ފާއިތުވި 24 ގަޑިއިރު ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ތިން ގަތުލުއާންމެއް ހިންގައި، 28 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުން އަންނަ ހަމަލާތައް އަދިވެސް ހުއްޓާލާފައި ނުވާއިރު، ރޭގެ ވަގުތެއްގައި އެކި ސަރަހައްދުތަކަށް ވައިގެ މަގުން ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި ތިން ގަތުލުއާންމެއް ހިންގި ނަމަވެސް އެ ގަތުލު އާންމު ހިންގާފައިވަނީ ކޮން ސަރަހައްދުތަކެއްގައި ކަމެއް އެނގިފައެއް ނުވެއެވެ.

ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ ނިރުބަވެރިން ހިންގި 3 ގަތުލުއާންމެއްގައި 28 މީހަކު ޝަހީދުވެ، 51 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށެވެ. މިއާއި އެކީ ޣައްޒާގައި ޝަހީދުކޮށްލި ފަލަސްތީނު މީހުންގެ އަދަދު ވަނީ 34،596 އަށް އަރާފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ދެމުން އަންނަ މި ހަމަލާތަކުގައި އެތަކެއް ބަޔަކު ގެއްލިގެން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ބައެއް ރައްޔިތުން އިސްރާއީލުގެ ހައްޔަރުގައި ތިބިއިރު، ބައެއް ރައްޔިތުން ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތިބި ކަމަށް ވެސް ބައެއް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.