ކޮވިޑް-19ގެ ވޭދަނައެއް ފެނި ހއ. ދިއްދޫ އަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.

ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެގެންނެވެ.

ދިއްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މީގެ ކުރިން އެރަށުން ފައްސިވެފައި ތިބި މީހުން ރަނގަޅުވެ، މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ.

ދިއްދޫން ތިން ފަހަރެއްގެ މަތިން ކޮވިޑް ފެނި ބަންދު ކޮށްފައިވާއިރު، ދެވަނަ ފަހަރަށް އެރަށުން ކޮވިޑް ފެނިފައިވަނީ ވެސް މޮނިޓަރިންގެ ހާލަތުން ނެގިތާ ދުވަސްތަކެއް ނުވަނީހެވެ.

ދިއްދޫއިން މިއަދު ފައްސިވެފައިވާ މީހާ އާއި ގާތުން އެއްތާވި މީހުންގެ ސުންކުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެރަށުގައި މިއަދު ވަނީ ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންގެ ހަވީރެއް ވެސް ބާއްވާފައެވެ.

އަދި އެރަށުގައި މިރޭ ޢީދު ޝޯއެއް ވެސް ބާއްވަން ހަމަޖެހިފައިވާއިރު، މިހާރު އެ ޝޯ ކުރިއަށް ނުގެންދަން އެރަށު ކައުންސިލުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު