ދުނިޔޭގެ އެންމެ ރީތި ޖަވާހިރުގެ ގޮތުގައި މަޝްހޫރުވެފައިވާ، "ޕިންކް ލެގަސީ" ޑައިމަންޑް" ރެކޯޑް އަގަކަށް ވިއްކާލައިފިއެވެ.

ބަރުދަނުގައި ގާތްގަނޑަކަށް 19 ކެރެޓް ހުންނަ، މި ޖަވާހިރު ރެކޯޑް އަގެއް ކަމަށްވާ، 50 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފައިވާއިރު މިއީ މިބާވަތުގެ ޖަވާހިރެއް އެންމެ އަގުބޮޑުކޮށް ވިކުނު ފުރަތަމަ ފަހަރެވެ.

ސުވިޓްޒާލަންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނީލަމެއްގައި މި އަލިމަސް ގަނެފައިވަނީ އެމެރިކާގެ ބްރޭންޑެއް ކަމަށްވާ ހެރީ ވިންސްޓަންއިންނެވެ.

ވިވިޑް ޕިންކްގެ ގޮތުގައި ނަންދެވިފައިވާ މި ކުލައިގެ އަލިމަހެއް 10 ކެރަޓަށްވުރެ ބަރުކޮށް ގަންނަން ލިބުމަކީ ނާދިރު ކަމެކެވެ. މިއީ ދުނިޔޭގައި އެންމެ ބޮޑު އަގުގައި ވިއްކާލެވުނު ޖަވާހިރަށް ވާއިރު މި ޖަވާހިރުގެ ކޮންމެ ކެރަޓަކަށް 2.6 މިލިއަން ޑޮލަރުޖެހެ އެވެ.

ޖަވާހިރު ނީލަމުގައި ވިކިފައިވަނީ އެންމެ ފަސް މިނެޓެއްހާ އިރު ތެރޭ އެވެ. ނީލަމަށްފަހު ހެރީ ވިންސްޓަން އިން ވަނީ މި ޖަވާހިރުގެ ނަން "ވިންސްޓަން ޕިންކް ލެގަސީ" އަށް ބަދަލުކޮށްފަ އެވެ.

މި ޖަވާހިރު ނީލަން ކީ ކްރިސްޓީސް އިން ބުނެފައިވާ ގޮތުގައި މި ޖަވާހިރު އެންމެ ކުރިން ފެނިފައިވަނީ ސައުތް އެފްރިކާގެ ފަރުބަދައަކުން އެވެ.

ހެރީ ވިންސްޓަން އިން މި އަލިމަސް ގަތުމާއެކު، މި އަލިމަހުގެ ޓްރޭޑްމާކް ނަމަކީ ވިންސްޓަން ޕިންކް ލެގަސީ ކަމުގައި ވަނީ ކަނޑައަޅާފައެވެ. އަދި މިހާރު މި ޖަވާހިރު ވަނީ ގިނިސް ބުކް އޮފް ވޯލްޑް ރިކޯޑްސުން ވެސް ޖާގަ ހޯދައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު