ރާއްޖޭގެ 24 ރަށެއްގައި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވާރލްޑް ބޭންކްގެ އެހީގައި އެންވަޔަރަންމަންޓް، މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގ ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓައިނަބަލް އެނަރޖީ (އެރައިސް) ޕްރޮޖެކްޓުގެ ދަށުން 40 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގެ 24 ރަށެއްގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު ހެނދުނު އިސްލާމީ މަރުކަރުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި މި ޖަލްސާގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާއެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ވަންގް ޕެއިޓާއޮއެވެ.

މި މަޝްރޫޢުގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ގުއަޑިއަން ނަންޖިންގް އޮޓޯމޭޝަން ކޯ ލިމިޓެޑް އަދި ސީނޯ ސޯލަރ ހައިބްރިޑް (ބެއިޖިންގް) ޓެކްނޯލޮޖީ ކޯ ލިމިޓޭޑް ހިމެނޭ ގޮތަށް އުފައްދާފައިވާ ޖޮއިންވެންޗަރ ކުންފުނިންނެވެ.

ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރާ 24 ރަށަކީ އައްޑޫ ސިޓީ (ހިތަދޫ، ފޭދޫ، މަރަދޫ ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ)، ފުވައްމުލައް ސިޓީ، ކުޅުދުއްފުށީ ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށީ، ޅ. ހިންނަވަރު، ޅ. ނައިފަރު، ގއ. ވިލިނގިލި، ށ. ފުނަދޫގެ އިތުރުން ލ. އަތޮޅުގެ ރަށްތަށް (ފޮނަދޫ، ގަން، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާބައިދޫ، މާމެންދޫ، ކުނަހަންދޫ، ހިތަދޫ، މާވަށް)އެވެ.

ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްގެ ސަބަބުން ކަރަންޓުގެ ޚަރަދުކުޑަވެގެންދާނެއެވެ. މި ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމުގެ ސަބަބުން ސޯލާ ހަކަތައިން އުފައްދާ ކަރަންޓުން އެވަގުތެއްގައި ބޭނުންކޮށް އިތުރުވާ ކަރަންޓު މި ނިޒާމުގައި ރައްކާކުރެވިގެންދާނެއެވެ. އަދި ވިއުގައަށް ފޯރުކުރާ އިއާދަކުރަނިވި ހަކަތަ، އެރަށެއްގެ ޑިމާންޑް ގެ ނިސްބަތް ޖުމުލަ %30 އަށްވުރެން މައްޗަށްދާ ހާލަތްތަކުގައި ގްރިޑް ސްޓެބިލިޓީ މައްސަލަތައް ކޮންޓްރޯލްކޮށް އާންމު ކޮށްވެސް ކަރަންޓް ކެނޑުމަށް ދިމާވާ ގިނަ ހާލަތްތަކަށް ލުޔެއް ލިބިގެންދާނެއެވެ.

މި ސިސްޓަމް ޤާއިމުކޮށް ނިމުމުން އިތުރުން ޖުމްލަ 36 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްވެސް މިނިސްޓްރީން ވަނީ ރާވާފައެވެ. އަދި ސޯލާ އާއި ބެޓަރީ ނިޒާމު ބަހައްޓާ ރަށްތަކުގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމަށްވެސް މަޝްރޫޢުގެ ތެރެއިން ރާވާފައިވެއެވެ.

ސަރުކާރުން ބޭރުގެ އެހީއާއެކު ހިންގާ މިފަދަ މަޝްރޫޢުތަކުގެ ބޭނުމަކީ ސަރުކާރުން ތެލަށްކުރާ ހޭދަ ކުޑަކޮށް ތިމާވެއްޓާއި ރައްޓެހިގޮތަކަށް ކަރަންޓް އުފައްދުމެވެ. ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވެސް ހަކަތައިގެ ދާއިރާއަށް ޚާއްސަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން ރާއްޖޭގެ ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަކީ ނެޓްޒީރޯ އެމިޝަން ގައުމަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވިކިލީކްސް

    ތިޔައީ ކުންފުނިތަކެއް އެއްކޮށްގެން ޝައުނާ އަޑީގަހުރެ ޖޮއިންޓްވެންޗަރ ކުންފުންޏެއް ހަދާގެން ކޮށްފަވާ ވަރަށް ބޮޑު ވައްކަމެއް.

  2. ހަނީފު

    ޢިންޑިއާމީހުން އޭތިމީތި ހަދާގެން ރާއްޖެ ދަވާލާފި. ޥޯޓް ދޭންވާނީ މުއިއްޒައް . ރިޝްވަތުގަ ހިފިޔަސް ވޯތަކީ ދިވެހިންގެ އެއްޗެއް

  3. ށީމާލް

    ތިޔަ އިންޑިއާއިން ސޯލާ ހަކަތައިގަ ވާދަކުރެވޭ ވަރު ބަޔެއްނޫންތީ. ތީ ޖީބު ބޮޑުކުރަން ކުރާކަންކަންކަން. ޑިވެހިން ފެލާލައިފި ހަމަ . އެހެންނޫނަސް ވޯޓް ކެމްޕެއިންތެރޭ ދައްކާ ދަޅަޔަކަށް އަހަރުން ނުވެއް ހެއްލޭނެ.

  4. Anonymous

    ތީޙަމަވޯޓް ހޯދަން ޖަހާ ބޯދެތި ބިސްމަޅި. ގޯތިދިނަސް ފައިސާދިނަސް ތަރިބާލަދިނަސް ވޯޓެއްނެތޭދެވޭކަށެއް . 1 ބުރުން މުޢިއްޒު ހޮވަންޖެހޭނީ ދިވެހިންގަ ޤައުމުގެ ދިވެހިންނަށް .

  5. Anonymous

    އިންޑިޔާގެ ކުންފުނިތަކަށް ޤައުމު ވިއްކާ ހުސްކުރަނީ ފައިސާގެ ދަހިވެތި ކަމުގައި !

  6. Anonymous

    ސޯލިހް ހަކަތަ ރައްޔިތުން ބޭނުމެއްނުވެ.
    ވައްކަމާ ކޮރަޕްޝަން. ޤައުމުގެ މިނިވަކަން ވެރިކަމުގެ ދަހިވެތިކަމިގައި އިންޑިޔާއަށް ވިއްކާލި ބަޔަކު ވެރިކަމަށް ގެންނަން ވޯޓު ދޭ ބަޔަކުވެސް ފާފަވެރިވާނެ