ރަޝިއާ އާއި ޔޫކްރޭންގެ ދެމެދުގައި ކުރަމުން އަންނަ ހަނގުރާމައިގައި ޔޫކްރޭންގެ ސިފައިން ރަޝިއާ އާއި ދެކޮޅަށް އުތުރު ކޮރެއާގެ ހަތިޔާރު ބޭނުން ކުރަމުން ގެންދާ ކަމަށް ރަޝިއާ އިން ތުހުމަތު ކޮށްފިއެވެ.

އުތުރު ކޮރެއާގެ ނިކްލިއާ ހަތިޔާރުގެ މަޝްރޫއާއި ގުޅިގެން އދ.އިން ވަނީ އުތުރު ކޮރެއާ އާއިދެކޮޅަށް ގިނަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. އެފިޔަވަޅުތަކުގެ ސަބަބުން އެއްވެސް ގައުމުކުން އުތުރު ކޮރެއާ އިން ހަތިޔާރު ގަތުމާއި، އުތުރު ކޮރެއާ އަށް ހަތިޔާރު ވިއްކުމަކީ ވެސް މަނާ ކަމެކެވެ.

ނަމަވެސް ރަޝިއާގެ އޮފިޝަލުންނާއި ހަވާލާދީ ފައިނޭޝިއަލް ޓައިމްސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޑޮންބަސްގައި ގާއިމުވެގެން ތިބި ރަޝިއާ ސިފައިންނަށް އަމާޒުކޮށް ޔޫކްރޭން ސިފައިން ދިން ރޮކެޓް ހަމަލާތަކެއްގައި އުތުރު ކޮރެއާގެ ރޮކެޓްތަކެއް ވަނީ ބޭނުން ކޮށްފައެވެ.

އެނޫހުގައި ބުނެފައިވާ ގޮތުގައި ޔޫކްރޭނުން ބޭނުން ކުރާ އުތުރު ކޮރެއާގެ ރޮކެޓްތަކަކީ ވަރަށް ގިނަ ދުވަސްތަކެއް ވެފައިހުރި ރޮކެޓްތަކެކެވެ. ލަފާކުރެވޭ ގޮތުގައި އެރޮކެޓްތަކަކީ 1980 އާއި 1990 އާއި ދެމެދު އުފައްދާފައިވާ ރޮކެޓްތަކެއް ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

އުތުރު ކޮރެއާގެ ރޮކެޓްތައް ބޭނުން ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ޔޫކްރޭންގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ ކޮންމެ ތަނަކުން ލިބޭ ކޮންމެ ހަތިޔާރެއް ވެސް ރަޝިއާ އާއި ދެކޮޅަށް ޔޫކްރޭނުން ބޭނުން ކުރާނެ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު ދެގައުމަށް ވެސް ވަނީ ހަތިޔާރު ލިބުމުގައި ދަތިތައް ކުރިމަތިވެފައެވެ. ރަޝިއާ އިން ވެސް ގެންދަނީ އީރާނުން އުފައްދާ ހަތިޔާރުތައް ވެސް މިހަނގުރާމައިގައި ބޭނުން ކުރަމުންނެވެ. ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާންގެ ހަތިޔާރު ގަތުމަކީ ވެސް މަނާ ކޮށްފައި އޮންނަ ކަމެކެވެ.