ރާއްޖޭގެ އަތޮޅު ތެރެއިން އެންމެ ބޮޑަށް ކޮވިޑް-19 ފެތުރުނު ރަށްކަމުގައިވާ ޅ. އަތޮޅު ނައިފަރު މޮނީޓަރިންގ ހާލަތުން މިއަދު ނަގަން ނިންމާފައިވާ ކަަމަށް އެ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިގޮތަށް ވިދާޅުވީ، މިއަދު ފޭސްބުކްގައި ލިޔުއްވި ސްޓޭޓަސްއެއްގައެވެ.

ޝިޔާމް ވިދާޅުވީ،87 ދުވަހަށް ފަހު މިއަދު ނައިފަރު މޮނީޓަރިންގ ހާލަތުން ނަގަން ސަރުކާރުން ނިންމާފައިވާ ވާހަކަ ހެލްތް މިނިސްޓަރު ވިދާޅުވުމުން އުފާ ކުރާ ކަމަށެވެ.

ކޮވިޑާއި ގުޅިގެން ނައިފަރު ބަންދު ކުރީ މާރިޗް މަހުގެ 23 ވަނަ ދުވަހުއެވެ.

ޝިޔާމް ވިދާޅުވީ، އެކަމާއި ވަރަށް އުފާކުރާ ކަމަށާއި، ކޮވިޑާއި ގުޅިގެމް ވަރަށް ގިނަ ވިޔަފާރިތައް ހަލާކުވެ އެތައް އާއިލާއެއްގެ އާއްމުދަނީ ބަންދުވެ އިޖްތިމއާީ އެތައް ގޮންޖެހުންތަކެއް ރައްޔިތުންނަށް ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ.

"ނައިފަރު ކަހަލަ ބޮޑު އާބާދީއެއްގައި ހާލަތު އޭހާ ގޯސްވެގެން ދިޔައިރު ސަރުކާރުން އެދެވޭ އިޖާބައެއް ނުދޭކަން ހިތާމައާއެކު ފާހަގަކުރަން، ހާލަތު ދިގުލައި ދިއުމުގެ ދެ އުޅިއެއް ނުވާ އުސޫލުތައް ތަންފީޒރު ކުރަން އެންގުމާއި، ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް މިއަދާއި ހަމައަށްވެސް ފުރިހަމަކޮށް ނުދީ އަބަދު އާއްމު ރައްޔިތުން ކުށްވެރިކުރުން ބޮޑެތި ސަބަބުތަކުގެ ތެރޭގައި ހިމެނޭ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ކޮވިޑްގެ ހާލަތު ދިގުލައިގެން ދިއުމުގެ ސަބަބުން ނައިފަރަށް އިގްތިސާދީ އަދި އިޖްތިމާއީ ހީނަރުކަން ދެނެގަނެ ވިޔަފާރިތަކަށާއި، އާއިލާތަކަށް އަދި ވަކިވަކި ފަރުދުންނަށް ލިބުނު ގެއްލުން ފޫބެއްދޭނެ ގޮތެއް ހޯދުމަށް ބާރު އަޅާ ސަރުކާރަށް ގޮވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހާއްސަ މާއްސަލައެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިއަދު ދެވޭ ލުޔާއެކު ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ހާއްސަ ސަމާލުކަމެއް ދެއްވައިގެން ހުރިހާ ފަރުދުން އެކީ މަސައްކަތް ކުރެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެން". ޝިޔާމް ވިދާޅުވިއެވެ.

ނައިފަރުން މިހާތަނަށް 909 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ވަނީ އެ ބަލީގައި ނިޔާވެފައެވެ/

މާލެ ފިޔަވާ އެންމެ ގިނަބަޔަކު ކޮވިޑަށް ފައްސިވި ރަށަކީ ނައިފަރެވެ.