އުތުރު ކޮރެއާ އިން އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް (އައިސީބީއެމް) އަށް ޝައްކުކުރެވޭ މިސައިލެއް ފޮނުވާލާފައިވާ ކަމަށް ޖަޕާނާއި ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފިއެވެ.

ޕިޔޮންގްޔޮން އިން މި ހަމަލާ ދީފައި މިވަނީ ދާދި ފަހުން އެމެރިކާގެ ޖާސޫސީ މަތިންދާ ބޯޓުން އެގައުމުގެ ސަރަހައްދަށް އަރައިގަތް ކަމަށް ބުނެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ. އުތުރުކޮރެއާއިން ވަނީ މިފަދަ މަތިންދާބޯޓުތައް ވައްޓާލާނެ ކަމުގެ އިންޒާރު މި ހަފުތާގެ ކުރީކޮޅު ދީފައެވެ.

ވޮޝިންޓަނުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް އެގައުމުގެ ހިންގާ އަސްކަރީ ޕެޓްރޯލްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ހިންގާ ޕެޓްރޯލްތަކެއް ކަމަށް ބުނެފައެވެ. އުތުރު ކޮރެއާއިން މިސައިލް ހަރަކާތްތައް ކުރިއަށް ގެންދިއުމާ ގުޅިގެން މި އަހަރު އެ ޕެނިންސިއުލާގެ ސަލާމަތީ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.

އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އެ ސަރަހައްދުގައި އަސްކަރީ ތަމްރީނުތައް އިތުރުކޮށްފައިވާއިރު، ޕިޔޮންގްޔަންގްއިން ހަތިޔާރު އުފެއްދުން އިތުރުކުރާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ.

މިދިޔަ އޭޕްރީލް މަހު ވެސް އެ ގައުމުން ވަނީ މިހާތަނަށް އެ ގައުމުގެ "އެންމެ ބާރުގަދަ" މިސައިލް ޓެސްޓްކޮށްފައިވާ ކަމަށް ބުނެފައެވެ. ބުދަ ދުވަހުގެ ހެނދުނު ޖަޕާނާއި ދެކުނު ކޮރެއާގެ އަސްކަރީ އޮފިޝަލުން ވަނީ ޕިޔޮންގްޔަންގްގެ މިސައިލް ހަމަލާތައް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެފައެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ބެލިސްޓިކް މިސައިލް ޓެސްޓްކުރީ މިދިޔަ ޖޫން މަހުގެ މެދުތެރޭގައެވެ.

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕިއޮންޔޮންގް އިން އެއް މިސައިލް ޓެސްޓު ކުރިއިރު، އެ ގައުމުން ވަނީ ހައި އޭންގަލް، ޝޯޓް ރޭންޖް ޓްރެޖެކްޓަރީއެއްގައި ބަޑި ޖަހައިފައެވެ. ނަމަވެސް އެމެރިކާގެ މެއިންލޭންޑަށް މިކަން ފޯރާނީ އެއަށްވުރެ ތިރިން ފޮނުވާލިނަމަ ކަމަށް ޖަޕާން ސަރުކާރުން އޭރު ބުނެފައިވެއެވެ.