އައްޑޫސިޓީން އިތުރު 11 މީހަކު ކޮވިޑަ-19 އަށް ފައްސިވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް އެސިޓީން ފައްސިވެފައިވާ 11 މީހުންނަކީ ވެސް މިވަގުތު އެންމެ ގިނަ ފައްސިވޭދަނަތައް ތިބި ހިތަދޫން ފައްސިވެފައިވާ މީހުންނެވެ.

އައްޑޫން އިތުރު 11 މީހަކު ފައްސިވުމާއި އެކީ މިވަގުތު އެސިޓީގައި ކޮވިޑް ޖެހިފައިތިބި މީހުންގެ އަދަދު ވަނީ 246 އަށް އަރާފައެވެ.

އައްޑޫގެ ވަކިވަކި އަވަށްތަކަށް ބަލާއިރު، މިވަގުތު ހިތަދޫގައި މި ބަލި ޖެހިފައި ތިބި 172 މީހަކު އެބަ ތިއްބެވެ. މަރަދޫގައި 31 މީޙަކު ތިބިއިރު، މަރަދޫފޭދޫގައި ހަތަރެއް، ފޭދޫގައި 10، ހުޅުދޫގައި އަށެއް އަދި މީދޫގައި 19 މީހަކު އެބަ ތިއްބެއެވެ.

އައްޑޫން މިހާތަނަށް 2،809 މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، 2،553 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިވަގުތު ހަތަރު މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، 10 މީހަކު ވަނީ އެސިޓީން ކޮވިޑް ޖެހިގެން ނިޔާވެފައެވެ.

އައްޑޫގައި ހަލުވި ކަމާއި އެކީ ބަލި ފެތުރެމުން އަންނާތީ އެސިޓީގައި މިވަގުތު ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއްގެއިން އަނެއް ގެއަށް ދިއުން މަނާ ކޮށް، ގިނަ މީހުން އެއްވެގެން ބާއްވާ ހަފްލާތަކާއި ޖަލްސާތައް ބޭއްވުން ވަނީ މަނާ ކޮށްފައެވެ.