ބައެއް މީހުންނަކީ، ހަށިގަނޑުގެ ބައެއް ކަންކަން ހުންނަ ގޮތުން ވަރަށް އަވަހަށް ފަލަވާ މީހުންނެވެ. ހަފްތާއެއްހާ ދުވަހު، ބައެއް ޒާތުގެ ކާއެއްޗެހި ބޭނުންކޮށްފިކަމުގައިވާނަމަ، ބައެއް މީހުން ވަރަށް އަވަހަށް ފަލަވެ، ބަރުދަން އިތުރުވެއެވެ. މިކަމުގެ ސަބަބުން ބައެއް މީހުންނަށް، އެމީހުން ކާހިތްވާ އެއްޗެއްސާ ދުރުގާވެސް އުޅެން ޖެހެއެވެ.

އެހެންނަމަވެސް، މިކަމަށް ހައްލެއް ހޯދިފައިވާކަމަށް ސައިންސްވެރިންގެ ޓީމަކުން ވަނީ ބުނެފައެވެ.

ފްލިންޑާސް ޔުނިވަރިސިޓީ އާއި ޔުނިވަރސިޓީ އޮފް ޓެކްސަސް ސައުތުވެސްޓަރން މެޑިކަލް ސެންޓަރު ގުޅިގެން ކުރަމުންދާ ދިރާސާއެއް ހެދުމުގައި ހަރަކާތްތެރިވާ ސައިންސްވެރިން ބުނެފައިވާ ގޮތުގައި، ފަލަ ނުވެ ބޭނުންވާހާ އެއްޗެއް ކެއުމަށް، އެމީހުންނަވަނީ ހައްލެއް ހޯދިފައެވެ.

އެފަރާތްތަކުން ބުނާ ގޮތުގައި މިކަން ކުރާނީ ހަމަ އެންމެ ބޭސް ގުޅައެއް ބޭނުންކޮށްގެންނެވެ. އާރްސީއޭއެން1 ނަމަކަށް ކިޔާ ޖީން އެއް އެމީހުން ދެނެގަނެފައިވާއިރު މި ބޭސް ބޭނުންކޮށްގެން މި ޖީންގެ މަސައްކަތްތައް ހުއްޓުވާލައެވެ. މި ޖީން އަކީ މީހާ އަވަހަށް ފަލަވާން މަގުފަހިކުރުވާ އެއްޗެއްކަމަށް އެމީހުން ބުނެއެވެ.

މި ބޭހުގެ ޓެސްޓުތައް، ސައިންސްވެރިން މިހާރުވަނީ ކޮށްފައެވެ. މީދާ ބޭނުންކޮށްގެން ދިރާސާތައް ކޮށްފައިވާއިރު، އަދި ފެންނަ ފެނުމަށް ނަތީޖާތައް ރަނގަޅުކަމަށް އެމީހުން ބުނެއެވެ. އެހެންކަމުން، ހަމަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި ބޭސްގުޅަ ބާޒާރަށް ނެރެވޭނެކަމަށް ސައިންސްވެރިން އުންމީދު ކުރެއެވެ.

ސައިންސްވެރިން އިތުރަށް ބުނި ގޮތުގައި މިކަމުގައި އެއްވެސް ގެއްލުމެއްވެސް ނޯންނާނެއެވެ. ސަބަބަކީ މި ޖީން އަކީ ކާ ކާނާގެ ކެލޮރީތައް ރައްކާކުރަން މަސައްކަތް ކުރާ އެއްޗަކަށްވެފައި، ބޭހުގެ ސަބަބުން މި ކެލޮރީތައް އަންދަން ޖީން މަސައްކަތް ކުރާނެތީއެވެ.

ކޮންމެއަކަސް، މިއީ އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ އެއްޗަކަށްވާނެކަން ޔަޤީނެވެ. އެހެންނަމަވެސް، އަދިވެސް ބޭނުންހާ އެއްޗެއް ކެއުމަކީ ޞިއްޙަތަށް އެންމެ ރަނގަޅު ގޮތްކަމުގައި ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު