އިންޑިއާގައި މީހަކު ހައްޔަރު ކުރަން ދިޔަ ފުލުހުންތަކަކަށް ގިނަ ބަޔަކު ވެގެން ހަމަލާދީފިއެވެ.

ރިޕޯޓްތަކުން ބުނާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ ރަޖަސްތާނުގެ ބާރަތްޕޫރުގައެވެ. އެގޮތުން އެއަވަށުގެ މީހަކު ހައްޔަރު ކުރުމަށް ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓް (ސީއައިޑީ)ގެ ޓީމެއް ދިއުމުން އެއަވަށުގެ މީހުންނާއި އޭނާގެ އާއިލާ މީހުން ވެގެން ފުލުހުންނަށް ހަމަލާދިން ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ބުސާވަރު ސިޓީގެ ފުލުހުންގެ ސްޓޭޝަން އިންޗާޖު، ސުނިލް ކުމާރު ބުނެފައިވަނީ ފުލުހުން އެސަރަހައްދަށް ގޮސްފައިވަނީ ސަންޖޭ ޖަޓް ނަމަކަށް ކިޔާ މީހަކު ހައްޔަރު ކުރުމަށް ކަމަށެވެ. އޭނާއަކީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމަވެސް އޭނާ ހައްޔަރު ކުރަން ގޮސްފައިވަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

"ސީއައިޑީ ޓީމެއް ދިޔައީ ހައްޔަރު ކުރަން. ދިއުމުން އޭނާގެ އާއިލީ މީހުންނާއި އަވަށު މީހުން އެމީހުންނަށް ހަމަލާދިނީ" އޭނާ ބުންޏެވެ.

މިހާދިސާއާއި ގުޅިގެން ދެ ފުލުހަކަށް އަނިޔާ ލިބިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މިވަގުތު އެމީހުންނަށް ފަރުވާ ދެމުން އަންނައިރު، ހަމަލާއާއި ގުޅިގެން އެމީހުންނާއި ދެކޮޅަށް މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ހާދިސާއާއި ގުޅިގެން ބައެއް މީހުން ވަނީ ހައްޔަރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު