ދުނިޔޭގެ ބައެއް ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އާ ވޭރިއަންޓެއް ކަމަށްވާ XBB.1.5, އަކީ ކޮރޯނާ ވައިރަސްގެ އޮމިކްރޮން ވޭރިއެންޓުގެ، މިހާތަނަށް އުފެދިފައިވާ އެންމެ ފަސޭހަކަމާއެކު ގައިންގަޔަށް އަރާ ސަބްވޭރިއެންޓް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެއެވެ.

އެހެންކަމަށްވުމާއެކު، XBB.1.5 އާ ބެހޭގޮތުން އާންމުން އެނގެން ބޭނުންވާނެ މައުލޫމާތުތައް ހުންނާނެއެވެ. މިސާލަކަށް މި ވޭރިއެންޓުން ބަލީގައި ބޮޑުވަރުވޭތޯއާއި، މި ވޭރިއެންޓާއި ދެކޮޅަށް ވެކްސިން މަސައްކަތް ކުރޭތޯ ފަދަ ސުވާލުތައް ބައެއް މީހުންގެ ހިތުގައި އުފެދޭނެއެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ވުޖޫދަށް އައުމުން ހައިރާންވާކަށް ނުޖެހެއެވެ. ވައިރަސް ގިނައިން ރެޕްލިކޭޓްވާ ވަރަކަށް، ވައިރަސް ބޮޑަށް މިއުޓޭޓް ނުވަތަ ބަދަލުވެސް ވެއެވެ. ވައިރަސްއަށް އަންނަ ބައެއް ބަދަލުތަކުން، އިތުރަށް ވައިރަސް ފެތުރުން ހުއްޓޭ ނަމަވެސް، ބައެއް ވައިރަސްތަކަށް އަންނަ ބަދަލުގެ ސަބަބުން އިތުރަށް ބަލި ފެތުރޭ ގޮތްވެއެވެ.

ބަޔަކު ކޮވިޑަށް ޓެސްޓުކުރަން ކިއޫ ހަދާފައި ---

އާ ވޭރިއެންޓްތަކާ މެދު އުފެދޭ ތިން ސުވާލެއް އޮވެއެވެ. ފުރަތަމަ ސުވާލަކީ އެ ވޭރިއަންޓް ކުރިއަށްވުރެ ބޮޑަށް ގައިންގަޔަށް އަރާނެތޯ ނުވަތަ ބަލި ޖައްސާނެތޯ އުފެދޭ ސުވާލެވެ. ދެވަނަ ސުވާލަކީ އެ ވޭރިއަންޓުން ބަލީގައި މާ ބޮޑުވަރުވޭތޯ އުފެދޭ ސުވާލެވެ. އަދި ތިންވަނައަށް، އެ ވޭރިއަންޓާއި ދެކޮޅަށް މިހާރު ބޭނުންކުރާ ވެކްސިން ހަމަ އެހާ ރަނގަޅަށް މަސައްކަތް ކުރާނެތޯ އުފެދޭ ސުވާލެވެ.

XBB.1.5 އަކީ ކުރިން ވޭރިއަންޓު ތަކަށްވުރެ ފަސޭހައިން ގައިންގަޔަށް އަރާ، ބަލި ޖައްސާ ވޭރިއަންޓެކެވެ. މިފަދަ ވޭރިއަންޓްތަކަށް އޮންނަ ފައިދާއަކީ، ފަސޭހައިން ފެތުރުމުގެ ސަބަބުން ކުރިން އުޅެމުން އައި ވައިރަސްގެ ވޭރިއެންޓްތައް ފަހަތަށް ޖައްސާލާ، މުޖުތަމައުގައި މި ވޭރިއެންޓް އާންމު ވެގެންދެއެެވެ. ކޮވިޑްގެ މުޅި އާލަމީ ވަބާ ތެރޭގައިވެސް ފެނުނީ މިފަދަ ގޮތަކަށް ކަންތައްތައް ހިނގަމުން އައިސްފައިވާ ތަނެވެ.

ނަމަވެސް އުފާވެރި ހަބަރަކީ މި އާވޭރިއެންޓުން ބަލީގައި ވަކި ބޮޑުވަރެއް ނުވެއެވެ. ޑެލްޓާ ވޭރިއެންޓްތަކާއި އަޅާބަލާއިރު، އޮމިކޮރޯންގެ އެހެން ވޭރިއެންޓުތައް ފަދައިން، XBB.1.5 އިންވެސް ބަލި ޖެހެނީ ކުޑަކޮށެވެ.

ނަމަވެސް ކުރީގެ އޮމިކްރޯން ވޭރިއެންޓްތަކަށްވުރެ، XBB.1.5 އަށް ވެކްސިނުން ކުރާ އަސަރު ކުޑަކަމަށް ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކައެވެ. މިހާރު ހުރި ވެކްސިންތަކުން މި ވޭރިއެންޓާއި ދެކޮޅަށް ރައްކާތެރިކަން ލިބެނީ ކިހާ ވަރަކަށްތޯ ބެލުމަށް އިތުރު ދިރާސާތައް ދަނީ ކުރެވެމުންނެވެ.

ސިއްހީ ބައެއް މާހިރުން ގަބޫލުކުރައްވާ ގޮތުގައި، ވެކްސިން ފުރިހަމަ ކޮށް، ބައިވަލެންޓް ވެކްސިންއެއްގެ ބޫސްޓަރ ޑޯޒް ޖަހާފައި ހުރެއްޖެނަމަ، އެކަށީގެންވާ މިންވަރެއްގެ ރައްކާތެރިކަމެއް ލިބޭނެއެވެ. އަދި ވެކްސިންއިން ބަލި ޖެހުމަށް މާބޮޑު ރައްކާތެރިކަމެއް ނުލިބުނު ނަމަވެސް، ބަލީގައި ބޮޑުވަރުވުމާއި ދެކޮޅަށް ރައްކާތެރިކަން ލިއްބައިދޭނެއެވެ.

ކޮވިޑްގެ އެހެން ވޭރިއެންޓްތައް ފަދައިން ޕީސީއާރް ޓެސްޓުން މި ވޭރިއެންޓްވެސް ދެނެގަނެވޭނެއެވެ. އަދި ރެޕިޑް އެންޓިޖެން ޓެސްޓުންވެސް ދެނެގަނެވޭނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

ކޮރޯނާވައިރަސްގެ ސުންކު ނަގަނީ ---

ދެން އުފެދޭ ސުވާލަކީ މިހާރު ކޮވިޑްގައި ބޭނުންކުރާ ފަރުވާ، XBB.1.5 އާއި ދެކޮޅަށްވެސް މަސައްކަތް ކުރާނެތޯ އުފެދޯ ސުވާލެެވެ. މި ސުވާލަށް އޮތް ޖަވާބަކީ ބައެއް އެންޓިވައިރަލް ބޭސްތައް މަސައްކަތްކުރި ނަމަވެސް، މޮނޮކްލޯނަލް އެންޓިބޮޑީ ފަރުވާތައް މި ވޭރިއެންޓާއި ދެކޮޅަށް މަސައްކަތް ނުކުރާނެއެވެ. ކުރީގެ ވޭރިއެންޓްތަކާއި ދެކޮޅަށް މޮނޮކްލޯނަލް އެންޓިބޮޑީ ފަރުވާތައް ބޭނުންކުރި ނަމަވެސް، އާ ވޭރިއެންޓުތަކަށް އެ ބޭސްތަކުން މާ ބޮޑު އަސަރެއް ނުކުރެއެވެ.

ޗުއްޓީގައި އެތައް ބަޔަކު އެކި ތަންތަނަށް ދަތުރުކުރުމުގެ ސަބަބުން ގިނަ މީީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮތް ނަމަވެސް ކުރީގެ ރާޅުތަކުގައި ވީހެން ވާނެކަމަކަށް ނުބެލެވެއެވެ. އެއީ މިހާރު ގިނަ މީހުންނަކީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ވާތީއެވެ. ނުވަތަ އެއްފަހަރު ނަމަވެސް ކޮވިޑް ޖެހި، ދިފާއީ ނިޒާމު ވައިރަސްއަށް ތައްޔާރުވެފައިވާ މީހުންނަށް ވާތީއެވެ.

XBB.1.5 އާއި މެދު ކަންބޮޑުވާން ޖެހޭ މިންވަރެއް ބިނާވެގެންވަނީ އެމީހެއްގެ މައްޗަށެވެ. ބައެއް މީހުންނަކީ ކޮވިޑް ޖެހިދާނެތީ އެހާ ކަންބޮޑުވެ ހާސްވެގެން އުޅޭ މީހުންނެއް ނޫނެވެ. އެމީހުންނަކީ ޒުވާން، ސިއްހަތު ރަނގަޅު އަދި ބަލި ޖެހުނު ނަމަވެސް ބަލީގައި ބޮޑުވަރު ވުމުގެ ފުރުސަތު ވަރަށްވެސް ކުޑަ މީހުންނެވެ. ނޫނީ ކުރިން ބަލި ޖެހި ރަނގަޅުވެ، ދިފާއީ ނިޒާމު ވަރުގަދަވެފައިވާ މީހުންނެވެ. ނޫނީ ރައްކާތެރި ފިޔަވަޅުތައް އަޅަން އުނދަގުލަކަށްވާ މީހުންނެވެ. ކޮންމެ ގޮތެއްވިޔަސް މާހިރުން ލަފާ ދެއްވާ ގޮތުގައި، އާލަމީ ވަބާގައި އެމީހަކު ކަންތައް ކުރަމުން އަންނަ ގޮތަކަށް، ދެންވެސް ކަންތައްތައް ކުރިއަށް ގެންދިއުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ XBB.1.5 އަކީ އަހަރެމެން ދެކޭނެ ފަހު ވޭރިއެންޓަށް ނުވާތީއެވެ. އަދި އެ ވޭރިއެންޓުން ބަލީގައި ވަކި ބޮޑުވަރު ނުވާތީއެވެ.

ނަމަވެސް އޭގެ އަނެއްކޮޅަށް ބަލާއިރު ބަލި ޖެހި، ބަލީގައި ބޮޑުވަރުވެދާނެތީ ކަންބޮޑުވާ މީހުންވެސް އުޅެއެވެ. އެހެންކަމުން އުމުރުން މަތީ ބޭފުޅުންނާއި، ބޮޑެތި ބަލިތަކުގައި އުޅުއްވާ ބޭފުޅުންނަށް ކޮވިޑްގެ ހިރާސް އޮތް މިންވަރަކާއި މެދު ޑޮކްޓަރާއި މަޝްވަރާކޮށްލުން ބުއްދިވެރިއެވެ. އަދި ވެކްސިން ޖެހުމަށްފަހުވެސް، ކޮވިޑްގެ ހިރާސް ބޮޑު މީހެއް ނަމަ، ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އެޅުންވެސް ބުއްދިވެރިއެވެ.

ލެބޯޓަރީއެްއްގައި ކޮވިޑް ސުންކު ޓެސްޓުކުރަނީ ---

އަނެއްކާވެސް މާސްކު އަޅަންވީތަ؟

އެކަން އޮތީ އެމީހެއްގެ އަދި އެމީހެއްގެ އާއިލާގެ މެމްބަރުންގެ އަތް މަތީގައެވެ. ދަރިފުޅު މާސްކު އަޅައިގެން ސުކޫލަށް ފޮނުވާފައި، އެހެންތަންތަނުގައި މާސްކު ނާޅާ އުޅުމާއި، ދެން އެކުގައި ގޭތެރޭ އުޅޭ އެންމެން މާސްކު ނާޅާ ބޭރަށް ގޮސް އުޅޭ އުޅުމަކުން ކުރާނެ މާ ބޮޑު ފައިދާއެއް ނޯންނާނެއެވެ. އެމީހަކު ބޭނުންނަމަ މާސްކު އަޅަންވީއެވެ. ނޫންނަމަ ނާޅަންވީއެވެ. ނަމަވެސް ބަލީގައި ބޮޑުވަރުވާ ވޭރިއެންޓަކާއި ކުރިމަތިލާން ޖެހިއްޖެނަމަ ހަމަ ޔަގީނުންވެސް މާސްކު އަޅަން ޖެހޭނެއެވެ.

ނަމަވެސް ބައެއް އާއިލާތަކުގައި ދިފާއީ ނިޒާމު ބަލިކަށިވެފައި ތިބޭ މެމްބަރުން ތިބުމަކީ އެ އާއިލާތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭންވާނެ ކަމެކެވެ.

ކޮވިޑްގެ އާލަމީ ވަބާއަށް ތިން އަހަރު ވީއިރު ދުނިޔެ ވަނީ ވަރަށް ގިނަ ވޭރިއެންޓުތަކެއް ދެކެފައެވެ. ނަމަވެސް އަދިވެސް މިއަށްވުރެ ކަންބޮޑުވާންޖެހޭ ވޭރިއެންޓުތަކެއް ފެނުމަކީވެސް އެކަށީގެންވާ ކަމެކެވެ. މާހިރުން ގަބޫލުކުރައްވާ ގޮތުގައި އާ ވޭރިއެންޓްތައް އުފެދި، ފެތުރެމުންދާއިރު، އެކަން ދެނެގަނެ، ދިރާސާތައް ހެދުމަށްޓަކައި ޖީނޯމް ސާވެއިލެންސް މުހިންމު ވަނީ އެ ސަބަބަށްޓަކައެވެ. އަދި ދޭތެރެ ދޭތެރެއިން އާ ވޭރިއެންޓްތައް ފެނުމާއި، ކޮވިޑްގެ ވޭދަނަތައް އިތުރުވުމަކީ 'ނިއު ނޯމަލް' ގެ ބައެކެވެ.

ނޯޓު: މި ލިޔުމަށް މައުލޫމާތު ނަގާފައި ވަނީ އެމެރިކާގެ ޖޯޖު ވޮޝިންގްޓަން މިލްކެން އިންސްޓިޓިއުޓް ސްކޫލް އޮފް ޕަބްލިކް ހެލްތްގެ، ހެލްތް ޕޮލިސީ އެންޑް މެނޭޖްމެންޓުގެ ޕްރޮފެސަރ، ޕަބްލިކް ހެލްތް އެކްސްޕާޓް، އަދި އިމަރޖެންސީ ފިޒިޝަނެއް ކަމަށްވާ ޑރ. ލީނާ ވެން ގެ އިންޓަވިއު އަކުންނެވެ.