ވޯލްޑް ބޭންކްގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީން ކުރިއަށް ގެންދާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ނިމޭނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު ވިދާޅުވީ ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ހުޅުމާލޭ ހައުސިންގ ޔުނިޓުތަކުގައި 600 ކިލޯވޮޓްގެ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކޮށް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅާލުމުގެ މަސައްކަރް ކަމަށެވެ.

މާޖިދު ވިދާޅުވީ ސޯލާ ޕީވީތައް ބެހެއްޓުމަށް ބޭނުންވާ ސްޓަކްޗާތައް ހަރުކުރުމުގެ މަސައްކަތް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކާއި ބްރިޖްގައި ކުރިއަށްދާނެ ކަމަށެވެ. އެ މަސައްކަތުގެ 50 އިންސައްތަ މިހާރު ނިންމާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސައްކަތް މިހާރު ދާ ސްޕީޓުން އަހަރުގެ މެދުތެރޭގައި ސޯލާ ޕީވީގެ ނިޒާމް ގާއިމްކޮށް ނިންމާލެވޭނެ ކަމަށް ވެސް މާޖިދު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.

މިނިސްޓްރީން ބުނެފައިވަނީ އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ހަރަދު ނުކުރާނެ ކަމަށާއި އަދި ޕްރައިވެޓް ފައިނޭންސިންގެ އުސޫލުން ކޮންޓަރެކްޓަރުގެ އަމިއްލަ ފައިސާއާއި ތަކެތީގައި ސޯލަރ ޕީވީ ނިޒާމު ގާއިމުކޮށް އެ ނިޒާމުން ކަރަންޓް އުފެއްދުމަށްފަހު ޕަވަރ ޕާރޗޭސިންގ އެގްރީމެންޓް (ޕީޕީއޭ) މޮޑެލްގެ ދަށުން ސްޓެލްކޯއަށް ވިއްކާނެ ކަމަށެވެ.

ސްޓެލްކޯއަށް ކަރަންޓް ވިއްކަން ނިންމާފައި ވަނީ ކަރަންޓް ޔުނިޓަކަށް 10.09 ޔޫއެސް ސެންޓުގެ މަގުން ނެވެ. އެއީ ދިވެހި ފައިސާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރިއެވެ. އެސްޕަޔަރގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ޤާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. އެހެންކަމުން 5 މެގަވޮޓް ސޯލާ ޕީވީން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ގަންނަން ލިބެނީ މީގެ ކުރީން ސޯލަރ ހަކަތައިން އުފައްދާ ކަރަންޓް ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގަ އެވެ.