކަމަށާއި، ނުވަތަ ކަރު ބުރިކޮށްލާ ކަމަށާއި، އަދި ބައެއް ފަަހަރު ފުރާނަ ހުއްޓާ ހަން ނޮޅާލާ ކަމަށްވެސް އޭނާ ބުނެއެވެ.

ހިމާރަކީ އެފްރިކާގައި ވަރަށް މުހިންމު ރޯލެއް އަދާކުރާ ޖަނަވާރެކެވެ. މީހުން ބަލިވުމުން ހޮސްޕިޓަލަށް ދާނެ ގޮތެއްވެސް ބައެއް މީހުންނަށް ނޯންނަ ކަމަށާއި، އެކަން ކަމަށްވެސް ހިމާރުގެ ބޭނުން ހިފާ ކަމަށް އެފްރިކާ މީހުން ބުނެއެވެ.

ސައިމަން ބުނި ގޮތުގައި އެފްރިކާގައި ހިމާރުގެ އާބާދީ މަދުވަމުންދާއިރު، ބައެއް މީހުންނަށް އެމީހުންގެ ހިމާރުތައް ގެއްލުމުން ވަރަށް ބޮޑެތި ގެއްލުންތައް ވެއެވެ. އަދި ބައެއް ގައުމުތަކުގައި ކުރިން ހިމާރުތައް ކުރަމުން ދިޔަ މަސައްކަތް ކުރަން ކުޑަކުދިން ސުކޫލަށް ނުފޮނުވާ ތިބޭ ކަމަށްވެސް ސައިމަން ބުނެފައި ވެއެވެ.

މާލީ ފައިދާ ހޯދަން އެފްރިކާއިން ހިމާރު ފާމްތައް ހަދަން ބައެއް މީހުން ލަފާ ދޭ ނަމަވެސް ޗައިނާ އިންވެސް ވަނީ މީގެ ކުރިން ހިމާރު ގިނަ ކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ވަނީ ނާކާމިޔާބު ވެފައެވެ. އެފަދަ އެހެން ޖަނަވާރުތަކާއި ހިލާފަށް ހިމާރު ވިހަނީ އަހަރަކު އެއް ހިމާރެވެ.

އެޖިއާއޯ އަކީ ފާއިތުވި 2000 އަހަރުއއްސުރެ ޗައިނާގައި ބޭހުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މިޒަމާނުގައިވެސް ލޭ ގެ ހިނގުން ރަނގަޅު ުރުމަސާއި، ތަދުތަކާއި ރިހުންތަކަށް ބޭނުން ކުރަން އެޖިއާއޯ ލިބެން ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު