ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ސްޕައި ތުރިލާ "ސިޓަޑެލް" ގެ ވީޑިއޯ ކްލިޕްތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ސީރީޒްގެ ތިން އެޕިސޯޑެއް މިހާތަނަށް ނެރެފައިވާއިރު، އެމެޒޯން ޕްރައިމް ވީޑިއޯގެ "އެއް ވަނަ ޓައިޓަލް" ގައިވެސް އޮތީ މި ސީރީޒްއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕްރިޔަންކާއަށް ލިބޭ ކޮންމެ ކުރިއެރުމެއްގައި އަތްތިލަ ބަޑި ޖަހަން ހުންނަނީ ފިރިމީހާ ނިކް ޖޯނަސްއެވެ. ޕްރިޔަންކާގެ ފިރިމީހާއަކީ އޭނާގެ ނަމްބަރު 1 ފޭންއެވެ.

ނިކް ޖޯނަސް ވަނީ ޕްރިޔަންކާ އާއި ރޫސޯ ބްރަދާސް އިން ޕްރޮޑިއުސްކުރާ ޕްރޮގްރާމުގެ ކާސްޓުންނާއި ކްރޫއަށް މަރުހަބާ ކިޔާފައެވެ.

މިދިޔަ ހުކުރު ދުވަހު ނިކް ޖޯނަސް ވަނީ ޕްރިޔަންކާއާ އެކު އެ ސީރީޒްގައި ފެނިގެންދާ ރިޗަޑް މެޑެން އާއި ސްޓޭންލީ ޓުޗީއާ އެކު ފެނިގެންދާ ސިޓަޑެލް ޕޯސްޓަރެއް އިންސްޓަގްރާމް ސްޓޯރީޒްގައި ހިއްސާކޮށްފައެވެ.

ނިކް ލިޔެފައި ވަނީ "އަހަރެންގެ އަނބިމީހާ އަކީ ބޮސްއެއް" ކަމަށެވެ. އަދި މުޅި ސިޓަޑެލް އާއި ޕްރައިމް ވީޑިއޯ އާއިލާއަށް މަރުހަބާ ކިޔާ ކަމަށް ބުނެފައި ވެއެވެ.

މި ސީރީޒްއާ ގުޅޭގޮތުން އިއްޔެ ޕްރިޔަންކާ އަށް ވަނީ ވިޔަފާރިވެރިޔާ އާނަންދު މަހިންދްރާގެ ތައުރީފު ލިބިފައެވެ.

ސިޓަޑެލްގެ ފުރަތަމަ ތިން އެޕިސޯޑް މިހާރު ވެސް ޕްރައިމް ވީޑިއޯއިން ބެލޭނެއެވެ. އަދި މެއި 26 ގެ ފިނާލޭއާ ހަމައަށް ކޮންމެ ހުކުރު ދުވަހަކު އިތުރު އެޕިސޯޑްތައް ރިލީޒް ކުރާނެއެވެ.