އައްޑޫ ސިޓީ އާއި މާލެ ސިޓީ ހިމެނޭ ގޮތަށް 11 ރަށަކުން ކޮވިޑް-19 ގެ އާ ވޭރިއަންޓް ފެނިއްޖެއެވެ.

އޮމިކްރޮން ވޭދަނަތައް ފެނުނު ރަށްތަކަކީ މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް މިއަދު ވިދާޅުވީ ނަންބަރުތަކަށް ބަލާ އިރު، ރާއްޖެ އިން ކޮވިޑަށް ފައްސިވާ ގިނަ މީހުންނަކީ އޮމިކްރޮން ވޭރިއަންޓް ޖެހިފައި ތިބި މީހުން ކަމަށް ބުނެވޭނެ ޖާގަ އެބައޮތް ކަމަށެވެ.

"އެއީ އެންމެ ފަހުން 11 ޖެނުއަރީގައި ފޮނުވި ބެޗްގެ ނަތީޖާ އައިއިރު، %50 އަކީ އޮމިކްރޮން،" އަފްޒަލް ވިދާޅުވިއެވެ.

އެ ދުވަހު ފޮނުވި 100 ފައްސި ސުންކުތަކުގެ ތެރެއިން 51 ސުންކު ވަނީ އޮމިކްރޮން އަށް ފައްސިވެފައެވެ. މިއީ ރާއްޖެ އިން ބޭރަށް ޓެސްޓް ކުރަން ފޮނުވި ސުންކުތަކުގެ ދެބައިކުޅަ އެއްބައެވެ.

އަފްޒަލް ވިދާޅުވީ އޭގެ ފަހުން ފޮނުވި ސުންކުތަކުގެ ތެރެއިން ވަރަށް ބޮޑު މެޖޯރިޓީއެއް އޮމިކްރޮން އަށް ވުމުގެ ވަރަށް ބޮޑު ފުރުސަތެއް އެބައޮތް ކަމަށެވެ.

"ކޭސް ނަންބަރުތަކަށް އެކަނި ބަލާއިރުގައި، ނުވަތަ ފެތުރެމުންދާ ހަލުވި މިނަށް ބަލާއިރުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ އޮމިކްރޮންއޭ މިއުޅެނީ މިހާރު،" އަފްޒަލް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާތު ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އިން މިހާތަނަށް 14،977 މީހުން ކޮވިޑް-19 އަށް ފައްސިވެ، 270 މީހަކު ވަނީ ބަލީގައި ނިޔާވެފައެވެ.