ކޮވިޑް-19ގެ އާ ވައްތަރުކަމަށްވާ އޮމިކްރޮންގެ ސަބް ވޭރިއެންޓް ދުނިޔޭގެ 57 ގައުމަކުން ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އދގެ ސިއްހަތާ ބެހޭ އިދާރާއިން އިއްޔެ ނެރުނު ވީކްލީ އެޕިޑެމިއޮލޮޖިކަލް އަޕްޑޭޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، ބައެއް ގައުމުތަކުގައި، ސަބް ވޭރިއަންޓުގެ ވޭދަނަތައް މިހާރު ސީކުއެންސްކުރެވިފައިވާ ވޭދަނަތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނައެވެ.

ސަބް ވޭރިއަންޓްގެ ތަފާތުތަކާ ބެހޭ ގޮތުން މިހާތަނަށް މާ ބޮޑު އެއްޗެއް އެނގިފައި ނުވި ނަމަވެސް ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި މި ވޭރިއެންޓު ފެތުރޭލެއް އަވަހެވެ. އޮމިކްރޯން ވޭރިއެންޓަށް ސައިންޓިސްޓުން ދީފައިވާ ނަމަކީ ބީއޭ.1އެވެ. އަދި އޮމިކްރޯން ވޭރިއެންޓުން އުފެދިފައިވާ މި ސަބްވޭރިއެންޓަށް ދީފައިވަނީ ބީއޭ.2 އެވެ.

މި ވޭރިއެންޓަށް ސްޓެލްތް ވޭރިއަންޓްއަށް ވެސް ކިޔާ އުޅެއެވެ.

އޮމިކްރޮން ވޭރިއެންޓުގެ ސަބްވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ރިޕޯޓުތައް ބުނާގޮތުން ޔޫރަޕުގެ ގައުމުތަކުގައި މިހާރު ގިނައިން ފެތުރެމުންދަނީ މި ވޭރިިއެންޓެވެ.

"އޮމިކްރޮން" ވޭރިއެންޓަކީ ގިނަ ވައިރަސްތަކެއް ކޮވިޑްގެ ވައިރަސްއާ މިއުޓޭޓްވެގެން އުފެދިފައިވާ ވޭރިއެންޓެއްކަމަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެނގެއެވެ.

މިއީ ފަސޭހައިން ޖެހޭ އަދި އޭގައި ބޮޑުވަރު ވެސް ވާ ވޭރިއެންޓެކެވެ.