ބޮލީވުޑް އަދި ހޮލީވުޑްގެ ކުޅަދާނަ ބަތަލާ ޕްެރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަންނަ މަހު އިންޑިއާގައި ކައިވެނިކުރާނެ ކަމަށް ރިޕޯޓުތަށް ބުނަން ފަށައިފިއެވެ.

ޕްރިޔަންކާއަށް 36 އަހަރު ފުރުނު ދުވަހު އެ ދެތަރިން އެންގޭޖް ވެފައިވާއިރު އޮކްޓޫބަރު މަހުގެ ތެރޭގައި އެ ދެތަރިން ކައިވެނިކުރާނެ ކަމަށް މީގެ ކުރިން ވަނީ އަޑުތައް ފެތުރިފައެވެ. އަދި އެ ދެތަރިން ކައިވެނި ކުރަން ނިންމާފައިވަނީ ހަވާއީގެވެ.

ނަމަވެސް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިކް އާއި ޕްރިޔަންކާ ކައިވެނިކުރާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ޖޯދްފުރްގެ އުމެދް ބަވަންގައެވެ. އަދި ކައިވެނީގެ ހަފްލާއަށް ދައުވަތުދެނީ 200 މީހުންނަށް ކަމަށާއި އެއީ ޕްރިޔަންކާއާއި ނިކްގެ އާއިލާގެ މެންބަރުންގެ އިތުރުން ބައެއް ގާތް ރައްޓެހިންނާއި ހެޔޮ އެދޭ ފަރާތްތަކަށް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ.

ނިކް އާއި ޕްރިޔަންކާ ރައްޓެހިވެގެން އުޅޭތާ 6 މަހަށް ވުރެއް ގިނަ ދުވަސްވެފައިވާއިރު ދާދި ފަހުން ވަނީ ޕްރިޔަންކާ ބަނޑުބޮޑުވެފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިފައެވެ. ނަމަވެސް އެކަން ޕްރިޔަންކާވެސް އަދި ނިކްވެސް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އުމުރުން 25 އަހަރުގެ ނިކް އާއި 36 އަހަރުގެ ޕްރިޔަންކާ ފުރަތަމަ ބައްދަލުވެފައިވަނީ މިދިޔަ އަހަރު ބޭއްވުނު މެޓް ގާލާއިންނެވެ. ޕްރިޔަންކާއާއި ނިކްގެ ކައިވެނި އަންނަ މަހު އޮންނާނެ ކަމަށް ރިޕޯޓުތަށް ބުނެފައިވާއިރު ބޮލީވުޑްގެ ދެތަރިން ކަމަށްވާ ރަންވީރު ސިންގ އާއި ދިޕިކާ ޕަދުކޯންގެ ކައިވެނިވެސް އަންނަ މަހު އޮންނާނެއެވެ. އެ ދެތަރިންގެ ކައިވެނި އޮންނާނީ އިޓަލީގައެވެ.