ބޮޑު ތަފާތަކުން ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި ޕީއެންސީގެ ކެންޑިޑޭޓު އިބްރާހިމް ނަސީމް ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފިއެވެ.

"ވަގުތަށް" ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަސީމަށް ވަނީ ތުލުސްދޫ ދާއިރާ އިން 900 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ ވާދަކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް އަމީރެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަސީމް އާ ކައިރިކޮށްލެވޭ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ލިބިވަޑައިގެންފައެއް ނުވެއެވެ.

އަމީރެއް، ކަތީބެއް ނޫން، މިފަހަރު ވެސް ގޮނޑީގައި ބައިންދަންވީ ނަސީމް!

ތުލުސްދޫ ދާއިރާ އަށް ވާދަކުރެއްވީ ހަތަރު ކެންޑިޑޭޓުންނެވެ. އެއީ ނަސީމާއި އަމީރުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ޝާމިލް އާދަމެވެ. ވައްޑެއަކީ މީގެކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ނަސީމް ވަނީ ރައްޔިތުން މަޖިލީހަށް 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު ކުރިމަތިލައްވައިފައެވެ. ނަމަވެސް އެ ދެ ފަހަރު ކާމިޔާބެއް ނުލިބުނެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އިންތިހާބުގައި ކުރެއްވި ކާމިޔާބު މަސައްކަތުން ދާއިރާ ތަމްސީލު ކުރަން ރައްޔިތުން އިހުތިޔާރު ކުރީ ނަސީމެވެ. ނަސީމް ތުލުސްދޫ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވީ އަމިއްލަ ގޮތުންނެވެ. އެކަމަކު، މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާ ވަނީ ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަޖިލިހުގެ އިންތިހާބުގެ ޕީއެންސީ ޓިކެޓު ނަސީމަށް ލިބިވަޑައިގެންނެވީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު