ބޮލީވުޑްގެ ބަތަލް ޝާހްރުކް ޚާންގެ ގަޔަށް ގަލަން ދެލި ޖަހާނެ ކަމުގެ އިންޒާރު ދީފިއެވެ.

އިއްޔެގެ ވަގުތެއްގައި ގުރޫޕަކުން ޝާހްރުކްއަށް އެ އިންޒާރު ދީފައި ވަނީ އަންނަ ހަފްތާ ތެރޭގައި، ޝާހްރުކް ބޫބަނެސްވަރް އަށް 2018 ވަނަ އަހަރުގެ ފިރިހެން ހޮކީ ވޯލްޑް ކަޕްއަށް ޒިޔާރަތް ކުރާ އިރުގައި ކަމަށެވެ. ޗީފް މިނިސްޓަރ ނަވީން ވަނީ ޝާހްރުކްއަށް އެ މުބާރާތް ރަސްމީކޮށް ފަށާ ހަފްލާގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

ހެމަންތް ރަތު ކިޔާ އެ ގުރޫޕްގެ މީހަކު ބުނިގޮތުގައި، ސަލްމާން އެ މީހުން ކައިރިން މައާފަށް އެދެން ޖެހޭނެއެވެ. ސަބަބެއް ކަމަށް އޭނާ ބުނެފައި ވަނީ، އަޝޯކާ ފިލްމްގައި އޮޑިޝާގެ މީހުންނާއި ބެހިފައިވާތީ ކަމަށެވެ. އަޝޯކާއަކީ މީގެ 17 އަހަރުގެ ކުރީގެ ފިލްމެކެވެ.

މި މަހުގެ އެއް ވަނަ ދުވަހު އެ ގްރޫޕްގެ މީހުން ވަނީ ފުލުހަށްވެސް އެ މައްސަލަ ހުށަހަޅާފައެވެ. އެމީހުން ފުލުހަށް ހުށަހެޅި އެ މައްސަަލާގައި ބުނެފައި ވަނީ، އިންޑިއާގެ އޮޑިއާގެ މީހުން ދެކޭ ނަޒަރިއްޔާތަށް އިހުތިރާމު ނުކޮށް، ކަލިގާ ހަނގުރާމަ އެހެން ގޮތަކަށް މާނަކޮށްފައި އެ ފިލްމް ގެނެސްދީފައިވާކަމަށެވެ.

އެ ގުރޫޕުން ބުނީ، ޝާހްރުކްގެ ގަޔަށް ގަލަން ދެލި ޖަހާ އޭނާއަށް ކަޅު ދިދަ ކޮންމެ ތާކުންވެސް ދައްްކަނެ ކަމަށެވެ. އަދި އެކަން ކުރާނީ އޭނާ އެއާޕޯޓުން ފައިބާ ގަޑިން ފެށިގެން ކަމަށާއި، އެކަމަށް މީހުން ތައްޔާރަށް ތިބޭނެކަމަށް ވަނީ ބުނެފައެވެ.

އަޝޯކާ ނެރެފައި ވަނީ 2001 ވަނަ އަހަރުއެވެ. އޮޑިޝާގެ ތިއޭޓަރުތަކުގައި އެ ފިލްމް އެޅުވިޔަ ނުދޭން ވެގެން މުޒާހަރާތައްވެސް ކުރިއެވެ.