ޒީނަތްތެރިނުވެވެސް އުޅެވިދާނެ ކަމަށާއި، އެހެން ނަމަވެސް ފިލްމު ކުޅުމާއި ދުރަށް ނުދެވޭނެ ކަމަށް، ބޮލީވުޑްގައި ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ސްރީލަންކާއަށް ނިސްބަތްވާ މަޝްހޫރު ތަރި، ޖެކްލީން ފެނާންޑޭޒް ބުނެފިއެވެ.

މިއަހަރު ނެރުނު މަޝްހޫރު ފިލްމް ސީރީޒް، "ރޭސް"ގެ ތިންވަނަ ބައިންވެސް ފެނިގެން ގޮސްފައިވާ ޖެކްލީން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ ދިރިއުޅުމުގައި އެންމެ ބޮޑު އިސްކަމެއް މިހާރު ދެމުންދަނީ އޭނާގެ ފިލްމީ ދާއިރާގެ ކެރިއަރަށް ކަމަށެވެ. އެހެންކަމުން އެ ކެރިއަރަށްޓަކައި ކޮންމެ ކަމަކާއިވެސް ކުރިމަތިލުމުގެ ހިއްވަރު ހުރިކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަންނަށް އިހުސާސް ކުރެވޭ ޒީނަތްތެރި ނުވެސް އަހަންނަށް ހަމަ ހަމަޖެހިލައިގެން އުޅެވިދާނެކަން. އެކަމަކު ފިލްމީ ދާއިރާގެ މަސައްކަތްތަކާއި ދުރުވުން އެއީ އެއްގޮތަކަށް ވެސް ވާނެ ކަމެއްނޫން،" ޖެކްލީން ބުނެފައި ވެއެވެ.

ޖެކްލީން ބުނެފައިވަނި ފިލްމީ ދާއިރާއަށްޓަކައި ޒީނަތްތެރިވުމާއި ރީތިވުމާއި ދޫކޮށްލަން ޖެހިއްޖެ ނަމަވެސް އިޚްތިޔާރު ކުރާނީ ދާއިރާގައި ދެމިހުރުން ކަމަށެވެ. އެއީ ފިލްމީ ދާއިރާގައި މަސައްކަތްކޮށް އުހަށް ދެވުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނަކަށްވާތީ ކަމަށް ޖެކްލީން ވަނީ ބުނެފައެވެ.

ޖެކްލީން އޭނާ ފިލްމީ ދާއިރާއަށް ހުންނަ ޝަޢުޤުވެރިކަން ހާމަކޮށް އިތުރަށް ބުނެފައިވަނީ، ފިލްމީ ދާއިރާއަކީ ރަނގަޅު ކެރިއަރެއް ކަމާއި މެދު ވަރަށް ގިނަ ބަޔަކު ސުވާލު އުފައްދާކަމަށެވެ. ނަމަވެސް އޭނާގެ ނަޒަރުގައި އެއީ ވަރަށް ރަނގަޅު ފައިދާކުރަނިވި ކެރިއަރެއް ކަމަށް ޖެކްލީން ވަނީ ބުނެފައެވެ.

"މިއީ އަހަރެން އަބަދުވެސް ކުރަން ބޭނުންވި މަސައްކަތް. އަހަރެން މި ދާއިރާގައި މަސައްކަތް ކުރަމުން ދަނީ ކުރާ ހިތުން އެކަމާއި ގަޔާވެގެން،" ޖެކްލީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު