އައިފޯނުން ސިއްރު މަޢުލޫމާތު ދެނެގަނެ އެޕަލް އައިޑީއަށް ބާރު ފޯރުވުމުގެ ގޮތުން ހެކަރުންގެ ޓީމަކުން، އައިފޯނު ބޭނުންކުރާ ގިނަ ބަޔަކަށް "ފޭކް" އީމެއިލެއް ފޮނުވަމުންދާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި އީމެއިލް ފޯނަށް ލިބެނީ، މިއުޒިކް ސްޓްރީމް ކުރާ ޚިދުމަތެއްގެ ނަމުގައެވެ. އެގޮތުން އެ ޚިދުމަތް އެކްޓިވޭޓް ކުރުމަށް 150 އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހޭއިރު އެކައުންޓު ވެރިފައި ކުރުމަށް އެޕަލް އައިޓީގެ މަޢުލޫމާތު ހިމަނައިގެން ފޯމެއް ފުރަން ޖެހެއެވެ.މި ފޯމުގައި ފައިސާ ދައްކަން އެދޭގޮތް އިޚްތިޔާރުކޮށް އެކައުންޓުގެ މަޢުލޫމާތުވެސް ހިމަނަން ޖެހެއެވެ.

އޮފިޝަލް އީމެއިލަކާއި ދާދި އެއްގޮތް ފޮނުވާ މި އީމެއިލުގައިވާ ލިންކަކުން ހުޅުވޭ ފޯމުގައި އެޕަލްގެ އައިޑީ އާއި ޕާސްވޯޑު ޖެހުމުން، އެ މަޢުލޫމާތު ވަގުތުން ހެކަރުންނަށް ލިބެއެވެ. އެއާއި އެކު އެޕަލް އެކައުންޓުގައި ރައްކާކުރެވިފައިވާ ހުރިހާ މަޢުލޫމާތެއް އެފަރާތްތަކަށް ލިބި އެކައުންޓުގެ ބާރު ނަގައެވެ.

މިކަމުގެ ސަބަބުން އައިކްލައުޑުގައި ރައްކާކޮށްފައި ހުންނަ ފޮޓޯ އާއި ވީޑިއޯ އާއި އެނޫންވެސް ބައެއް ތަކެއްޗަށް ހެކަރުންނަށް ވާސިލުވެވޭއިރު، މި މައްސަލަ ކުރިމަތިވެގެން ގިނަ ބަޔަކު މިހާރު ދަނީ އެކަން ރިޕޯޓުކުރަމުންނެވެ.

މިފަދަ އީމެއިލްތަކާއި ގުޅޭގޮތުން ކުރިން އެޕަލް އިން ބުނެފައިވަނީ، އެ ކުންފުނީގެ ފަރާތުން އެޕަލްގެ ލޮގިން މަޢުލޫމާތު ހޯދުމަށް އީމެއިލްގެ ޒަރިއްޔާއިން އެއްވެސް ފޯމެއް ނުފޮނުވާނެ ކަމަށެވެ. އަދި ވަކި ވެބްސައިޓެއް މެދުވެރިކޮށް ޕާސްވޯޑާއި އެނޫންވެސް އެފަދަ މުޙިންމު މައުލޫމާތަށް އެ ކުންފުނީގެ ރަސްމީ އެޕަލިކޭޝަނަކުން ނޭދޭނެ ކަމަށެވެ.

އެޕަލްއިން ބުނެފައިވަނީ، އެފަދަ މެއިލްއެއް ލިބިއްޖެނަމަ، އެ މެއިލް ކުންފުންޏަށް މައްސަލަ ހުށަހެޅުމަށް ޚާއްސަ އީމެއިލަށް ފޯވާޑު ކުރަންވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުން

    އަހުން ނަށް ވެސް ލިބުނު ދެފަހަރު ތިކަހަލަ މެސެޖެއް ބިޔަފާރި ކުރިއޭކިޔާފަ. އެކަމް އިނގޭ އެއީ ޕިޝިން/ސްޕާމް އެއްކަން. މަ އެޕަލް ބޭނުން ނުކުރާތާ އެތައް އަހަރުތަކެއް ވަނީ ހަހަހަަހހަ