ނަވާރަ ވަނަ މަޖިލިހުގައި ދާއިރާތައް ބަހާލި ގޮތުން ތުލުސްދޫ ދާއިރާގައި ހިމެނުނީ ކ. ތުލުސްދޫ އާއި ކ. ހިންމަފުއްޓާއި ކ. ހުރާ އާއި ކ. ދިއްފުއްޓެވެ. އެ ފަހަރު އެ ދާއިރާގެ ގޮނޑިއަށް އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގެން މުޅިން އަލަށް މަޖިލިހަށް ވެންނެވި އިބްރާހިމް ނަސީމަކީ ތަފާތު މެމްބަރެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އޭނާގެ ދާއިރާގެ ރަށްރަށަށް ޒިޔާރަތް ކުރައްވާނެ ގޮތުގެ ފަސް އަހަރުގެ ތާވަލެއް އެކުލަވާލައްވައި ފުރަތަމަ ފަހަރަށް އާންމު ކުރެއްވި މެމްބަރަކީ ނަސީމެވެ.

އެކަމުން އެކަނި ވެސް ރައްޔިތުންނާ މެދުގައި ނަސީމް ބާއްވަން ބޭނުންވާ ގާތްކަން ފެނެއެވެ. ދާއިރާގެ ހަތަރު ރަށުގެ ތެރެއިން ކޮންމެ ރަށެއްގެ ރައްޔިތަކަށް ކަމެއް ދިމާވިޔަސް، އެމީހުންނަށް އެހީވާން ފުރަތަމަ ހުންނަވަނީ ނަސީމެވެ. މީހަކު ވަރަށް ބޮޑަށް ބަލިވެގެން މާލެ ގެންދަން ޖެހިއްޖެ ހާލަތަކަށް ދިޔަ ނަމަވެސް ދަންވަރެއް، ފަތިހެއް ނުބައްލަވައި މާލެ ގެންދިއުމަށް އަމިއްލަ ހަރަދުގައި ލޯންޗު ފަހަރު ހަމަޖެއްސި ދުވަސްތައް ހުރީ ތާރީހުގައި ލިޔެވިފައެވެ. މީހަކަށް އާސަންދައިގެ ހިދުމަތް ނުލިބި ލަސްވާ ނަމަ، އެމީހެއްގެ ކަމެއްގައި މަސައްކަތް ކުރައްވައެވެ.

ބޭސްފަރުވާ އަށް ރާއްޖެ އަށް ބޭރަށް ދިއުމަށް އަތްމަތި ދަތިވެއްޖެ ނަމަ، އެކަމުގައި ބުނާ ރައްޔިތުންނަށް އެހީތެރިވެ ދެއްވީ މަދު ފަހަރަކު ނޫނެވެ.

ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ނަސީމް އެ ކުރެއްވީ އާދައިގެ ކަމެއް ނޫނެވެ!

ކ. ދިއްފުއްޓަށް އުފަން ނަސީމް އެންމެ ފުރަތަމަ މާލެއަށް ވަޑައިގެންނެވީ ތައުލީމް ހާސިލްކުރެއްވުމަށެވެ. ކިޔެވުމަށް ހުންނެވި ޝައުގުވެރިކަމެއްގެ ސަބަބުން މާލެ ވަޑައިގެން މަޝްހޫރު އަހުމަދިއްޔާ ސްކޫލަށް އޭނާ ވަދެވަޑައިގެންނެވިއެވެ. އަދި އެ ސްކޫލްގެ ތާރީހުގައި ނަން ފަވާލެއްލެވިއެވެ. އެ ސްކޫލްގައި ޕްރިފެކްޓަކަށްވުމުގެ އިތުރުން ހައުސް ކެމްޕްޓަންގެ މަގާމު ގްރޭޑް ނުވައެއްގައި ނަސީމް ހޯއްދެވިއެވެ. އަދި ގްރޭޑް 10 ގައި ސްކޫލްގެ ވައިސް ކެޕްޓަންކަން އަދާކުރެއްވިއެވެ.

ސްކޫލް ދައުރު ނިންމަވާލެއްވުމަށް ފަހު ނަސީމް އިތުރަށް ކިޔަވާ ވިދާޅުވާން ބޭނުންވިއެވެ. ނަމަވެސް އޭނާގެ މައިންބަފައިންގެ ނިކަމެތި ކަމުންނާއި ބައްޕަގެ އެދުމުގެ މަތިން އަމިއްލަ ތައުލީމަށްވުރެ ހަގަށް ތިބި ކުދިންނަށް ތައުލީމް ހާސިލްކޮށްދިނުން އިސްކަމަކަށް ހެއްދެވިއެެވެ. އަދި މަސައްކަތުގެ މާހައުލަށް އާމްމުދަނީ ހޯއްދަވަން ނިކުންނެވިއެވެ. އަމިއްލަ އަށް އާމްދަނީ ހޯއްދަވައިގެން މެނޭޖްމަންޓް ދާއިރާ އިން ވަނީ ތައުލީމް ހާސިލް ކުރައްވައިފައެވެ.

އިބްރާހިމް ނަސީމް.

ތައުލީމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން "ކްލެސިކް ޓިއުޝަން ސެންޓަރެއް" ނަމުގައި ޓިއުޝަން ސެންޓަރެއް ހުޅުއްވައިގެން ވަރަށް ގިނަ ކުދިންނަށް ތައުލީމް އުނގަންނަވައި ވެސް ދެއްވިއެވެ. އޭގެ ފަހުގައި ދާއިރާ ބަދަލުކޮށްލަން އެމްޑަބްލިއުއެސްސީއަށް ވަޒީފާއަކަށް ނިކުންނެވިއެވެ. އެ ކުންފުނީގައި ވަޒީފާ އަދާކުރައްވަމުން އަލްޓެކް މޯލްޑިވްސް ނަމުގައި އަމިއްލަ ކުންފުންޏެއް އުފެއްދެވިއެވެ. އެއީ މިހާރު ރާއްޖޭގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ އެންމެ ވަރުގަދަ ދިވެހި ކުންފުންޏެވެ.

މިއަދު ނަސީމަކީ ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލު ކުރައްވާ ހީވާގި މެމްބަރެވެ. އޭނާ ގެންދަވަނީ މަޖިލީހުގައި އެ ދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި، އަޑުއުފުއްލަވައި ރައްޔިތުންގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުގެ ކެންޑިޑޭޓެއްގެ ގޮތުގައި މިފަހަރު ދެވަނަ ދައުރަކަށް ކުރިމަތިލައްވައިގެން އެ ހުންނެވީ ދާއިރާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯއްދަވައި ދެއްވުމަށެވެ.

ސިޔާސީ ދާއިރާއަށް ވަދެވުނީ ކިހިނެތް؟

ނަސީމް "ވަގުތަށް" ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާއަށް ވަދެވުނީ ތުލުސްދޫ ދާއިރާގައި ކުރިން މަޖިލިސް ތަމްސީލްކުރެއްވި މެމްބަރުންނާ މެދު ޒުވާނުން ހިތްހަމަނުޖެހުމުން ޒުވާނުންނަށްޓަކައި ބަދަލެއް ގެނައުމުގެ ބޭނުމުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ދާއިރާގެ ޒުވާނުންތަކެއް އަޅުގަނޑާ މަޝްވަރާ ކުރީ ހިނގާށޭ ތިމަންނަމެންގެ ތެރެއިން މީހަކު ނެރެގެން ދާއިރާއަށް ކަމެއް ކޮށްދެވޭތޯ ބަލަން. އެގޮތަށް ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ޒުވާނުން މަޝްވަރާކޮށްފައި އަޅުގަނޑަށް ހުށަހެޅީ" ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ 2009 ވަނަ އަހަރުގައި އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ކުރިމަތިލެއްވުމުން ވަަރަށް ގިނަ އުނދަގޫތަކާއި ކުރިމަތިވި ކަމަށެވެ. ކެމްޕޭނަށް ރަށް ރަށަށް އެރުމުން އޭނާގެ ގަޔަށް ވެލި ޖަހައި ފެން ޖަހައި ހެދި ކަމަށް ވިދާޅުވިއެވެ. އަދި އޭރު ބަޔަކާ ބައްދަލުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަން ޖެހެނީ ސިއްރުގައި ކަމަށް ވިދާޅުވިއެވެ. ނަމަވެސް، ކުރިއަށް ވަޑައިގަތީ ނުގުޑާ އަޒުމެއްގައި ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

އިބްރާހިމް ނަސީމް.

"އޭރު މީހުން ބުނަމުން ދިޔައީ ރައީސް މައުމޫންގެ ޕާޓީން ބުޅަލެއް ކުރިމަތިލާފައި އޮތް ނަމަވެސް އަޅުގަނޑުމެން ވޯޓު ދޭނީ އެމީހަކަށޭ. ތިއީ އެމްޑީޕީ މީހެކޭ. މިނިވަނޭ ކިޔައިގެން އޮޅުވާލައިގެންނޭ ތި އުޅެނީ. ދެން އަޅުގަނޑު ދެންނެވިން އެމްޑީޕީއެއް ވެސް ނޫނޭ ޑީއާރްޕީއެއްވެސް ނޫނޭ. ހަމަ މިނިވަނެކޭ. އިރާދަކުރެއްވިޔާ މަޖިލީހަށް ވަންނާނީ މިނިވަނެއްގެ ގޮތުގައޭ." ނަސީމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހަށް 2009 ވަނަ އަހަރާއި 2014 ވަނަ އަހަރު ވެސް ނަސީމް ކުރިމަތިލެއްވެވިއެވެ. ނަމަވެސް އެ ދެ ފަހަރު ކާމިޔާބެއް ނުލިބުނެވެ. ނަމަވެސް 2019 ވަނަ އަހަރުގެ އިންތިހާބުގައި ކުރެއްވި ކާމިޔާބު މަސައްކަތުން ދާއިރާ ތަމްސީލު ކުރަން ރައްޔިތުން އިހުތިޔާރު ކުރީ އޭނާއެވެ. އިންތިހާބުވެވަޑައިގެންނެވީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.

ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކަށް ދައުލަތުން ހަރަދުކޮށްގެން އިތުރަށް އާމްދަނީ ހޯދޭނެ

ނަސީމް ވިދާޅުވީ އޭނާ ބޭނުންވަނީ ތުލުސްދޫ ދާއިރާއަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ކުރިއަރާފައިވާ ދާއިރާއަކަށް ބަދަލުކުރަން ކަމަށެވެ. އުމްރާނީ ގޮތުން ބެލިޔަސް، އިޖްތިމާއީ ގޮތުން ބެލިޔަސް، އިގްތިސޯދީ ގޮތުން ބެލިޔަސް އެ ފުރުސަތު މިއަދު އެބައޮތް ކަމަށް ވިދާޅުވިއެވެ. ރާއްޖެ ބައްޓަން ވަމުން އަންނަ ގޮތުން ލޯކަލް ޓޫރިޒަމް އޮތް ތަންތަން ވަރަށް އަވަހަށް ކުރި އަރައިގެންދާ ކަމަށް ވިދާޅުވިއެވެ. ތުލުސްދޫ ދާއިރާގެ ދެ ރަށް ކަމަށްވާ ތުލުސްދޫއާއި ދިއްފުއްޓަކީ ލޯކަލް ޓޫރިޒަމް ވަަރަށް ކުރިއަރަމުން އަންނަ ދެ ރަށް ކަމަށް ވިދާޅުވިއެވެ.

ނިންމާނީ ދިވެހިން ޕުރޮގްރާމުގައި ނަސީމް ވާހަކަ ދައްކަވަނީ. -- ވަގުތު އިމޭޖަސް

"އަޅުގަނޑުމެންނަށް ސަރުކާރުގެ ތެރެއިން ހޯދަން ޖެހޭ އަސާސީ ހިދުމަތްތަކާއި އަދި އެހެނިހެން ހިދުމަތްތައް. އަދި ކޮންމެހެން ބޭނުންވާ ހިދުމަތްތައް ހޯދިއްޖެ ކަމަށްވާނަމަ ދެން ވަރަށް ފަސޭހައިން މިތަން ކުރި އަރައިގެން ދާ މަންޒަރު ފެންނާނެ." ނަސީމް ވިދާޅުވިއެވެ.

ރާއްޖެއަށް ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ރަށްތަކުން ދައްކާ ޓެކްސްއަށް ބަލާއިރު ތުލުސްދޫ ދާއިރާގެ ދެ ރަށަކީ އެންމެ ގިނަ އަދަދަކަށް ޓެކްސް ދައްކާ ދެ ރަށް ކަމަށް ނަސީމް ވިދާޅުވިއެވެ. އެގޮތުން މާފުށި ނުލައި އެންމެ ގިނައިން ޓެކްސް ދައްކަނީ ވެސް އަދި އެންމެ އެނދު ގިނައީ ވެސް އެ ދެ ރަށުގައިކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޓެކްސް ދައްކައިގެން އެ ދެ ރަށަށް މީރާއިން އިނާމު ވެސް ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ލޯކަލް ޓޫރިޒަމް އިން އެންމެ ގިނައިން ޓެކްސް ދެއްކޭ ދާއިރާއަކަށް އެ ދާއިރާ ވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

"މިހާރު ރާއްޖެ އޮތް ގޮތުން ހަމައެކަނި ލޯކަލް ޓޫރިޒަމް ކުރިއަރާފައި ހުރި ރަށްތަކަށް ފައިސާއެއް ހަރަދުކުރަން ވެއްޖެނަމަ މައި ސަރުކާރުން ކިހިނެތްތޯ އެހެން ރަށްތަކަށް ހަރަދު ކުރާނީ. އެހެންވީމަ ދުރުގައި ހުރި ރަށްތަކަށް ވެސް ސަރުކާރުން ހަރަދުކުރަންޖެހޭ. އެހެން ނަމަވެސް އަޅުގަނޑުމެން އެދޭ ގޮތަކީ އޭގެއިން ބޮޑުބައެއް ލޯކަލް ޓޫރިޒަމް ކުރިއަރާފައި ރަށްތަކަށް ހަރަދުކޮށްގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރުމަށް. އޭރު ދައުލަތުގެ އާމްދަނީ މާބޮޑަށް އިތުރުވެގެންދާނެ." ނަސީމް ވިދާޅުވިއެވެ.

ނަސީމް ތުލުސްދޫ ބައްލަވާލެއްވުމުގެ ތެރެއިން--

އެމްޑީޕީއަށް މަޖިލިސް ލިބިއްޖެނަމަ އިގްތިސޯދު ކުރިއަރުވާކަން ބޭނުމެއް ނުވާނެ

ފެހި ގާނޫނުއަސާސީ ވުޖޫދަށް އައި ފަހުން މިދިޔަ އިންތިހާބުތަކަށް ބަލާއިރު 2008 ވެރިކަން ލިބުނު ފަރާތްތަކަށް 2009 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ނުލިބޭކަން ނަސީމް ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން ގައުމަށް ދިމާވި ކަންތައްތައް ފެނުނު ކަމަށާއި އެ ތަޖުރިބާއިން ރައްޔިތުން ނިންމީ އޭރެއްގައި އޮންނަ ސަރުކާރަށް މެޖޯރިޓީ ދިނުމަށް ކަމަށް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވި ގޮތުގައި، 2014 ވަނަ އަހަރާއި 2019 ވަނަ އަހަރު ރައްޔިތުން ވަނީ އޭރު އޮތް ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ދީފައެވެ. އެހެންކަމުން މި ފަހަރު ވެސް ރައްޔިތުން އެގޮތަށް އަމަލު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ނަސީމް ވިދާޅުވިއެވެ.

"ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ރޫހު ހުރި ގޮތުން އިދިކޮޅު ފަރާތްތަކަށް މަޖިލިސް ލިބިއްޖެ ނަމަ، ބޭނުމެއް ނުވާނެ ސަރުކާރަކުން ރައްޔިތުންނަށް ރަނގަޅަށް ހިދުމަތް ކުރެވިދާނެ ކަހަލަ ނުވަތަ ގައުމުގެ އިގްތިސާދު ކުރިއަރާ ދާނެ ކަހަލަ ކަންތައްތައް ކާމިޔާބުވާކަން. އެކަންކަން ކާމިޔާބު ނުވެއްޖެނަމަ ސަރުކާރު ހިންގަން އުނދަގޫވާނެ. ދައުލަތަށް ހަރަދުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް އުނދަގޫވާނެ،" ނަސީމް ވިދާޅުވިއެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބަށް ނަސީމްގެ ފޯމު އީސީއަށް ހަވާލުކުރެއްވުމުގެ ތެރެއިން--

ނަސީމް ވިދާޅުވީ، މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ވަރަށް ބޮޑަށް ރާއްޖޭގެ އާމްދަނީ އިތުރުކުރުން ކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ގައުމުގެ މިއަދުގެ އާމްދަނީ އަށް ބަލާއިރު އަދި ހަރަދުތައް ހުރި ހިސާބަށް ބަލައިފި ނަމަ ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ގައުމަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސައިގެން އަރަނި ބަޖެޓަށް ބަޖެޓް ބަދަލުކުރުން ކަަމަށް ވިދާޅުވިއެވެ. ނަސީމް ވިދާޅުވީ، އެކަން ކުރުމަށް އެންމެ ބޮޑު ހިތްވަރެއް އެއްބާރުލުމެއް ދޭން ޖެހޭނީ މަޖިލީހުގެ ތެރެއިން ކަމަށެވެ.

ނަސީމް ދެވަނަ ދައުރަކަށް ހޮވަންވީ ކީއްވެ؟

ފެހި ގާނޫނު އަސާސީ ވުޖޫދަށް އައި ފަހުން މަޖިލީހުގެ ދެ ދައުރެއް ގޮސްފި ކަމަށާއި އެ ދެ ދައުރުގައިވެސް ތުލުސްދޫ ދާއިރާގެ ރައްޔިތުންނަށް ދިމާވިގޮތް އެ ރައްޔިތުން ވަރަށް ރަނގަޅަށް ތަޖުރިބާކޮށްފައިވާ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަސީމް ކުޅިވަރު މުބާރާތެއްގެ ބައިވެރިންނާ ސަލާން ކުރައްވަނީ--

"އެ ތަޖުރިބާގެ އަލީގައި ރައްޔިތުން 2019 ވަނަ އަހަރު ނިންމީ ޕާޓީއަކަށް ކުލައަށް ފިކުރަކަށް ނުބަލާ ތިމަންނަމެންގެ މީހާއަށް ބަލާފައި މީހަކު ނަގާނީއޭ. އެގޮތުން ނިންމީ އަޅުގަނޑު ހޮވަން. މި ވޭދުވެދިޔަ ފަސް އަހަރު ރައްޔިތުން އެ ވަނީ ތަޖުރިބާކޮށްފައި. ރައްޔިތުން އަޅުގަނޑު ކައިރީގައި އެދުނު ހުރިހާ ކަމެއް އަޅުގަނޑަށް ވަނީ ކޮށްދެވިފައި. ހަމައެކަނި ސަރުކާރު ތެރެއިން ދައުލަތުގެ ބަޖެޓްގައި ޖެހިގެން ހިންގަން ޖެހުނު މަޝްރޫތަކުގައި މަޑުޖެހުމެއް ލަސްކަމެއް އުޅުން ފިޔަވައި ދެން ރައްޔިތުން އެދުނު ހުރިހާ ކަމެއް ވަނީ ކޮށްދީފައި." ނަސީމް ވިދާޅުވިއެވެ.

ނަސީމް ވިދާޅުވީ، މީގެ ކުރިން ތުލުސްދޫ ދާއިރާގެ މެމްބަރުންނަކީ ހޮވުމާއެކު ރައްޔިތުންނަށް ގެއްލިގެންދާ ބައެއް ކަމަށެވެ. ނަމަވެސް އެކަން އޭނާ މިހާރު ބަދަލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި 19 ވަނަ މަޖިލީހުގައި އޭނާއަށް ވުރެ ގިނައިން ދާއިރާގެ ރަށްތަކަށް ދިޔަ ބޭފުޅަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ރައްޔިތުންގެ ފޯން ކޯލުތަކާއި މެސެޖްތަަކަށް ބަރާބަރަށް ޖަވާބުދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ނަސީމް.

ވޯޓުލާން ބޭނުންނުވެފައިވާ ޒުވާނުންނަށް ނަސީމްގެ މެސެޖެއް

ވޯޓުލާން ބޭނުން ނުވާ ޒުވާނުންނަށް ނަސީމް ވިދާޅުވީ ބާރުތައް ފެށެނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އެހެންކަމުން ޒުވާނުން ވޯޓު ދޭ އިރު، އެ ބާރުގެ ބޭނުން ހިފޭ ގޮތަށް އެ ކެންޑިޑޭޓުންނާ ވާހަކަ ދެއްކުމަށް އެދިވަޑައިގަތެވެ. އެ ކެންޑިޑޭޓުންގެ ޕްލޭންތަކަކީ ކޮބައިތޯ ބައްލަވައި، ސަރުކާރެއްގެ ކެންޑިޑޭޓަށް ވޯޓު ދޭނަމަ ސަރުކާރުގެ ޕްލޭންތައް ބައްލަވައި އެހެން ނުފޫޒެއްގައި ނުޖެހި ވޯޓު ދިނުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

ހިނގަމުން މިދާ މަޖިލީހުގައި ނަސީމް މެމްބަރެއްގެ ގޮތުގައި ދައްކަވާފައި ވަނީ ކުރިން އެ ދާއިރާގެ މެމްބަރުންގެ ފަރާތުން ނުފެންނަ މަންޒަރުތަކެކެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް އޭނާ ވަަނީ ދާއިރާގެ ތާރީހު ބަދަލުކުރައްވައިފައެވެ. އެހެންވެ، އޭނާ އެދިވައިގަންނަވަނީ އެ ބޭއްވި ގާތް ގުޅުމުގައި ދެމި ހުންނަވަން ފުރުސަތު ދެއްވައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ދެވަނަ ދައުރަކަށް އޭނާ އިންތިހާބުކޮށްދެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސުލޯލިހު

    އެމްޑީޕީ މީހުން މަޖިލީހުގެ ސުޕަ މެޖޯރިޓީއާއިއެކު ހިންގަމުން ގެންދިޔަ ޖަރީމާތަކާ ދެކޮޅުވެ، އެމީހުން ފާޅުގަޔާ ސިއްރުން ބަހަމުން ގެންދިޔަ ފައިސާއަށް ނުގުޑާ ހުރެވޭނީ ފިސާރި ވަރުގަދަ ޝަހުސިއްޔަތަކަށް ވީމާ. އިންޝާﷲ ކާމިޔަބު ވާނެ

    26
    5