އެމެރިކާގެ ސިފައިންގެ މީހަކު އުތުރު ކޮރެއާއިން ހައްޔަރުކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 2021 ވަނަ އަހަރު އެމެރިކާގެ އަސްކަރިއްޔާ އާއި ގުޅުނު ޓްރަވިސް ކިންގް ނަމަކަށް ކިޔާ ސިފައިންގެ މީހާ މަސައްކަތް ކުރަމުން ގެންދިޔައީ ދެކުނު ކޮރެއާގައި ތިބޭ އެމެރިކާ ސިފައިންނާއިއެކު ޖޮއިންޓް ސެކިއުރިޓީ އޭރިއާގައެވެ.

ޓްރަވިސް ދެކުނު ކޮރެއާ އިން ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާގެ ސަރަހައްދަށް ވަނީ އަމިއްލައަށް ކަމަށާއި، އޭނާ އެކަން ކޮށްފައި ވަނީ އެމެރިކާ އަސްކަރިއްޔާގެ ހުއްދައެއް ނެތި ކަމަށް ސިފައިންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

ޓްވަރިސް މިހާރު ހުރީ އުތުރު ކޮރެއާގެ ސިފައިންގެ ބަންދުގައި ކަމަށް ގަބޫލުު ކުރެވޭ ކަމަށާއި އުތުރު ކޮރެއާގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން އޭނާގެ ހާލަތާއި ގުޅޭ މައުލޫމާތު ސާފުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެއެވެ.

ޓްވަރިސް އުތުރު ކޮރެއާގެ ބޯޑަރު ހުރަސް ކުރުމުގެ ކުރިން އޭނާ ދެކުނު ކޮރެއާގައި ހުރެ މީހަކަށް އަނިޔާކުރި މައްސަލައެއްގައި އެމެރިކާގެ އަސްކަރިއްޔާ އިން އޮތީ އޭނާއަށް ޑިސިޕްލިނަރީ ފިޔަވަޅު އަޅާފައެވެ. އެ ފިޔަވަޅާއި ގުޅިގެން އޭނާ އެމެރިކާ އަށް އަނބުރާ ފޮނުވާލަން އެމެރިކާ ސިފައިން އެސްކޯޓް ކޮށްގެން އޭނާ ދެކުނު ކޮރެއާގެ އެއާޕޯޓަކަށް ވެސް ގެންދިޔައެވެ. ނަމަވެސް އެއާޕޯޓަށް އޭނާ ވަނުމަށްފަހު އެއާޕޯޓުން އަމިއްލައަށް ނިކުމެގެން ގޮސް އުތުރު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާގެ ސަރަހައްދަށް އޭނާ ވަނީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާ އާއި އެމެރިކާ އަކީ ވަރަށް ވާދަވެރި ދެގައުމު ކަމަށްވުމުން އުތުރު ކޮރެއާގެ ބާރުގެ ދަށަށްދާ އެމެރިކާ މީހަކު ފަސޭހައިން މިނިވަން ކުރެވިދާނެ ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

އެމެރިކާ ސިފައިންގެ މީހަކު އުތުރު ކޮރެއާގެ ބެލުމުގެ ދަށުގައި ހުރިނަމަވެސް އެކަމާއި ގުޅޭ ގޮތުން އަދި މިހާތަނަށް އުތުރު ކޮރެއާ އިން އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.