ޒޮމްބީ ނުވަތަ މަރުވެފައިވާ މީހުންގެ ގަބުރު ދިރިގެން އިންސާނުންގެ ތެރެއަށް ނިކުމެ އުޅޭ މަންޒަރު ކުރިން ފެންނަނީ ފިލްމުތަކާއި ގޭމްތަކުންނެވެ. އިންސާނުންގެ ބައްޓަމަށް، އެހެނަސް ބިރުވެރި ސިފައަކަށް ތިބޭ ޒޮމްބީ އަކީ ޚިޔާލީ އެއްޗެއް ނަމަވެސް، ދުނިޔެއަށް އެފަދަ ނުރައްކަލަކާއި ކުރިމަތިވެދާނެ ކަމަށް ޤަބޫލުކުރާ ބަޔަކުވެސް އުޅެއެވެ. އެއީ ޒަމާން ބަދަލުވެގެންދާ ދިއުމާއި އެކު، ނިއުކްލިއަރ ބާރު ނުވަތަ އެނޫންވެސް ބާރުގަދަ މާއްދާއެއްގެ ސަބަބުން އިންސާނުންގެ ތެރެއިން ބަޔަކު "އިންފެކްޓް"ވެ އެބައި މީހުންނަކީ އިންސާނުންނަށް ހުރި ނުރައްކަލަކަށް ވެދާނެ ކަމަށް އެފަރާތްތަކަށް ޤަބޫލުކުރެވޭތީއެވެ.

ބްރެޒިލްގެ ދިރާސާވެރިންތަކެއް ދާދިފަހުން ކުރިއަށްގެންދިޔަ ދިރާސާއަކަށްފަހު ބުނެފައި ވަނީ، ދުނިޔެއަށް ޒޮމްބީގެ ނުރައްކަލާއި ކުރިމަތިވެއްޖެ ހިނދެއްގައި، އެކަމުން އަރައިގަނެ އެންމެ ފަސޭހަކަމާއި އެކު އެ ނުރައްކަލުން ސަލާމަތްވާނީ އުތުރު ކޮރެއާ ކަމަށެވެ. އަދި އުތުރު ކޮރެއާގެ ދިފާއީ ބާރަށް ބަލާއިރުވެސް އެޤައުމަކީ އެފަދަ ނުރައްކާތެރި ހާލަތަކައް ތައްޔާރުވެވިފައި އޮތް ޤައުމެއް ކަމަށް އެފަރާތްތަކުން ބުނެފައި ވެއެވެ.

ދިރާސާވެރިން ބުނެފައިވާގޮތުގައި، ޤައުމުތަކަށް ޒޮމްބީންގެ ނުރައްކާ ކުރިމަތިވެއްޖެ ނަމަ، އެޤައުމެއްގައި ދިރިއުޅޭ ކޮންމެ އެއްހާސް މީހަކަށް އެންމެ މަދުވެގެންވެސް 47 ހަތިޔާރު އެޅި ސިފައިންގެ މީހުން، ނުވަތަ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ އޮފިޝަލުން ތިބެން ޖެހޭނެއެވެ. ދުނިޔޭގެ ހުރިހާ ޤައުމަކަށް ބަލައިލިނަމަވެސް އުތުރު ކޮރެއާއަކީ، މި ޢަދަދަށް އާބާދީއާއި އެކު ސަލާމަތީ ފަރާތްތައް ހަމަވާ ހަމައެކަނި ޤައުމު ކަމަށް ދިރާސާވެރިން ބުނެއެވެ.

އެގޮތުން އުތުރު ކޮރެއާގެ ކޮންމެ އެއްހާސް މީހަކަށް 48 ފުލުހުން ނުވަތަ ސިފައިން ހަމަވާ ކަމަށް ދިރާސާކުރި ފަރާތުން ބުނެފައިވެއެވެ. އެހެންކަމުން ސަލާމަތީ ބާރުތަކާއި ޖުމްލަ އާބާދީގެ ނިސްބަތުން ބަލާއިރު އެޤައުމަކީ ޒޮމްބީގެ ނުރައްކަލުން އެންމެ ފަސޭހަކަމާއި އެކު އަރައިގަންނާނެ ޤައުމު ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

"ކޮންމެވެސް ސަބަބަކާއި ގުޅިގެން، ކޮންމެވެސް ދުވަހެއްގައި ޒޮމްބީގެ ވާހަކަތައް ފިލްމުތަކުގައި ފެންނަ ފަދައިން ހަޤީޤަތަކަށް ވެއްޖެ ނަމަ، އަހަރެމެން މި ކުރިއަށްގެންދިޔަ ދިރާސާއަކީ ބޭނުންހިފޭ މުޙިންމު ދިރާސާއަކަށް ވެގެންދާނެ،" ދިރާސާގެ ބައިވެރިއަކު ބުނެފައި ވެއެވެ.

މިއީ މިހާތަނަށް މިފަދަ ދިރާސާއެއް ކުރި ފުރަތަމަ ފަހަރު ކަމުގައިވާއިރު، މި ދިރާސާކުރި ފަރާތްތަކުން ބުނެފައިވަނީ މިކަމާއި ގުޅޭ ގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ދިރާސާތައްވެސް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަމީން

    ވެއްޖެ ނަމައޭ..ކިޔައިގެން ތިޔަ ދައްކަނީ ކަނޑައެޅިގެން ނުވާނެ ކަމެއްގެ ވާހަކަ. އެއީ މާތްރަސްކަލާނގެ އިންސާނާގެ މަރު ގެންނެވުމައްފަހު ދެން ވާކަންކަން އަންގަވާދެއްވާފަ ވާތީ.

    35
    3
  2. ގަނޖ

    މަސްތުވާތަކެތި ބޯ ޒޮންބިން ވެސް މަދެން ނޫން ރާއްޖޭގެ ކޮންމެ ރަށެއްގައި އެބަ އުޅޭ

    39
    2
  3. ދޯނި

    ޤައުމު ޤައުމުގެ ވެރިންގެ ގޮތުގައި ޒޮންބީއަށް ވުރެ މާ ނުރައްކާތެރި އެއްޗެހި އެބައުޅޭ

    21
    2
  4. އޭނަ

    ކީރިތި ޤުރުއާން ބަލައިގެން ދިރާސާތައް ކުރަންމަސައްކަތްކުރޭ

    10
    2
  5. ރަދީފު

    "ޒޮމްބީ"ގެ ވާހަކަތައް ހަޤީޤަތަކަށް ވެއްޖެ ނަމަ އޭއްޗިޔި ގަޔަށް ގުއި ރޭނީ.

    6
    2
  6. ހަސަނު

    ނިއުކްލިއަރ ބާރު ނުވަތަ އެނޫންވެސް ބާރުގަދަ މާއްދާއެއްގެ ސަބަބުން އިންސާނުންގެ ތެރެއިން ބަޔަކު "އިންފެކްޓް"ވެ އެބައި މީހުންނަކީ އިންސާނުންނަށް ހުރި ނުރައްކަލަކަށް ވެދާނެ

  7. ޢަހަމަދު

    މާލޭ މގުތަކުން ޒޮންބީން ފެންނަވަރު މަދެއްނުން.. މި ރާއްޖޭގެ ހަގީގަތް..

  8. ކަޅުހުއްތު

    ނަމަ އެއްގައި ކެއްކޭނެ ރިހައެއް ނޯންނާނެ ކަމަށް މީހުން ބުނެ އުޅޭ... ޒޮމްބީއަކީ ފަރަންޖީން ގެންގުޅޭ ހިޔާލީ އެއްޗެއް