އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދު ވިޔަފާރީގައި މުހިންމު ދައުރެެއް އަދާކުރާ ތޫރުޚަމް ބޯޑަރު ހުރަހުގެ ދަތުރުފަތުރުގެ ގަވާއިދުތައް ޕާކިސްތާނުން ހަރުކަށި ކުރުމާއި ގުޅިގެން، މުދާ އަފުލާ އަފްޣާނިސްތާނުގެ ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ބޯޑަރު ހުރަސް ނުކުރެވި މަޑުކުރަން ޖެހިއްޖެއެވެ.

ޕާކިސްތާނަށް ވަނުމަށް އަފްޣާނިސްތާނުގެ ޑްރައިވަރުންނަށް ސައްހަ ޕާސްޕޯޓާއި ވިސާ ބޭނުންވާ ކަމަށް އޮންނަ ގަވާއިދު މި މަހުގެ 13 ވަނަ ދުވަހު ޕާކިސްތާނުން ވަނީ ތަންފީޒު ކުރަން ފަށާފައެވެ.

ތޫރުޚަމް ބޯޑަރު ހުރަހުން ހުރަސް ކުރެވޭނީ ސައްހަ ޕާސްޕޯޓާއި ވިސާ އޮންނަ މީހުންނަށް ކަމަށް 2016 ވަނަ އަހަރު ޕާކިސްތާނުގެ ސަރުކާރުން އެކުލަވާލި ބޯޑަރ މެނޭޖުމެންޓު ޕޮލިސީގައި ކަނޑައަޅާފައި ވެއެވެ. ނަމަވެސް އެ ގަވާއިދު އަމަލީ ގޮތުން ތަންފީޒު ކުރަން ފަށާފައި ވަނީ މި މަހުއެވެ.

ޕާކިސްތާނުގެ މި ނިންމުމަށް އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ތޯލިބާން އިދާރާތަކުން ބުނެފައިވަނީ ޕާކިސްތާނު ސަރުކާރުން އަވަސްއަރުވާލާފައި މި ނިންމި ނިންމުމުގެ ސަބަބުން ބޯޑަރުގެ ދެފަރާތުގެ އެތައް ބައެއްގެ ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރުގެ މި ފިޔަވަޅާއި އެކު މުދާ ބަރުކޮށްފައިވާ އެތައް ސަތޭކަ އުޅަނދެއް ޕާކިސްތާނަށް ނުވަދެވި ބޯޑަރު ކައިރީގައި އެބަ އޮތެވެ.

ޕާކިސްތާނުގެ ނިންމުމަށް ރައްދު ދިނުމުގެ ގޮތުން ތޯލިބާން ސަރުކާރުން ވަނީ ޕާކިސްތާނުގެ މުދާ އުޅަނދުތައް އަފްޣާނިސްތާނަށް ވަނުން މަނާކޮށްފައެވެ.

ދެ ގައުމު ދޭތެރޭގެ އެންމެ ބިޒީ ހުރަސް ކަމަށްވާ ތޫރުޚަމް ހުރަސް ހުޅުވުމާއި މެދު ތޯލިބާން އަދި ޕާކިސްތާނުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާ ކުރެވިފައިވީ ނަމަވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ތޫރުޚަމް ބޯޑަރު ހުރަސް ބަންދު ކުރުމުން އިގުތިސޯދީ ގެއްލުންތަކެއް ދަނީ ވަމުންނެވެ. ހުރަސް ނުކުރެވިފައި އޮތް އެތައް ޓްރަކެއްގައި ހުރީ މޭވާ ފަދަ ކުނިވާ ޒާތުގެ މުދާ ކަމުން އޭގެ ސަބަބުން ވިޔަފާރިވެރިންނަށާއި ދަނޑުވެރިންނަށްވެސް ބޮޑެތި ގެއްލުންތަކެއް ވެގެން ދާނެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޕާކިސްތާނުގެ މި ނިންމުމުގެ ސަބަބުން މިހާރުވެސް ހީނަރުވެފައިވާ ޕާކިސްތާނުގެ އިގުތިސޯދު އިތުރަށް ހީނަރު ވެގެންދާނެއެވެ.

ފާއިތުވި ދެމަސްދުވަހުއްސުރެ ދެވަނަ އަށް އެންމެ ބޮޑު ބޯޑަރު ހުރަސްވެސް ބަންދު ކޮށްފައި އޮތް އިރު، ޕާކިސްތާނުން ވަނީ އިތުރު ކުދި ހުރަސްތައްވެސް ބަންދު ކޮށްފައެވެ.

ޕާކިސްތާނުގެ މި ފިޔަވަޅަކީ އެގައުމުގައި އުޅޭ ބައިމިލިއަނަށް ވުރެ ގިނަ އަފްޣާނިސްތާނު ރައްޔިތުން އެނބުރި ފޮނުވާލަން މިދިޔަ އޮކްޓޯބަރު މަހު ނިންމި ނިންމުމާއިވެސް ގުޅުން ހުރި ފިޔަވަޅެކެވެ. އަފްޣާނިސްތާނުގެ ތޯލިބާން ސަރުކާރުން ޕާކިސްތާނުގެ ތޯލިބާނު ހަނގުރާމަވެރިންނަށް ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތު ކުރާތީ ދެ ގައުމުގެ ދޭތެރޭގައި ގުޅުން އޮންނަނީ ހީނަރުވެފައެވެ.

ހަމައެކަނި ކާކުކަން އަންގައިދޭ ލިޔެކިޔުންތައް ބޭނުން ކޮށްގެން ހުރަސް ކުރެވެން އޮތް އޮތުން މަނާ ކުރުމުން ބޯޑަރު ކައިރީ ސަރަހައްދު ތަކުގައި އެތައް ބަޔަކު އަންނަނީ މިދިޔަ އޮކްޓޯބަރު މަހުއްސުރެ މުޒާހަރާވެސް ކުރަމުންނެވެ.