ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،401 މީހަކު މަރުވެއްޖެއެވެ.
ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ކޮވިޑް-19 ފެނިފައިވާއިރު، އިނގިރޭސިވިލާތަކީ މިހާތަނަށް ބަލި ފެނިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ.
އެގައުމުން އިތުރު 1،401 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، އިތުރު 40،261 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ އެގައުމުން މަރުވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،820 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.
އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ ފައްސިވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކަށް ވަނީ ބަލި ޖެހިފައެވެ.
އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 95،981 އަށް އަރާފައެވެ. އަދި ބައްޔަށް ފައްސިވިމީހުންގެ އަދަދު ވަނީ 3،583،907 އަށް އަރާފައެވެ.
އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 1،586،707 މީހަކު ރަނގަޅުވެފައިވާއިރު، މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 1،901،219 މީހަކަށެވެ. އޭގެ ތެރެއިން 3،960 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ދެރަވެގެން ނުވަތަ އައިސީޔުގައި ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކި ގައުމުތަކުން އަންނަނީ ވެކްސިން އުފައްދަމުންނެވެ. އަދި ބައެއް ގައުމުތަކުން ވަނީ ވެކްސިން އުފައްދައި ބޭނުން ކުރަން ފަށާފައެވެ.