ގޮތްނޭގޭ "އެއްޗެއް" ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުން ހަނދު ހުރަސްކުރާ މަންޒަރު ފެންނަ ފުޓޭޖެއް ޢާންމުވެއްޖެއެވެ.

މީސްމީޑިއާގައި އާއި ބައިނަލްއަޤުވާމީ ނޫސްތަކުގައި މިހާރު ދައުރުވަމުންދާ މި ފުޓޭޖުން ފެންނަނީ، ހަނދުގެ މަތިން ކަޅުކުލައިގެން އެއްޗެއް، ނުވަތަ އެއްޗެއްގެ ހިޔަންޏެއް ބާރު ދުވެލީގައި ހުރަސްކުރާ މަންޒަރެވެ.

މިޗިގަންގެ ސިޓީއެއް ކަމަށްވާ ޑިއަރބޯން ހެއިޓްސްގެ ޖައްވީ ކަންތައްތައް ދިރާސާކުރާ އިދާރާއަކުން ނަގާފައިވާ މި ފުޓޭޖާއި ގުޅޭގޮތުން، އެ އިދާރާގެ އޮފިޝަލަކު ބުނެފައި ވަނީ، މި މަންޒަރު ފެނިފައިވަނީ އެފަރާތުން ހަނދުގެ ވީޑިއޯއެއް ނެގުމަށް މަސައްކަތް ކުރަމުން ދަނިކޮށް މި މަހުގެ ދެވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

މިއީ ގޮތްނޭނގޭ އުޅަނދެއް ކަމަށް ވެދާނެ ކަމުގައި އެއިދާރާއިން ބުނެފައިވާއިރު، އޮފިޝަލް ބުނީ އެ އުޅަނދު ދަތުރުކުރަމުންދިޔައީ ހަނދުގެ ވާއަތްފަރާތަށް ކަމަށާއި، އޭގެ މާގިނައިރެއް ނުވެ ހަނދުގެ އަނދިރި ފަޅިއަށް އަރައި ގެއްލުނީ ކަމަށެވެ. އަދި އޭގެ ފަހުން އެ އުޅަނދުގެ އެއްވެސް ހިލަމެއް ނުވާކަމަށް އޭނާ ބުނެފައި ވެއެވެ.

https://www.youtube.com/watch?v=-RO-fCWB9v4

މިކަމާއި ގުޅިގެން ތަފާތު އެކި ވާހަތަކައް ދެކެވެމުންދާއިރު، ބައެއް ދިރާސާވެރިން ބުނެފައި ވަނީ މިއީ ޖައްވަށް މީގެ ކުރިން ފޮނުވާލެވުނު ސެޓެލައިޓެއް ނުވަތަ އުޅަނދެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ މިއީ އޭލިއަނުން ދަތުރުކުރި "ޔޫއެފްއޯ"އެއް ކަމަށެވެ. އަދި ޔޫއެފްއޯއެއްގައި ހުންނާނެ ހުރިހައި ސިފައެއް މި ފުޓޭޖުން ފެންނަ އުޅަނދަށް ލިބިފައިވާ ކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ.

ދާދިފަހުން އެޓްލާންޓިކް ކަނޑުގެ ސަރަޙައްދާއި ދިމާލުން ދަތުރުކޮށްފައި ދިޔަ އެމެރިކާގެ ނޭވީއަށް ނިސްބަތްވާ ޖެޓަކުން ދަތުރުކުރި ސިފައިންތަކަކަށް ވެސް ގޮތްނޭނގޭ މިފަދަ އުޅަނދެއް ފެނިފައިވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯތައް ޢާންމު ކުރުމުންވެސް، އެއީ ޔޫއެފްއޯއެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ނަމަވެސް މި ހާދިސާތަކާއި ގުޅޭގޮތުން، އެމެރިކާގެ ޖައްވީ އިދާރާ، ނާސާ ނުވަތަ އެނޫންވެސް ރަސްމީ ފަރާތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    މަށަށްވެސް ހީވަނީ ތިޔައީ އޭލިއަނެއްހެން.

  2. މަރޭ

    މަށަށް ހީވަނީ ތިޔައީ ހެން އެބުނާ "ވެއްޓެނީ".މަޑުމަޑުން އަންނާނެ އައިސް ވެޢްޓޭނެ.

    • ާައަޔޫފް

      ތިވެދާނެ އެސްޓުރޮއި ހިލަ އެއް ކަމަށްވެސް...