އިންޑިއާގެ ކޮލްކަތާގެ ޑޮކްޓަރުންގެ ޓީމަކުން އަންހެނެއްގެ ކަނާތު ފުއްޕާމޭގައި ހުރި ރަން ނޭފަތުމުދީގެ ބައެއް ކާމިޔާބުކަމާއެކު ނަގައިފިއެވެ.

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މީގެ 16 ނުވަތަ 17 އަހަރު ކުރިން އުމުރުން 35 އަހަރުގެ ވަރުޝާ ސާހޫ ނޭފަތުގައި ހަރުކޮށްގެން އުޅުނު މުދީގެ ބައެއް ނޭވާލުމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް ދިއުމުން އެކަމުގައި މާ ބޮޑު ކަންބޮޑުވުމެއް އޭނާ ނެތެވެ. އޭނާ ހީކުރީ އެ ޕިން ބަނޑަށް ވަދެ ގުދުރަތީ ގޮތުން ހަޖަމުކުރުމުގެ ނިޒާމުގެ ތެރެއިން ދާނެ ކަމަށެވެ.

ނަމަވެސް ނޭވާލާން އުނދަގޫވުން ފަދަ ސިއްހީ މައްސަލަތަކާ ކުރިމަތިލާން ފެށުމުން ކަންކަން ގޯސްވެގެން ދިޔައެވެ. އުނދަގޫވާތާ މަހެއްހާ ދުވަސް ފަހުން ޑޮކްޓަރަށް ދެއްކީ އަބަދު ކެއްސުމާއި ނިއުމޯނިއާ ޖެހުމުގެ ޝަކުވާ ކުރަމުންނެވެ. އެންމެ ފުރަތަމަ ބޭސްތައް ބޭނުން ކުރަން ދިން ނަމަވެސް، އެކަމުން އަރައިގަނެފައެއް ނުވެއެވެ.

އެއަށްފަހު ޕަލްމޮނޮލޮޖިސްޓެއްގެ ލަފާ ހޯއްދަވައި ސީޓީ ސްކޭނަކާއި މޭގެ އެކްސްރޭ އެއް ހެދިއެވެ. މި ޓެސްޓުތަކުން އޭނާގެ ފުއްޕާމޭގައި ކުޑަ އެއްޗެއް ހުރިކަން އެނގުނު އިރު، ފަހުން އެއީ ނޭފަތުމުދީގެ ކުޑަ އިސްކުރެއްކަން ދެނެގަނެވުނެވެ.

"އޭގެ އިސްކުރު ދޫވެގެން ދިޔަކަން ނޭނގޭ. އަހަރެން ވާހަކަ ދައްކަމުން ދިޔައިރު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދޫކޮށްލި ގަޑީގައި ނޭވާހޮޅީގެ ތެރެއަށް އޭތި ވަދެގެން ދިޔަކަން ނޭނގެ. އަހަރެން ހީކުރީ ބަނޑަށް ދިޔަ ކަމަށް،". ބީބީސީއަށް ދިން އިންޓަވިއުއެއްގައި ސަހޫ ބުންޏެވެ.

އޭނާގެ ފުއްޕާމެއިން އޭތި ނެގުމަށް ޕަލްމޮނޮލޮޖިސްޓެއް ފައިބައޮޕްޓިކް ބްރޮންކޮސްކޯޕެއް ބޭނުންކޮށްގެން މަސައްކަތް ކުރި ނަމަވެސް އޭނާއަށް އެކަން ވަނީ ނާކާމިޔާބުވެފައެވެ. އެއަށްފަހު އެ އަންހެން މީހާ މެޑިކާ ސުޕަސްޕެޝަލިޓީ ހޮސްޕިޓަލުގެ ޕަލްމޮނޮލޮޖިސްޓެއް ކަމަށްވާ ޑރ، ޑެބްރާޖް ޖާޝް ކައިރިއަށް ވަނީ ފޮނުވާލާފައެވެ. ޖާޝް ވިދާޅުވީ ދެވަނަ ފަހަރަށް ބްރޮންކޯސްކޯޕް ކުރަން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ ނަމަ އިންވޭސިވް ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށެވެ.

ނަމަވެސް އޭނާ ހެދި ދެވަނަ ބްރޮންކޮސްކޮޕީ ކާމިޔާބުވެ ހަށިގަނޑު ތެރެއިން އިސްކުރު ނައްޓާލިއެވެ. އަދި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކޭސްއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަބޫ

    ގެރީގެ ލަގަން ހެން ނޭފަތާ ދެންވެސް ލޯވަޅެއް ހުރިއްޔާ އޭގެ އަރިއަރި މަތި ތޮރުފައިގެންް މުދި ލައްވަންޔާ ވާނީ ތިހެން.

    17
    1