ޓެކްނޮލޮޖީގައި ދުނިޔެ އާ އުސްމިންތަކަކަށް ވާސިލްވަމުންދާއިރު، މިފަހަރުވެސް މިއޮތީ "ސަޅި" އީޖާދެކެވެ. ފެންނަ ފެނުމަށް މިއީ ކަރުގައި އަޅާ ހާރެކެވެ. އެހެންނަމަވެސް މިއީ ހެޑްސެޓް އެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެ އާލާތެކެވެ.

"ވަން އެކޯސްޓިކް" ގެ ނަމުން ނަންދެވިފައިވާ ހާރަކީ ޖަރުމަނުގެ ޖެކްސްމޮޓެކް ކުންފުނިން އުފައްދާފައިވާ ހާރެކެވެ. ބޭރު ފުށުން ހާރެއްގެ ސިފަ ފެންނަ މި ހެޑްސެޓްގެ ޒަރިއްޔާއިން ކޮލެޓީކޮށް ލަވަ އަޑުއަހާލެވޭނެކަމަށް މި ހާރު އުފެއްދި ފަރާތުން ބުނެއެވެ.

މީގެ އިތުރުން، މި ހާރުގައި މީހުނަށް ގުޅައި ވާހަކަ ދެއްކުމަށްޓަކައި މައިކްރޯ ފޯންއަކާއި އަޑު މަޑުކޮށް ގަދަ ކުރުމަށް ފިތެއްވެސް ހިމަނާފައި ވެއެވެ. އަދި ލަވަ އަޑު އަހަމުންދާއިރު ލަވަ ސްކިޕް ކުރުމުގެ ޤާބިލުކަންވެސް ހާރަށް ލިބިފައި ވެއެވެ. ކުރުކޮށް ދަންނަވާނަމަ ހެޑްސެޓަކުން ކުރެވޭ ހުރިހައި ބޭނުމެއް މި ހާރުން ކުރެވެއެވެ.

 

ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ކުރެވޭގޮތަށް އުފައްދާފައިވާ މި ގަހަނާއަކީ 3.5 މިލިމީޓަރުގެ ޕްލަގަކުން ފޯނަށް ނުވަތަ އެމްޕީތްރީ ޕްލޭޔަރާ ގުޅާލެވޭ ހެޑްސެޓެކެވެ. 30 ޔޫރޯއަށް މި ހާރުު ވިއްކަމުންދާއިރު، ސީދާ ރަނުން ހަދާފައިވާ މިފަދަ ހާރުވެސް ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ވަން އެކޯސްޓިކް

ބޭނުން ކުރަން ފަސޭހަ އަދި ޒަމާނާއި ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި ހާރު މެދުވެރިކޮށް، ފޯން ކޯލެއް އައުމުން ނުވަތަ ލަވައެއްގެ އަޑު އަހާލަން ބޭނުންވުމުން، އޭގައިވާ އެއަރ ޕްލަގް ވަކިން ނަގައި ކަންފަތުގައިި ޖަހާލަންވީއެވެ. އަދި ހާރު އަޅައިގެން ހުންނައިރު ހެޓްސެޓް އަބަދު ކަންފަތަށް ޖަހައިގެން ހުންނާކަށް ނުޖެހޭނެއެވެ.