ކައިވެންޏަށް އެތައް އަހަރެއްވީއިރު ވެސް ދަރިއަކު ލިބުނުގެ ނަސީބު ނުލިބި ހުރި އަންހެނަކަށް، އޭނާގެ އުމުރުން 74 އަހަރުގައި އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.

އިންޑިއާގެ އުއްތަރ ޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 74 އަހަރުގެ އީރާމަތީ މަންގަޔަންމާ އާއި އޭނާގެ އުމުރުން 78 އަހަރުގެ ފިރިމީހާ، ރާޖާ ރާއޯ އަށް އެއްމާބަނޑު ދެކުދިން ލިބިފައި މިވަނީ، އެދެމީހުންގެ ކައިވެންޏަށް 57 އަހަރު ވީ ފަހުން، އައިވީއެފްގެ ޒަރިއްޔާއިންނެވެ.

އުމުރުން 74 އަހަރުގައި ދަރިއަކު ލިބުނު މި އަންހެން މީހާ މިހާރު ދުނިޔޭގެ ރެކޯޑު ފޮތުންވެސް ޖާގަ ހޯދާފައިވާއިރު ކުރިން މި ރެކޯޑު އޮންނަނީ އުމުރުން 66 އަހަރުގައި ދަރިއަކު ލިބުނު އަންހެނެއްގެ އަތުގައެވެ.

އައިވީއެފް އަކީ، ދަރިން ނުލިބޭ އަންހެން މީހާގެ ރަހިމުގެ ފާރުގައި މުޑުވައްވެފައިވާ ބިސް އިންދައި، ގަރުބަގަނުވައިގެން ދަރިން ހޯދުމުގެ ސިއްޙީ ނިޒާމެކެވެ. މި ނިޒާމު މެދުވެރިކޮށް ދަރިއަކު ހޯދުމުގެ މަސައްކަތް މަންގަޔަންމާގެ ދެމަފިރިން ފަށާފައިވަނީ، އެމީހުންގެ އަވައްޓެރިއަކަށް މި ފަރުވާ ކާމިޔާބުވީ ހިސާބުންނެވެ.

މަންގަޔަންމާއަށް މިދިޔަ ބުރާސްފަތި ދުވަހު ލިބުނީ އެއްމާބަނޑު ދެ ފިރިހެން ކުދިންނެވެ. މިކަމާއި ގުޅިގެން އުފަލުން ހުރި މަންގަޔަންމާ އާއި އޭނާގެ ފިރިމީހާ ބުނެފައިވަނީ، މިއީ އެމީހުންގެ މުޅި ދިރިއުޅުން ބަދަލުކޮށްލި ދުވަހެއް ކަމަށާއި، މީގެ އެތައް އަހަރެއް ކުރިން ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވެފައިވާ ކަމަށެވެ.

މަންގަޔަންމާ ވިހެއި ދެކުދިންގެ ހާލުވެސް ރަނގަޅު ކަމަށް އޭނާ ވިހެއި ހޮސްޕިޓަލުން ބުނެފައި ވެއެވެ. ސިޒޭރިއަން ހަދައިގެން ނެގި އެ ދެކުދިންގެ ބަރުގަނުގައި ވެސް 1.6 ކިލޯ ހުރެއެވެ. އައިވީއެފްގެ ޒަރިއްޔާއިން މަންގަޔަންމާ މާބަނޑުވި ދުވަހުން ފަށައިގެން އޭނާގެ ހާލު، ދިހަ ޑޮކްޓަރުންގެ ޓީމަކުން އައީ މޮނިޓަރ ކުރަމުންނެވެ.

އުމުރުން 74 އަހަރުގައި ދަރިން ލިބުމުގެ ނަސީބު ލިބުނު ނަމަވެސް، މަންގަޔަންމާ އަށް އެނާގެ ދަރިންނަށް ގާތުން ކިރު ނުދެވޭނެ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޒުނާ

    ކިރުދެވެން ޖެހޭނެ. ގުދުރަތުން ނިމިފައިވާ ކަންކަމަކަށް ޑޮކުޓަރުންނަކަށް ގޮތްފާޑެއް ނުކިޔޭނެ. ވަރަށް ސާފު.