ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް)ގައި އިންސާނުންނަށް އެކަށީގެންވާ މާޙައުލެއް ލިބިފައިވާ ގުރަހައެއް (ޕްލެނެޓެއް) ނެތްނަމަވެސް ކައުނުގެ އެހެން ހިސާބުތަކުން ދުނިޔެއާއި އެއްގޮތް ސިފަތަކެއް ލިބިގެންވާ ގުރަހަތައް މީގެ ކުރިންވެސް ފެނިފައިވެއެވެ. ނަމަވެސް އެ ގުރަހަތަކާއި ހަމައަށް ވާސިލުވުމަކީ ކުރެވޭނެކަމަކަށް ނުވާތީ އިތުރު ހޯދުންތައް ހޯދުމަށް އޮތީ ހުރަސްއެޅިފައެވެ.

ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު، މި ސޫރުދަ ނިޒާމުން ބޭރުގައި ކައުނުގެ ބިޔަ ނިސްބަތުން ދުނިޔެއާއި މާ ދުރުނޫން ހިސާބެއްގައި ދުނިޔެފަދަ ގުރަހައެއް ވެއެވެ. ހޯދުންތަކުގެ އަލީގައި، އެ ގުރަހައިގައި ފެން ހުރިކަންވެސް ދެނެގަނެވިފައިވާއިރު، ދުނިޔެއިން އެ ގުރަހައަށް ޖައްވީ އުޅަނދެއް ފޮނުވައި އިތުރު ތަހުލީލުތައް ކުރުމަކީ، ކުރެވިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.

"ޕްރޮކްސިމާ ބީ"ގެ ނަމުން ނަންދީފައިވާ މި ގުރަހަ ދައުރުވަނީ ދުނިޔެއާއި 4.2 އަލި އަހަރު ދުރުންނެވެ. މި ގުރަހައިގައި ދުނިޔޭގައިވާ ފަދަ ބިޔަ ކަނޑުތައްވާކަން ވަނީ ހޯދައިގަނެވިފައެވެ. ދުނިޔޭގެ ދިރުންތަކަށް އެންމެ މައިގަނޑު އެއް އަސާސަކީ ފެން ކަމުގައިވާއިރު، "ޕްރޮކްސިމާ ބީ"ގައި ފެން ހުރުމުން އެ ގުރަހައިގައި ދިރުމެއް ވެދާނެ ކަމަށް، ނުވަތަ ދިރުމަކަށް އުޅެވިދާނެ ކަމަށް ވަނީ ޤަބޫލުކުރެވިފައެވެ.

"ޕްރޮކްސިމާ ބީ" ދައުރުވަނީ ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުގައިވެސް ވާފަދަ އިރުފަދަ ތަރިއެއްގެ ވަށައިގެންނެވެ. ދިރާސާތަކުން އެނގޭގޮތުގައި އެ ތަރިއަކީވެސް އިރާއި ގާތްގަނޑަކަށް އެއް އުމުރެއްގެ ތަރިއެކެވެ. އަދި "ޕްރޮކްސިމާ ބީ" މި ތަރި ވަށައިގެން ދައުރުވަނީވެސް ގާތްގަނޑަކަށް ދުނިޔެ، އިރު ވަށައިގެން ދައުރުވާ ދުރުމިނުގައި ކަމުން، މިއީ ދުނިޔެއާއި އެއްގޮތް މާޙައުލެއް ލިބިފައިވެދާނެ ގުރަހައެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

މި ގުރަހައިގެ ދިރާސާތައްކުރާ ފަރާތްތަކަށް ހޯދުނު ހޯދުންތަކަށް ބަލާއިރު، ދުނިޔެއާއި ވަރަށް ތަފާތު ކަމެއް ގުރަހައިގެ ހަރަކާތްތަކުން ވަނީ ހޯދައިގަނެވިފައެވެ. އެގޮތުން އެ ގުރަހަ ތަރިއެއް ވަށައިގެން ދައުރުވިނަމަވެސް، ގުރަހަ އެއްވެސް ވަރަކަށް އެނބުރެމުން ނުދާކަން ވަނީ އެނގިފައެވެ. މިގޮތަށް ހިފެހެއްޓިފައި ހުންނަ ހުރުމުގެ ސަބަބުން އެ ގުރަހައިގެ އެއް ފަޅިއަށް އަބަދުމެ އަބަދަށް އިރުގެ އަލިކަން ދީފައި އޮންނައިރު، އަނެއް ފަޅިއަށް ދާއިމީ އަނދިރިކަމެއްގެ ތެރެއިން "ރޭގަނޑު ވެފައި" އޮވެއެވެ.

އެހެންކަމުން އިރުގެ އަލިކަން ނުލިބި އަނދިރިކޮށް އޮންނަ ފަޅީގައި އޮންނާނީ ގަނޑުފެނުގެ ބިޔަ ބައްރެއްކަމަށް ވަނީ ޤަބޫލުކުރެވިފައެވެ. ނަމަވެސް އިރުގެ އަލިކަން މި ގުރަހައަށް ލިބޭ ފަޅީގައި ދުނިޔެއާއި އެއްފަދަ އާންމު މާހައުލެއް އޮވެއެވެ. ސައިންސްވެރިން ބުނާގޮތުގައި، ބަލާ ބެލުމަށް މި މާހައުލަކީ ރައްކާތެރި އާދައިގެ މާހައުލެއްގެ ގޮތުގައި ސިފަ ވީނަމަވެސް، އެތަނުގައި ދިރުންތަކަށް ނުރައްކާވާ ފަދަ ގޭހެއް ނުވަތަ ރޭޑިއޭޝަނެއްގެ އަސަރު ވެދާނެއެވެ. ހަމަ އެހެންމެ ދުނިޔޭގައިވާ ދިރުންތަކަށް ނުރައްކާ ކުރިމަތިކުރުވާފަދަ ދިރުމެއް މި ގުރަހައިގައި ވެދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ޤަބޫލުކުރެއެވެ. އެހެންކަމުން އެކަކަން ހޯދުމަށް އިތުރު ދިރާސާތަކާއި ތަހުލީލުތައް ކުރަން ޖެހޭނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ދުނިޔެ ހިމެނޭ ސޫރުދަ ނިޒާމުން އާ ގުރަހައެއް ފެނިފައިވާއިރު، ކައުނުގެ މިން ނުކުރެވޭ ބިޔަ މިންގަނޑުން ބަލާނަމަ "ޕްރޮކްސިމާ ބީ" އާއި މި ސޫރުދަ ނިޒާމުގެ އެންމެ ދުރުގައި އޮންނަ ޕުލޫޓޯ (ޕްލޫޓޯ) އާއި މާބޮޑު ދުރުމިނެއް ނުހުންނާނެއެވެ. ޕުލޫޓޯއަށް މީގެ ކުރިން ސައިންސްވެރިން "ނިއު ހޮރިޒަންސް"ގެ ނަމުން ނަންދެވުނު ޖައްވީ އުޅަނދެއް ފޮނުވާފައިވާއިރު، "ޕްރޮކްސިމާ ބީ" އަށްވެސް އެފަދަ އުޅަނދެއް ފޮނުވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި ގުރަހައިގެ އިތުރު ދިރާސާތައް ކުރުމަށް ސައިންސްވެރިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަގސގ

    ފުރިހަމަ ކިޔުމެއް..މާށާ ﷲ

  2. ވާރޭ

    އިންޝާ ﷲ

  3. ޑޮންޑޮން

    ތިގޮސް ކޮންއިރެއްގެ ވާހަކައެއް؟ 2016ގަ ފެނުނު ޕްލެނެޓެއް ތިއީ.

  4. މާމިގިލީ މީހާ

    ނާސާ އަކީ މީހުން މޮޔަހައްދާ ބައެއް... ނާސާއަކީ ބޯގޮވާފަ ތިބި ބައެއް.. ކިޔޭ ނުކިޔޭ އެއްޗެއް ނޭގެ.. އަބަދުވެސް ކޮންމެސް ޕުލެނެޓެއް ފެނިގެން އުޅޭވާހަކަ ދައްކާނީ.. ދޮގު ހަދާގެން..

    • ކައިލްސް

      ހަމަ ތެދެއް ތި ބުނީ، ފޭކް ނިއުސް ފަތުރާ ބައެއް އެމެރިކާގެ ބާރުގަދަ ކަން ދައްކަން. އަދިވެސް މިމީހުނަށް ހީވަނީ ދެން ތިބެނީ މޮޔައިންނޭ..

  5. ނަން

    ތީ މުސްލިމުންނަށް އާވާހަކައެއް ނޫން. ތިޔަ ދުނިޔޭގެ ވާހަކަ މީގެ ސާދަސަތޭކަ އަހަރު ކުރީގައި ވެސް އަހަރެމެންނަށް އޮތީ އަންގަވާފަ

  6. ާާަައަބުއި

    ތި އުޅެނީ ދުނިޔެ ކުރިމަތީ ގަ ލޮގަނޑެ ބަައިން ދާގެން