ފަލަސްތީނުގެ ޣައްޒާގެ ރަފަހް ސަރަހައްދުން އިސްރާއީލަށް ދިން 10 ރޮކެޓް ހަމަލާއެއްގައި އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށް އިސްރާައީލުގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

މި ހަމަލާގައި 10 މީހަކު ޒަހަމްވެފައިވާ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނާއިރު، ހަތަރު މީހެއްގެ ހާލު ސީރިއަސް އެވެ.

މި ހަމަލާ އަމާޒުކޮށްފައި ވަނީ ސިފައިންގެ އެއްވުމަކަށް ކަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން ބުނީ ރަފަހް ސަރަހައްދުން ފޮނުވާލި ހަމާސްގެ ރޮކެޓް ހަމަލާތަކަށް ފަހު އިންސާނީ އެހީގެ ޓްރަކްތައް ޣައްޒާއަށް ވަންނަ ކެރެމް ޝަލޯމް ކްރޮސިން ބަންދުކޮށްފައިވާ ކަމަށެވެ.

އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ކެރެމް ޝަލޯމްއަށް އަމާޒުކޮށް ޣައްޒާއިން ދިން ރޮކެޓް ހަމަލާއެއްގައި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.

އިސްރާއީލުގެ މީޑިއާތަކާ ހަވާލާދީ އެޝްކޯލް ރީޖަނަލް ކައުންސިލުން ބުނެފައިވާގޮތުގައި ރޮކެޓްތައް އަމާޒުވެފައި ވަނީ އަސްކަރީ އިމާރާތެއް ކައިރީގައި އޮތް ސަރަހައްދަކަށެވެ.

ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދުގެ ހަތިޔާރު އެޅި ގޮފިތަކުން މި ހަމަލާގެ ޒިންމާ ވަނީ ނަގާފައެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރަފަހްއިން ފޮނުވާލި ހަމަލާތަކާއި ގުޅިގެން ޣައްޒާގެ ދެކުނުގެ ރަފަހްއަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަލްޙްދުﷲ. ﷲގެ މަގުގައި ހަނގުރާމަކުރަމުންދާ ފަލަސްތީނުގެ މުޖާހިދުންނަށް ޔަހޫދީންގެ މައްޗަށް ނަސްރުދެއްވާނެތެވެ. އެއީ ﷲގެ ވަޢުދުފުޅެކެވެ. އެކަލާނގެ އެ ވަޢުދުފުޅު ފުރިހަމަކުރައްވާނެތެވެ.

    34
    1